ދީނީ އަދި ގާނޫނީ ގޮތުން އިލްމް ހާސިލު ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ މިއަދު އެ ބޭފުޅުންގެ މައްޗަށް ކުރި ޖަލު ހުކުމާއި އެކު ބާތިލު ކޮށްފިއެވެ.

ދެ ފަނޑިޔާރުންނާއި ރައީސް މައުމޫޫންގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު ހުކުމުގައި ވަނީ އެ ބޭފުޅުންނަކީ ދީނީ އަދި ގާނޫނީ އިލްމު ހާސިލް ކުރައްވައިގެން ތިއްބެވި މުހިންމު މަގާތަކުުގައި ތިއްބެވި ބޭފުޅުންނަށް ވެފައި އެފަދަ މަގާމުތަކެއްގައި ތިއްބަވައިގެން އެފަދަ އަމަލެއް ކުރެއްވުމުން އެބޭފުޅުން ދީނީ ނަސޭހަތް ދިނުމަށާއި، ގާނޫނީ ވަކީލުކަން ކުރުމަށް އަހްލާގީ ގޮތުންނާއި ސުލޫކީ ގޮތުން އެކަށީގެން ނުވާތީ އެ ކަންތައް ކުރުމުގެ ހުއްދަވެސް ބާތިލް ކުރާ ކަމަށް ބަޔާން ކޮށްފައެވެ.

މި ބޭފުޅުންގެ ހުއްދަތައް ބާތިލުކޮށްފައިވާއިރު މިއީ ދައުވާގައި ދައުލަތުން އެދިފައި ނުވާ ކަންތަކެއް ކަން ވެސް ފާހަގަ ކޮށްލެެވެއެވެ.

މައުމޫން އަބްދުލް ގައްޔޫމް އަކީ ދިވެހި ރާއްޖޭގައި ދީީނީ ގޮތުން އެންމެ މޮޅަށް ތައުލީމު ލިބިވަޑައިގެން ހުނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަރާތެކެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަކަކީ ގާނޫނީ ރޮނގުން އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.

ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި ހުކުމުގެ މުއްދަތާާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އުއްތަމަ ފަނޑިޔާރަށް ފުރުސަތު ދެއްވުމުން ވިދާޅުވީ ބޭނުންފުޅު ވަނީ ގާނޫނީ ވަކީލަކާއެކު ކުރިއަށް ގެންދަވަން ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފަކުން ނޫން ކަަމަށާއި ޝަރީއަތާއި ގާނޫނާއި ހިލާފަަށް ކަމަށް ތިން ބޭފުޅުން ވެެސް ވަނީ ވިދާޅުވެފައެވެ.

މިއަދު 1:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ އެ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން ފަސް މިނެޓުގެ މެދުކެނޑުމަކަށް ފަހު ހުކުމް ކުރުގެ މަޖިލީސް ކުރިއަށް ގެންދާނެ ކަމަށް ގާޒީ ހާމަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދް

    الحمدالله، ދީނީ ނަސޭހަތްދިނުމުގެ ދޮރު މައުމޫނަށް ބަންދުވެ އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ކޯޓުން ބާޠިލު ކުރިކުރުމަކީ މި رمضان މަހުގައި الله އަހަރުމެން ދިވެހި ރައްޔިތުންނަށް މިންވަރު ކޮއްދެއްވި ނުހަނު ބޮޑު ހެޔޮކަމެކެވެ.
    ސަބަބަކީ މިސްކިތް ތަކުގައި ހެދޭ ފަރުލު ނަމާދުގެ ޖަމާޢަތަށް އުޛުރަކާނުލާ ހާޒިނުވާ ފިރިހެންމީހާއަށް ކޮން ޙައްގެއްތޯ އޮތީ އެހެން މީހުންނަށް ދީނުގެ ނަސޭހަތްދޭން!؟

  2. ބަރުގޮނު

    އެއީ އެބޭފުޅުން ޖަލުގައި ނަސޭހަތް ދެއްވާފާނޭތީ ބާ.

  3. ނެފިނެސް

    ނުކުރާ ދައުވާއަކަށް ޚުކުމް ކުރުމަކީ ވެގެންވާނެ ކަމެއްނޫން ކޮންމެމީހަކަށް ލިބިފައިވާ ދީނުގެ ޢިލްމަކީ އަނެއްބަޔަކަށް ފޯރުކޮށްދިނުމަކީ ކިފާޔަތުގެ ފަރުޟެއް އެހެންވީމާ މިއިއްވި ޚުކުމުގައި ފޫނުބެދޭ ކަންތަށްތަކެއްވޭ އިސްތިއުނާފްކުރީމާވާނީ ކިހިނެއްބާ !!!!!!!

  4. ޖާން

    ފަރުޟު ފަސްނަމާދުނުކޮށް އަހްމަދު ކަލެޔަށްކޮން ހައްގެއްތޯއޮތީ މުސްލިމެކޭ އަހަރުމެންގެ ދީނޭ ކިޔަން އޮތީ.

  5. އާދެ އަޅުގަނޑު

    ތިމާއަށް ﷲ މިންވަރު ކުރައްވާފައިވާ ޢިލްމެއް މީސްތަކުންނަށް ފޯރުކޮށް ދެއްވުމަކީ ވާޖިބެއް ކަމުގައި ދީނުގައި ކަނޑައެޅިފައި ވާއިރު، އެބޭފުޅުންގެ ކިބައިން އެކަން މަނާކުރުމަށް ތަނެއްގައި އިން ޤާޟީ އަކަށް އޮތީ ކޮން ޙައްޤެއްތޯ އެވެ؟