ވެކްސިން ޖެހުން ފަސޭހަ ކޮށްދެއްވުން އެދި އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ "އާދޭސް ދަންނަވައިފިއެވެ."

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ރަމަޟާން މަހު ކުރިއަށް ގެންދާއިރު ވެކްސިން ސެންޓަރުތައް ވަނީ ތޮއްޖެހިފައެވެ. ވެކްސިން ޖަހަން ބައެއް ފަރާތްތަކުން ދެތިން ގަޑިއިރު ވެސް ކިއުގައި ތިބެން ޖެހެއެވެ. އެކަމުގެ ޝަކުވާ ބޮޑުވުމުން ވެކްސިން ޖެހުމަށް އޮންލައިންކޮށް ނަމްބަރު ދޫކުރުން ވެސް ދާދިފަހުން ފެށިއެވެ. ނަމަވެސް ރޭ ވަނީ އެހިދުމަތް ހުއްޓާލާފައެވެ. މިހާރު އަނެއްކާވެސް ނަމްބަރު ލިބެނީ ވެކްސިން ސެންޓަރުތަކުގައި ކިއު ޖެހިގެންނެވެ.

ވެކްސިން ޖެހުމަށް އެތައް އިރަކު ކިއުގައި ތިބެން ޖެހޭތީ މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ޑރ.މުހައްމަދު އަލީ ވިދާޅުވީ "ވެކްސިން ޖެހުމަށް ފަސޭހަކޮށްދެއްވާ. އާދޭސް ދަންނަވަން." ކަމަށެވެ.

ޑރ.މުހައްމަދު އަލީ އަކީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރެކެވެ.

ރާއްޖެ އިން ކޮވޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އައި ގޮތައް ވެސް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. ދެވަނަ ޑޯޒް ދެމުން އަންނަ ގޮތައް މިހާރު ބަދަލު ގެނެސްފައި ވަނީ ރާއްޖޭގައި މިވަގުތު ހުރި ކޮވިޝީލްޑް ވެކްސިން، މިހާރު ފުރަތަމަ ޑޯޒް ދީފައިވާ އެންމެނަށް ދެވޭވަރަށް ނެތުމުންނެވެ. ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑްގެ ކިހައި ވެކްސިނެއް ކަމެއް އެޗްޕީއޭ އިން ނުބުނެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރާއްޖޭގައި މިހާރު ކުރި ކޮވިޝީލްޑް ވެކްސިންގެ އަދަދު ދެތިން ހާހަށްވުރެ ވެސް މަދުވާނެއެވެ.

ރާއްޖެ އިން ވަނީ ކޮވިޝީލްޑްގެ ވެކްސިންގެ ހަތްލައްކަ ޑޯޒް ސިންގަޕޫރުގެ އެސްޓްރާޒެނެކާ އިން ގަތުމަށް ފައިސާ ދައްކާފައެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް އަދަދެއްގެ ވެކްސިނެއް އަދި ނުލިބެއެވެ. އަދި އިންޑިއާގެ ސީރަމް ކުންފުނިން ތިންލައްކަ ޑޯޒްގެ ވެކްސިން ވެސް ރާއްޖެ އިން ވަނީ ގަނެފައެވެ. އޭގެތެރެއިން އެއްލައްކަ ޑޯޒް ވަނީ ލިބިފައެވެ. ނަމަވެސް މިހާރު އިންޑިއާ އިން ވަނީ ވެކްސިން އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. އެހެންކަމުން ރާއްޖެ އަށް ވެކްސިން ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މިހާރު ވަނީ އިތުރުވެފައެވެ. ޑޮކްޓަރުން ލަފާދެއްވަނީ އަވަހަށް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހަޖަމު

  ޑޮކްޓަރުން ރޮއިހޭރި އާދޭސް ދަންނަވާއިރު މީއީ ފަހެ ބީރު ކަނު ސަރުކާރެއްތޯ؟

  15
  3
 2. އިއްބެ

  ތީ ބަލި މީހަކު އާސަންދަ އަށް އެދުނަސަ ތިމާމެން މީ އެންމެ މޮޅުމީހުންކަމުގަ ދެކޭ މީހުން ، ބަލި މީހުން އިތުރު ފަރުވާ ނުލިބިގެން އާސަންދަ ހޯދަން އާދޭސް ކުރާއިރު އެ އަޑު ނާހާ ދެން ކޮން އާދޭހެއް ކުރާކަށް!
  މަގުބޫލުކަން ހޯދަން ނޫން ދެން ކޮންކަމެއް!!!

  10
  6
 3. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

  ތިވެކްސިނުން އެއްވެސް ފައިދާއެއްކުރޭބާ؟ މިހެން މިއަހާލެވެނީ ތިޔަވެކްސިންއުފެއްދި އިންޑިޔާގައި ކޮވިޑްގެ ހާލަތު ދުވަހެއްދުވަަހަކަށް ގޯސްވަމުންދާތީ އިންޑިޔާ މީހުނަށް ވެކްސިން ނުދެނީތޯ ނޭގޭތީ. މިރާއްޖޭގައިވެސް ތިޔަ ވެކްސިންދޭން ފެށިފަހުން ކޮވިޑްޖެހޭ މީހުން އަންނަނީ އިތުރުވަމުން. މީފެންނަންހުރި ހަގީގަތް.

  1
  1
 4. ބެއްޔާ

  ޑޮކްޓަރޫ.. އައިޖީއެމްގެ އެތެރެހަށި މިވަގުތު ކިހިނެއްތޯ؟

 5. އިއްބެ2

  މި މީހުން ބޭނުން ކުރާ ޓެސްތް ރެޓް ތަކެކޭ އިންސާނުން ނަކީ. އާސަންދައަކީ މިމީހުންގެ މުސާރައިން ދައްކަން ޖެހޭ އެއްޗެއް ވީމަ ބަލި މީާ އަދި އާއިލާ އެދުނަސް ނުދޭނެ ނުން. މި މީހުންނަށް ވުރެން މޮޅެތި ޑޮކްޓަރުންނެއް ނުތިބޭނެ އެހެން ޤައުމަކު.....

 6. ކާންޓޭ

  މިސަރުކާރުން ވެކްސިން ގަތުމުގައިވެސް ކެޑީ ފޮނި! ޖެހުމުގައިވެސް ކަޑަނީ ފޮނި! ޜައްޔިތުން ނަށް ޖައްސަނީ ހުރިހާކަމެއްގާވެސް ދުއްތުރާ!އަޑީގައި މަކަރާއި ދޮގާއި ކެހިވެރިކަން!ތިމާގެ ކިބައިގާ ގާބިލް ކަން ނެތް އިރުވެސް ދެމިހުންނަން ބޭނުންވަނީ ވެރިކަމުގައި!

 7. މޮޔަ ނަސީދު

  އަހަރުމެން ނޫޅެން ތި ވެކްސިން ޖަހާކަށް ކަލޭ ތިވެކްސިން ޖަހާގެން ކާގެން ހުރެއްބަލަ

 8. ޝައްފަ

  ޑީ.އެން.އޭ އަށް ވަންނަ ބޭހެއް ނުހުރެޔޭ ކިޔާފަ ތުއި އަންހެނެއްހެން ބިނދިބިނދިފަ ހީހީފަ އުޅުނު މީހާ މިއީ. ގޫގަލް ގަ ޖަހާލަ ބަލަ، "ޑްރަގްސް ދެޓް އެންޓަރ ދަ ޑީ.އެން.އޭ". އަރާނެ ވަރަށް ގިނަ ބޭސް !

  2
  1
 9. ދަރަނި ދަންތުރަ

  ތިކަމަށް ވެސް ހައްލެއްލިބޭނީ ކެނެރީގޭ ފައްޅިބޭ ބަސްފުޅެއް ވިދާޅުވީމާ ، ދެން ބުނަންޖެހޭނީ އެކަންވެސް ހައްލުކޮށްދިނީ ލާދީނީ ބޮޑުވަޒީރޭ ...