އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބިލަށް ގެނެސްފައިވާ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގައި އަދި ގާނޫނުގައި ވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ދީފައި އޮންނަނީ ހެލްތު މިނިސްޓަރަށެވެ.

އެކަމަކު ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއިން ވަނީ ރައީސަށް އެ ބާރު ދެވޭ ގޮތަށް ބިލު ބަދަލުކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހަޅުއްވަމުން މެންބަރު ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުން ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެގެން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދުމުން މަޖިލީހަށް ދީފައިވާ ލަފާގައިވާ ގޮތުން ގާނޫނުއަސާސީގައި ހިމެނޭ ކުއްލި ހާލަތާއި ގާނޫނުގައި ހިމެނޭ ކުއްލި ހާލަތަކީ ދެ ހާލަތު ކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރައީސަށް އެ ބާރު ދެވޭ ގޮތަށް ޖުޑިޝަރީ ކޮމިޓީއިން ގެނެސްފައިވާ އިސްލާހް ނެގުމަށް ޝާހިދު ހުށަހެޅުއްވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ބިލުގައި ހިމެނޭ މައިގަނޑު ދެ ކަމާ ގުޅޭ ގޮތުން ވެސް ޚިޔާލު ތަފާތު ވުން އެބަ އޮތެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހަށް ރުހުން ދޭން އޮތް މާއްދާ ފާސްކުރުމާ މެދު ވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ޚިޔާލު ތަފާތުވުން އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ބޭނުން ވަނީ އާންމު ސިއްހަތުގެ ގާނޫނު މިހާރު އޮތް ގޮތަށް ބޭއްވުމަށެވެ. އެއީ މަޖިލީހަށް ގަރާރުގެ ރުހުން ހޯދާ ގޮތަށް ބިލު ބަދަލު ނުކުރުމަށެވެ. އަދި ރައީސަށް އެ ބާރު ދިނުމުގެ ބަދަލުގައި ހެލްތު މިިނިސްޓަރަށް މިހާރު ވެސް ދީފައިވާ ގޮތަށް ބާއްވަން އެމްޑީޕީގެ ބައެއް މެންބަރުން ބޭނުންވެއެވެ.

ބިލު ދިރާސާ ކުރި ޖުޑިޝަރީ ކޮމިޓީއިން ބިލުގައި މި ދެބައި ވެސް ހިމަނައިގެން ބިލު ތަޅުމަށް ގެނެސްފައި މި ވަނީ އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރުގެ ބޭނުންކޮށް އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުއްލި ހާލަތެއް ވަޒީރަކަށް އިއުލާން ކުރުމުގެ ބާރާއި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނުގައި ވަނީ ގާނޫނު އަސާސީއާ ފުށު އަރާ ގޮތަށް ކަމަށް ބުނެއެވެ.