ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖެއްގެ ލިޔުން ނުވަތަ "ގަރާޖް ސިޓީ" ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލް އިތުރަށް ދިރާސާ ކުރަން އަނބުރާ ބިލު ދިރާސާ ކުރި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުގެ މަތިން ގަރާޖު ސިޓީ އުވާލަން ކޮމިޓީއިން ވެސް ފާސްކޮށް ތަޅުމަށް ބިލު ގެނައުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ބިލް ފާސްކުރަން ތާއީދު ނުކުރައްވާ ކަން ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި މެންބަރުންނެވެ.

މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

މި ހުށަހެޅުއްވުން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓް ދެއްވިއެެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ މެންބަރަކު ވެސް އިންނެވިއެވެ.

މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ގަރާޖު ސިޓީ އުވާލުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މާލެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ ނުލައި އެއްވެސް ހިފެހެއްޓުމެއް ނެތި ވެހިކަން އިތުރުވާ ގޮތަށް ގާނޫނެއް އިސްލާހު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ވާހަކަތަކަށް ކޮމިޓީގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ރައްދު ދެއްވާފައިވެސް ވެއެވެ. މި ގޮތުން މި މެންބަރުން ފާހަގަކުރައްވާފައި ވަނީ މީގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެވެ. އަދި ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ސިޓީއަށް ނުވަތަ ރަށަށް އެތެރެ ކުރެވޭނެ އުޅަނދުފަހަރުގެ ކޯޓާ ކަނޑައެޅުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް އަންނާނެ ކަމަށް މެންބަރުން ގަބޫލު ކުރައްވައެވެ.