އެކައުންޓިން ކިޔަވާ ދަރިވަރުންނަށް ހާއްސަ "ގެޓް ދެޓް ޑިސްޓިންކްޝަން" ފޮތް ނެރެފިއެވެ.

މަޖީދީއްޔާ ސުކޫލުގެ އެކައުންޓް ޓީޗަރު ހުނައިޝާ ހަސަން އެކުލަވާލެއްވި މި ފޮތް ނެރެދެއްވީ މިނިސްޓަ އެޓް ސްޓޭޓް ފޯ އެޑިއުކޭޝަން އެޓް ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދެވެ.

ގެޓް ދެޓް ޑިސްޓިންކްޝަންގެ ނަމުގައި އެކައުންޓް ކިޔަވާ ދަރިވަރުންނަށް ހާއްސަ ފޮތެއް ނެރެދެއްވި ހުނައިޝާ ހަސަން ވިދާޅުވީ މިއީ ވަރަށް ކުރިން ފެށިގެން ކުރަމުން އައި އުއްމީދުތަކާ ގުޅިފައިވާ ފޮތެއް ކަމަށެވެ.

އަދި ދަރިވަރުންނަށް ފަސޭހަ ގޮތަކަށް އެކައުންޓިންގް ކޮންސެޕްޓް ނަގައިގަނެވޭނެހެން ރިވިޝަން ކިޓެއް ނެރެވުން ވެގެން ދިޔައީ އުންމީދުގައި ކުލަ ޖެއްސުން ފަދަ ކަމަކަށް ކަމަށާއި، އެކަން ކުރުމަށް ދުވަސްތަކެއް ބޭނުންވީ އުޅެން ޖެހިފައިވާ ބުރަކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިކަމަށް ހުސްވާން ވަގުތު ލިބުނީ ކޮވިޑް-19ގެ ފުރަބަންދުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހުނައިޝާ ވިދާޅުވީ ހަތަރު ފޮތެއް ހިމެނޭ މި ރިވިޝަން ކިޓަކީ އެކައުންޓް ކިޔަވާ ކޮންމެ ދަރިވަރަކަށް ވެސް ވަރަށް ފައިދާ ކުރާނެ ފޮތެއް ކަމަށެވެ. ހާއްސަކޮށް ގްރޭޑް 10 އެއް ކިޔަވަމުންދާ އަދި އައިޖީސީއެސްސީ އިމްތިހާނަށް ތައްޔާރުވަމުންދާ ކުދިންނަށް މި ފޮތުގެ ފައިދާ ކުރާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ރިވިޝަން ނޯޓްސް އާއި، އެމްސީކިއު ސުވާލު ކަރުދާހަކާއި ސްޓްރަކްޗާޑް ސުވާލު ކަރުދާހަކާއެކު ޖަވާބް ކަރުދާސް މި ފޮތުގައި ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފޮތް އެކުލަވާލައިފައި ވަނީ އައިޖީސީއެސްސީ އެކައުންޓިންގް 0452 މާއްދާގެ ސިލަބަސް ހިމަނައިގެންނެވެ. އަދި ކޮންޓެންޓް ހުލާސާކޮށް ގާތް ގަނޑަކަށް 50 ސަފްހާ އެކުލަވާލައިފައި ވާއިރު މަސައްކަތް ކޮށްފައިވާނީ ކުދިން ޝައުގުވެރިވެ ދެނެގަންނަން ފަސޭހަ ވާނެ ގޮތަކަށް ހެދޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދަސްކުރަން ފަސޭހަ ވެފައި ދަސްކުރާ އެއްޗެހި ގިނަ ދުވަހު ހަނދާނުގައި ބެހެއްޓުމަށް އެހީވެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓޮޕިކް ވައިސްކޮށް އެކުލަވާލައިފައި ހުރި މި ފޮތުން އެކުއްޖަކު ކިޔަވަމުންދާ ފިލާވަޅެއް ބަލައި ކިޔެވުމަށް ފަސޭހަވެގެން ދާނެ ކަމަށާއި، ރިވިޝަން ކިޓް ބޭނުން ކޮށްގެން އަމިއްލަޔަށް ކިޔަވާނަމަ ރަނގަޅު ނަތީޖާއެއް ނެރެން ފަސޭހަ ވެގެން ދާނެ ކަމަށް ހުނައިޝާ ވިދާޅުވިއެވެ.

މި ރިވިޝަން ކިޓް ގަންނަން ލިބޭނީ ޗާންދަލިއާ ބުކްޝޮޕާއި، ރާދާ ބުކްޝޮޕް އަދި އަސްރަފީ ބުކްޝޮޕުންނެވެ. މުޅި ރިވިޝަން ކިޓްގެ އަގަކީ 699 ރުފިޔާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    ގެޓް ދެޓް ޑިސްޓިންކްޝަންގެ ނަމުގައި އެކައުންޓް ކިޔަވާ ދަރިވަރުންނަށް ހާއްސަ ފޮތެއް ހުނައިޝާ ހަސަން ނެރެދެއްވި ކަމަށްޓަކައި، މިސްއަށް ޝުކުރު ދަންނަވަމެވެ.