ދިރާސީ އަހަރުގައި ހިމެނޭ ސްކޫލް ޗުއްޓީގެ ދުވަސްވަރާއި ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ދިމާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު ބަަދަލު ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ ނިންމައިފައެވެ. އެހެންކަމުން ދިރާސާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ އަހަރުގެ ޖުލައި މަހަށެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހު މަޖިލީހުގެ މެންބަރުންނަށް ޗުއްޓީ ލިބޭ ގޮތަށް މަޖިލީހުގެ ދެވަނަ ދައުރު އަދި ތިންވަނަ ދައުރުގެ މުއްދަތު ބަދަލު ކުރަން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. އެހެންކަމުން ސްކޫލް ބަންދު ދިމާވާ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޗުއްޓީއެއް ލިބިވަޑައެއްނުގަންނަވައެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވަނީ، ކޮންމެ އަހަރެއްގެ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކަނޑައެޅުމަށެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ހިނގާ ތިންވަނަ ދައުރުގެ މުއްދަތަކީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ މެދު ތެރެއިން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައިވެއެވެ.

މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައުމުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރުވި ނަމަވެސް ތިންވަނަ ދައުރުގެ މުއްދަތު ދިގުވެއެވެ. އަދި ޖުމުލަކޮށް މުޅި އަހަރު މަޖިލީހުގައި މަސައްކަތް ކުރާ ދުވަސްތަކުގެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް މި މައްސަލަ ދިރާސާކުރި މަޖިލީހުގެ އާންމު ކޮމިޓީއިން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނިލް

    ތިޔައީ ހަމަ އިންތިހާބު ދުވަސްވަރު ކެމްޕޭން ރަށްރަށައް ކެމްޕޭން ކުރަންވެގެން ވޯޓޮ ހޯދަންވެ،
    ކުރާކަމެއް ލޯކަލް އިންތިޙާބުން ބޮޑުތަނުން ބަލިވުމުން