ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ޖުމުލަ ބޮޑުކޮށް އަދި ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ކުރިއަށް ވުރެ ކުޑަ ކުރުމަށް ފަހު ކައުންސިލަރުންގެ މުސާރައިގެ އާ އޮނިގަނޑު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފުރަތަމަ ފަހަރަށް ފަސް އަހަރުގެ ދިގު މުއްދަތަކަށް އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބޮޑު މުސާރައެއް ދެވޭ ގޮތަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އެކުލާވާފައިވާ އޮނިގަނޑު ހިމެނޭ ރިޕޯޓަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އިސްލާހެއް ހުށަހެޅުއްވިއެވެ.

ޣަފޫރު އިސްލާހު ހުށަހެޅުއްވީ ރަށު ކައުންސިލްގެ ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. ކޮމިޓީގެ ރިޕޯޓްގައި ވަނީ 23،000 ރުފިޔާގެ މުސާރައެކެވެ. އަދި ކައުންސިލް މެންބަރުންގެ މުސާރަ 13،000 ރުފިޔާއަށް ބޮޑު ކުރުމަށް ހުށަހެޅުއްވިއެވެ. ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲއެވެ.

މި ހުށަހެޅުއްވުން ފާސްކުރީ މެންބަރުންގެ 60 ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އާ އޮނިގަނޑުގައިވާ ގޮތުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރައަކީ 40،000 ރުފިޔާއެވެ. ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރައަކީ 35،000 ރުފިޔާއެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ 30،000 ރުފިޔާއެވެ. މި މުސާރަތައް ބަދަލު ކުރަން ހުށަހަޅާފައެއް ނުވެއެވެ.

އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރައަކީ 28،000 ރުފިޔާ ލިބެއެވެ. ޖުމުލަ 18 އަތޮޅު ކައުންސިލްގެ ރައީސުން ތިބޭނެއެވެ. ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ކުޑައިރު ރަށު ކައުންސިލްގެ ރައީސުން ރަށު ކައުންސިލްގެ އިތުރުން އަތޮޅު ކައުންސިލްގައި ވެސް މަސައްކަތް ކުރާނެއެއެވެ. މި ކައުންސިލަރުންގެ މުސާރަ ކުޑަ ކުރިއިރު ދެ ކައުންސިލެއްގައި މަސައްކަތް ކުރުމުގެ ޒިންމާ އޮތީ ވެސް މި ކައުންސިލަރުންނަށެވެ.

ލޯކަލް ކައުންސިލްތަކުގެ އެކި މަޤާމުތަކަށް ޖުމްލަ 982 މެންބަރުން އިންތިޚާބުކޮށްފައިވާއިރު މި ހުރިހާ މެންބަރުންގެ މުސާރައަށް އަހަރަކަށް ޖުމްލަ 185.24 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިންދު

    ކީއްކުރާނީ މީ ކީއްކުރާ ބައެއް ޑރ ނާއި ރަހުން ޓީޗަރުން ނަށްވުރެންވެސް މިހޫން ހަމަ ގާބިލީތީ ކީކުރާ ބައެއްތަ ތީ ތަނެއްދޮރެއް ނުދަންނަ މަގުތީ އެބުރު އެކްޓިސިސްޓުން ގިނަވާނީ ަތިޗަރާކށް 7000 ރ ނުޖެހޭ އެކަމު ގައުމުގެމުސްތގުބަލް