ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގައި ހުސްވެފައިވާ މެންބަރު ކަމުގެ މަޤާމަށް ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގައި ހުސްވެފައިވާ މަގާމަށް ޝިފްލާ އައްޔަން ކުރަން ރުހުން ދޭން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަަރަކު ވޯޓެއް ނުދެއްވައެވެ.

ޝިފްލާ އަކީ ދާއިރާގެ ތަޖުރިބާ ހުރި ފަރާތެކެވެ. ޝިފްލާ ވަނީ ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. ނޫސްވެރިކަމުގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ ޝިފްލާ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ސަންގު ޓީވީގަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ސަހާރަތުގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފައެވެ.

ޝިފްލާގެ ނަން މީގެ ކުރިން ވެސް ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހް ފޮނުއްވިއެވެ. ޝިފްލާގެ ނަން އެއިން ކޮންމެ ފަހަރަކު އޮންނަނީ ވެސް އެމަނިކުފާނު ފޮނުއްވާ ނަންތަކުގެ ލިސްޓުގެ އެންމެ ފުރަތަމައަށެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ނުވަތަ ތަޅުމުގައި ޝިފްލާގެ ނަން ފާސްނުވެ ދަނީއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން ކުރީގެ ސަރުކާރުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރި މެންބަރުންގެ މައްސަލަތައް ވަކިވަކިން ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބަލަން ފެށިއެވެ. އެއިން ބައެއް މެންބަރުން މަޖިލިހުން ވަކިކޮށްފައިވާއިރު، ވަކިކުރުމުގެ މަސައްކަތް ފަށަާފައިވަނިކޮށް ބައެއް މެންބަރުން ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.

ބްރޯޑްކޮމްއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަންގައި މިހާރު ކުރީގެ ސަރުކާރުން އައްޔަން ކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ އަމްޖަދު ވަހީދު އެކަންޏެވެ. ކޮމިޝަންގައި ދެން ތިއްބެވި މެންބަރުންނަކީ މިހާރު ހިނގާ މަޖިލީހުން ރުހުން ދީގެން މި ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސްއާއި، މެންބަރު އަލީ ޔޫސުފްއާއި، މެންބަރު އައިމިނަތު އަމީނާ (އަނާ) އާއި، މުޙައްމަދު ފަޒީންއެވެ.