އއ. އުކުޅަހުން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ މިބައްޔަށް ފައްސިވި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.

އެރަށުން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ފެނިފައިވަނީ މީގެ 2 ދުވަސް ކުރިންނެވެ. އެއީ ކަރަންޓީނުގެ ނެތް ތިން މީހެކެވެ.

އޭގެ ފަހުން އެރަށުން ބަލީގެ ވޭދަނަތައް އަންނަނީ އިތުރުވަމުންނެވެ.

އުކުޅަސް ސިއްހީ މަރުކަޒުގެ މެނޭޖަރ އަބްދުﷲ ސައީދު "ވަގުތު" އަށް ވިދާޅުވީ، އެރަށުން ޖުމްލަ 21 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މީގެ ކުރިން ފައްސިވެފައިވާ އިންޑިއާ ދެ ފަތުރުވެރިންނާއި މީހަކާއި ދިވެއްސެއްގެ އިތުރުން މިއަދު ފައްސިވެފައިވާ 18 މީހުން ކަމަށެވެ.

މިއަދު ފައްސިވެފައިވާ 18 މީހުންގެ ތެރެއިން ބައެއް މީހުންނަކީ ކުރިން ފައްސިވެފައިވާ ދިވެހި މީހާއާއި ބައްދަލުވެފައިވާ މީހުން ކަމަށް ސައީދު ވިދާޅުވިއެވެ. ދެން ތިބި މީހުންނަކީ އެ އިހާއާއި ގުޅުންނެތް މީހުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"ދެން މިތިބީ ފުރަތަމަ ރަށުތެރެއިން ފައްސިވި މީހާ ފައްސިވީމަ ރޯގާ ޖެހިގެން ހެލްތް ސެންޓަރަށް ދައްކާފައި ހުރި މީހުންގެ ތެރެއިން ބައެއް މީހުން" ސައީދު ވިދާޅުވިއެވެ.

އުކުޅަހުން ކަރަންޓީނުގައި ނެތް ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށު ހެލްތް ސެންޓަރުން ވަނީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާ ކަމަށް ނިންމާފައެވެ.

މި ހާލަތުގައި ކަމާއި ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ބޯލަނބައި ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ސައީދު ވަނީ އިލްތިމާސް ކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ ރަށްރަށުގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ބޮޑަށް މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައި އޮތް ރަށްތަކުގެ ތެރޭގައި ކ. މާފުއްޓާއި ބ. އޭދަފުށި ހިމެނެއެވެ.