ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި ހަވާ ނަފްސުގެ އެދުންތަކާ ޖިހާދުކޮށް ނަސްރު ހޯދުމަށް ޚުތުބާގައި ގޮވާލައްވައިފިއެެވެެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުތުބާގައި އަލި އަޅުވާލައްވާފައި ވަނީ ހިޖްރައިން ދެވަނަ އަހަރު ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ބައިވެެރިވެވަޑައިގެން ކުރެއްވި ބަދުރު ހަނގުރާމައަށެވެ. ޚުތުބާގައި ވަނީ ރަމަޟާން މަހަކީ އިސްްލާމް ދީނުގެެ ހިދާޔަތު ފާޅުކުރައްވާ ހައްގާއި ބާތިލްގެެ އިން ކަނޑައެެޅުއްވެެވި ފޮތް ކަމުގައިވާ "އަލް ފުރުޤާން" ބާވައިލެއްވިި މައްސަރު ކަމަށެވެ.

މި މައްްސަރަކީ އެެ މަހެެއްގައި ޝިރުކާއި، ކުފުރާއި، ޖާހިލިއްްޔަތުގެ މައްޗަށް ހަނގުރާމައިގެ މައިދާނުގައި ހައްގަށް ނަސްރު ދެއްވި، "އަލް ފުރުޤާން"ގެެ ދުވަސްް ކަމަށް މާތް ﷲ ބަޔާންްކުރައްވާފައިވާ ބަދުރު ހަނގުރާމައިގެ މަސް ކަމަށެވެ.

ބަދުރު ހަނގުރާމައަކީ އިބްރަތުން ފުރިގެންވާ ހަނގުރާމައެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ މި ހަނގުރާމަ ހިނގާފައި ވަނީ ހިޖްރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެެ 17 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ޤްރައިޝް ވަންހައިގެ ބޮޑުން ނިކުތީ ބޮޑާކަމާއި ކިބުރުވެރިކަމާއެކު ކަަމަށާއި، އެމީހުންގެެ ބޮޑާކަމާއި ކިބުރުވެެރިކަމުގެ ދަލީލަކަށް އަބޫޖަހުލުގެ ބަސް ފުދޭ ކަމަށް ޚުތުބާގައިވެއެވެ.

"ﷲ ގަންދީ ބުނަމެެވެެ. ބަދުރަށް ގޮސް އެތަނުގައި ތިންް ދުވަސް ވަންދެއް، ޖަމަލު މަސް ކައި، ރާބޮއި، އަންހެެންކުދިން ލައްވާ މަޖާކޮށް ހަދާފައި އުޅެފައި ނޫނީ އަހަރުމެން އެނބުރު ނުދާނަމެވެ. އެއިރުން އަހަރުމެންގެ ނުފޫޒާ ބާރު އަރަބިިންނަށް އެނގި، އަހަރުމެެން ދެކެ އެމީހުން ބިރުގަންނާނެއެވެ" އަބޫޖަހުލު ވަނީ ބުނެފައެެވެ.

ބަދުރުގެ ހާދިސާ އަޅުގަނޑުމެންނަށް އަންގައިދެނީ ގެ ދީނަށްޓަކައި ވާންޖެހޭ ޤުރްބާނީގެ މަތިވެރިކަން ކަމަށާއި، އަދި އެ ޤުރުބާނީގައި މަތިވެރި އަޞްޙާބުން ދައްކަވާފައިވާ ރިވެތި ނަމޫނާކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެެ. އަދި އިސްލާމް ދީނުގައި މަޝްވަރާކުރުމަށް ބާރުއަޅާ މިންވަރުވެސް މި ހަނގުރާމައިން ވަނީ ދައްކަވާފައި ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

މައްކާގެ މުޝްރިކުންގެ ޚަބަރު އެނގިވަޑައިގެން، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ، އެކަލޭގެފާނުންގެ އަރިހުގައި ތިއްބެވި ޞަޙާބީންގެ އަރިހުންމަޝްވަރާއަށް އެދިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް މަޝްވަރާދެއްވާށެވެ! އެހިނދު، މުހާޖިރުން، އެކަލޭގެފާނުގެ އަރިހުގައި ސާބިތުވެ ތިއްބަވާނެކަން ބަޔާންކުރެއްވިއެވެ.

ކީރިތި ރަސޫލާ ތަކުރާރުކޮށް، އަޞްޙާބުންގެ ރައުޔަކަށް އެދިވަޑައިގަންނަވަމުން ގެންދެވުމުން، އަންޞާރުންގެ ރައުޔަކަށް ވެސް އެކަލޭގެފާނު ބޭނުންފުޅުވެ ލައްވާކަން ވިސްނިވަޑައިގެން، ވިދާޅުވި ބަސްފުޅަކީ، އެބޭކަލުންގެ މަތިވެރި އީމާންކަމާއި، އެކަލޭގެފާނަށްޓަކައި އެބޭކަލުންގެ ހިތްޕުޅުގައި އުތުރެމުންދިޔަ މަތިވެރި ލޯބި ރަމްޒުކޮށްދޭ ލާމަސީލު ބަސްފުޅެއް ކަމަށް ޚުތުބާގައިވެއެވެ.

"އަޅުގަނޑުމެން މިތިބީ ކަލޭގެފާނުގެ ބަސްފުޅު ތެދުކޮށް އީމާންވެގެންނެވެ. އަދި ކަލޭގެފާނު ގެނެސްދެއްވި ކޮންމެ ކަމަކީ ޙައްޤުތެދުކަމަށް ހެކިވެގެންނެވެ. އަދި އަޅުގަނޑުމެން މިތިއްބެވީ އެކަމުގެ މައްޗަށް، ކަލޭގެފާނުގެ ބަސްފުޅު އަހައި، ކިޔަމަންގަތުމަށް ޢަހުދުކަށަވަރު ހިފައިގެންނެވެ. އޭ ގެ ރަސޫލާއެވެ! ކަލޭގެފާނު ބޭނުންފުޅުވާ ގޮތަކަށް ކުރިޔަށް ވަޑައިގަންނަވާށެވެ! ފަހެ އަޅުގަނޑުމެން މިތިބީ ކަލޭގެފާނާ އެކުގައެވެ. ފަހެ ޙައްޤު ދީނައިގެން ކަލޭގެފާނުން ފޮނުއްވި އިލާހު ގަންދެއްވައި ދަންނަވަމެވެ. ކަލޭގެފާނު އަޅުގަނޑުމެންނައިގެން މިއޮތް ކަނޑަށް އެދިވަޑައިގަތަސް، ކަލޭގެފާނުންގެ ފަހަތްޕުޅުން އަޅުގަނޑުމެން، އެކަނޑަށް ވެސް އެރޭހުށީމެވެ. އަޅުގަނޑުމެންގެ ތެރެއިން، ހަމައެކަކުވެސް އެކަމުން މަނާވެ ނުގަންނާނެތެވެ. މާދަމާ ދުޝްމަނުންނާ ބައްދަލުކޮށް، ހަނގުރާމަ ކުރުމަކީ އަޅުގަނޑުމެން ޖެހިލުންވާކަމެއް އަޅުގަނޑުމެންނީ ހަނގުރާމައިގެ މައިދާނުގައި ކެތްތެރި، ކުރިމަތިލުމުގައި ތެދުވެރި ބަޔަކީމުއެވެ." އެެބޭކަލުން ވިދާޅުވިއެެވެ.

މުސްލިމުންގެ ކުރިމަތީގައި މިވަނީ ބަރަކާތްތެރި ރަމަޟާންމަހެއްގެ ފަހުދިހައިގެ ބަރަކާތްތެރި ރޭތަކާއި ދުވަސްތައް ކަަމަށާއި އެރޭތަކާއި ދުވަސްތަކުގައި ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ޖިހާދުކޮށް ނަޞްރު ހޯއްދަވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެެފައެވެެ. ރަމަޟާންމަހުގައި ހިނގާފައިވާ ތާރީޚީ ހާދިސާތަކުން އެނގި ކަށަވަރުވަނީ، ރަމަޟާން މަހަކީ ގަދައަޅައި މަސައްކަތް ކުރުމުގެ މައްސަރު ކަމެވެ. އެއީ މުރާލިކަމާއި ހީވާގިކަން އިސްކުރަންވީ މައްސަރުކަން ކަމަށާއި އެ މައްސަރުގައި، ކަންނެތްކަމަށް ޖާގައެއް ނެތްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.