ރާއްޖޭގައި މިއަދު މެންދުރު ފަހު އޮންނަ އެޑެކްސެލްގެ ބަޔޮލޮޖީ ޕޭޕަރު ލީކްވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި ޕޭޕަރުގެ ކޮޕީއެއް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވެސް ދައުރުވެފައިވެއެވެ.

ރާއްޖޭގެ ސްކޫލެއްގެ ބަޔޮލޮޖީ ޓީޗަރެއް "ވަގުތު" އަށް ވިދާޅުވީ މިހާރު ދަރިވަރުން ހަދަމުންދާ ޕޭޕަރާއި ވައްތަރު ޕޭޕަރެއް އޭނާއަށްވެސް ލިބިފައިވާ ކަމަށެވެ. އަދި އެއީ މިހާރު ދަރިވަރުން ހަދަމުންދާ ޕޭޕަރުކަން ޔަގީންވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މިއަދު ޕޭޕަރު ދައުރުވެފައިވޭ. ބެލެވޭ ގޮތުގައި އެކުދިންނަށް ޕޭޕަރު ލިބުނީ ރާއްޖެއާ އެހެން ގައުމުތަކާ ވަގުތުގެ ތަފާތު ހުރީމަ. ނަމަވެސް ޕޭޕަރު ލީކްވެގެން އުޅެނީ ރާއްޖެއަކުން ނޫން. އަޅުގަނޑަށްވެސް އެކުދިން މިހާރު ހަދަމުންދާ ޕޭޕަރު ލިބިފައިވޭ." ނަން ހާމަ ނުކުރުމަށް އެދި އެ ޓީޗަރު ވިދާޅުވިއެވެ.

ބަޔޮލޮޖީ ޕޭޕަރާ ގުޅޭގޮތުން ދަރިވަރުންތެކެއް މަޝްވަރާކުރާ ޗެޓްލޮގުތަކަކެއްވެސް "ވަގުތު" އަށް ވަނީ ލިބިފައެވެ. އަދި އެ ދައުރުވަމުންދާ ޕޭޕަރުގެ ކޮޕީއެއްވެސް ލިބިފައިވެއެވެ. މިއަދު މެންދުރު 1:30 ފެށިގެން ދަރިވަރުން ދަނީ މި ޕޭޕަރު ހަދަމުންނެވެ.

މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު މުހައްމަދު އިހްސާން ވިދާޅުވީ މި މައްސަލައަށް "ކޮމެންޓް" އެއް އަދި ދެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އެޑެކްސެލްއިން ވަކި ގޮތެއް އަންގަންދެން. އެޑެކްސެލްގެ ބަހެއް ނުލިބެނީސް ތިކަމަށް ކޮމެންޓްއެއް ކުރެވޭކަމަށް ނެތް" އިހްސާން ވިދާޅިވިއެވެ.

އިއްޔަ މެންދުރު 1:30 ގައި ހެދި ފިޒިކްސް ޔުނިޓް-1 ވަނަ ޕޭޕަރުވެސް ވަނީ ލީކްވެފައެވެ. މި ކަމާއި ގުޅިގެން އިހްސާން ވިދާޅުވީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އިތުރު ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެ ޕޭޕަރު ލީކްވީ ރާއްޖޭގެ ސެންޓަރަކުން ނޫން ކަމަށާއި އެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތައް ފަށާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.

މިިއަހަރުގެ މެއި، ޖޫންގައި އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު ބައެއް ގައުމުތަކުގައި އެ އިމްތިހާނު ބޭއްވުމުގެ ހުއްދަ އެޑެކްސެލްއިން ވަނީ ދީފައެވެ. އެގޮތުން އެޑެކްސެލް އާއެކު ބޭއްވި މަޝްވަރާ ތަކަށްފަހު، ރާއްޖޭގައި އިމްތިހާނު ބޭއްވުމުގެ ފުރުސަތު ފަހިވެފައިވަނީ މާޗް މަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރުމަށް އެޑެކްސެލް އިން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް😹

    މިނިސްޓަރާއި އިހުސާން ތިބޭ އަތް ޖަހަން😑 ހުރިހާ ކަމެއްގަ މަކަރާއި ހީލަތް😑 ލީކް ކުރަންޏާ އެންމެންނަށް ދިންނަމަ އެއްނު😇 އެހެންނަމަ ގައިމު ކުރީ ސަރުކާރުގެ އޭލެވެލް ކުދިންގެ ރިޒަލްޓަށްވުރެ މި ސަރުކާރު ކުދިންގެ ނަތީޖާ މަތިވީހެއްނު🙄 އާނ އެހެންޏާ ފަހެ😑 ކޮބާތަ ކުދިން ގަނޑަތެޅިގެން ކުރިހާ މަސައްކަތް😑 މިމީހުން ކުޅެން ބައިތިއްބާފަ ތިބި ޓޯއީ ތަކެއްހެން ހީވަނީ ދަރިވަރުންނަކީ😐 އޮކްޓޯބަރ އަށް އެގްޒާމް ފަސްވެފަ އޮށްވާ މޭ ޖޫން އަށް އަވަސް ކޮށް އަދި އެވަރު ނުވެގެން އެޕްރީލް އަށް ހެދީމަވެސް. މިއޮށް ފަދަ ކޮވިޑް ދުވަސްވަރު ވެސް އެގޮތް މިގޮތައް ތެޅިގެން ދަރިވަރުން އުޅުނީ😭 އެކަމަކު އެޑިއުކޭޝަން އިން ދަރިވަރުންގެ މަސައްކަތް ތި ދުއްވާލަނީ ފެނަށް😥 ލޯ ކުރިމަތިން ހުރިހާ ޕޭޕަރެއް ފެންނަން އޮށްވާވެސް ތިބުނަނީ ލީކެއް ނުވެޔޭ😪 މީ ވަރަށް ވާހަކަ💔 އެއްޗެކޭ ބުނާ މީހާ ގޯސް ވާނީ އެކަމަކުވެސް ދަރިވަރުން އުޅޭ ގޮތް ފެނިފަ އެއްޗެކޭ ނުބުނެ ކެތް ނުވީ😔 ދެންވެސް މިހާރު ހަދާ ޕޭޕަރުތައް ކެންސަލް ކޮށްފަ އޮކްޓޯބަރ ނޮވެމްބަރ ގަ އަލުން ދިނިއްޔާ މާ ރަނގަޅު ވާނެ. އުންމީދުކުރަން ޙަޤީޤަތް ގަބޫލު ކޮށް ރަނގަޅު ގޮތެއް ހަދައިދޭނެ ކަމަށް😣 ވަރަށް ވެދުން💔 މަދެން ނެތް ބުނާނެ އެއްޗެއް ކިޔަން ހުރީ އެއްޗެހި ބައިވަރު😩 ޝުކުރިއްޔާ😪

    10
  2. އަލްޖިބްރާ

    އެކަމަކު މިނިސްޓަރު ވިދާޅުވަނީ އެއްވެސް ޕޭޕަރެއް ލީކެއް ނުވެޔޯ ! ދެން ކޮންބައެއްގެ ވާހަކަ އެއްތަ ޤަބޫލު ކުރަންވީ ؟

    6
    1
    • ހށނ

      ޕޭޕަރ . ..ލީކް.. .ވެއްޖެ.

  3. ކަރާ

    އޮކްޓޯބަރ ގަ ބޭއްވި ނަމަ އޭ އަދިވެސް ހިތަށް އަރައީ