ދެމަފިރިންނަށް ފުލެޓު ލިބިފައިވާނަމަ ރަޖިސްޓްރީ ކުރާނީ ދެމީހުންގެ ނަމުގަައި ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން މިއަދު ވިދާޅުވެފައި ވީނަމަވެސް އެއީ ފަހުން ނިކުމެދާނެ ނަތީޖާއަކާއިމެދު ނުވިސްނައި ސަރުކަރުން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ އާއްމުންގެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާއްމުންގެ ޖަމިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފްލެޓަށް ފޯމު ލަނީ "ދެމަފިރިންނެއް" ނޫންކަމަށާއި އެމީހަކަށް ލެވޭ ކެޓެގަރީއަކުން ފްލެޓް އެދި ފޯމު ލަނީ ދެ ފަރުދުން ކަމަށެވެ. ދެ ފަރުދަކަށް ފްލެޓު ލިބޭ ހާލަތުގައި އެ ދެފަރާތަކީ ކައިވެނި ކޮށްގެން ތިބި ބައެއް ނަމަ އެ ދެމަފިރިއަކަށް އެއް ފްލެޓު ދޭން ކަނޑައަޅަނީ ސަރުކާރުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ‏

"މި ހާލަތުގައި ދެމަރިންގެ ނަން މައްޗަށް ފްލެޓު ރަޖިސްޓާރ ކުރުމޭ ބުންޏަސް ފްލެޓު އަސްލު ރެޖިސްޓާރ ކުރެވެނީ ދެ ފަރުދުންގެ ނަން މައްޗަށެވެ. ވަރިވާއިރަށް ދެމަފިރިން ބަދަލު ވަނީ ދެ ފަރުދުންނަށެވެ. ވަރިވިޔަސް އެ ފްލެޓު ވަނީ އެ ދެމީހުންގެ އެއްޗަކަށެވެ. އެހެނަސް ވަރިވުމަށް ފަހު އެ ދެމީހުން އެކުގައި ނޫޅެނެއެވެ. ތަނުގައި އުޅޭނީ ކޮންމެވެސް އެއް ފަރާތެކެވެ. ގިނަ ފަހަރަށް ތަން ނަގާނީ "ބާރު ގަދަ" މީހާ އެވެ. މިފަދަ ކަންކަމުގައި ކޯޓަށް މައްސަލަ ވައްދައި އެކަންކަން ކުރިއަށް ގެންދިއުމަކީ އާންމު ގިނަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިއަސް އެތައް ވަގުތެއް އެކަމަށް ގޮސް އެތައް މައްސަލަ ތަކެއް ދިމާވާނެ ކަމެކެވެ." އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެޖަމިއްޔާ އިން ބުނީ ގިނަ ފަހަރަށް ވަރިވުމަށް ފަހު ތަނުން ބޭރުވާން ޖެހޭނީ "ބަލިކަށި" މީހާއެވެ. މިފަދަ ހާލަތް ތަކުގައި ވަރަށް ގިނަ ފަހަރަށް ނިކަމެތިވެ ތަނުން ބޭރުންވާ ޖެހޭނީ އަންހެން މީހާ ކަމަށާއި ސަރުކާރުގެ ގަވައިދު އޮންނަ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓު ލިބިފައިވާ މީހަކަށް ދެން އެހެން ބޯހިޔާ ވަހިކަމުގެ މަޝްރޫއަކަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

"ވީމާ ދެމަފިރިން ވަރިވިޔަސް އެެ ދެމީހުން ކުރެ މީހަކަށް ފްލެޓަކަށް ކުރިމަތި ނުލެވޭނެއެވެ. ވަރިވުމަށް ފަހު ގެއިން ނެރެލާ ނިކަމެތި މީހާއަށްވެސް އެހެން ފްލެޓަކަށް ނުލެވޭނެއެވެ. ސަބަބަކީ އޭނާގެ ނަމުގައި ހިޔާ ފްލެޓެއް އޮތީމައިއެވެ. ‏މި ސަބަބުތަކާއި ހުރެ ސަރުކާރުން ފްލެޓު ރަޖިސްޓާރ ކުރަނީ އަމައެކަނި ދެމަފިރިންގެ ނަން މައްޗަށްކަމަށް އަމިއްލަޔަށް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދެފަރުދުން ތެރެއިން އެކަކަށް ފްލެޓު ދޭން ޖެހިއްޖެ ނަމަ ބަލަނީ ލިބުނު ޕޮއިންޓަށެވެ. އެ ގޮތަށް ދެމަފިރިން (ދެ ފަރުދުން) ނަށް އެއް ފްލެޓު ދޭން ޖެހިއްޖެ ހާލަތެއްގައި ވެސް ދެމީހުންގެ ތެރެއިން ޕޮއިންޓު ގިނައިން ލިބުނު ފަރާތުގެ ނަމަށް ތަން ރެޖިސްޓާާރ ކުރުމުގެ ފުރުސަރު އޮންނަން ޖެހެއެވެ. އެގޮތަށް ކޮށްފިނަމަ ވަރިވާ ހާލަތުގައި މަަތީގައި ބަޔާން ކުރެވުނު މައްސަލަތައް ދިމާ ނުވާނެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

‏އާއްމުންގެ ޖަމިއްޔާ އިން ބުނީ ދެ ފަރުދަަކަށް ފްލެޓު ލިބޭ ވަގުތު އެދެ ފަރުދުންނަކީ ކައިވެނި ކޮށްގެން ތިބި ބަޔަކަށް ވާނަމަ ފްލެޓު ރެޖިސްޓާރ ކުރެވޭނީ ހަމަ އެކަނި ދެ މީހުންގެ ނަން މައްޗަށް ކަމަށް ސަރުކާރުން ކަނޑައަޅައިގެން ނުވާނެ ކަމަށެވެ.

ދެމަފިރިން ބޭނުން ވާނަމަ ދެމީހުން ނަންމަތީ ރެޖިސްޓާރ ކުރުމުގެ އިހްތިޔާރު ދީފައި، ބޭނުން ނުވާ ހާލުގައި ގިނައި ޕޮއިންޓު ލިބުނު މީހާގެ ނަން މައްޗަށް ރެޖިސްޓާރ ކުރުމުގެ އިހްތިޔާރުވެސް އޮންނަން ވާނެކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

މިއާއި ތަފާތު އެހެނަސް އެއްގޮތްކަން ހުރި އެއް މިސާލުގޮތުގައި އާއްމުންގެ ޖަމިއްޔާ އިން ފާހަގަ ކުރީ ރައީސް ވަހީދުގެ ސަރުކާރުގައި އަޅަން ފެށުނު ޕޮލިސް ފްލެޓު ތަކުގެ މަޝްރޫއެވެ. "ލިޔުން ވަނީ ފުލުހުންގެ އެތައް ބަޔަށް ދީފައިއެވެ. އެތައް ސަރުކާރެއް ބަދަލުވިއިރުވެސް އެތަން ނުނިމެވެ. އަދިވެސް ނުނިމެއެވެ. އެހެނަސް އެ ތަނުން ފްލެޓު ލިޔުން ލިބުނު އެއްވެސް ފުުލުހަކަށް އޭގެ ފަހުން ހިންގުނު އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ކުރިމަތި ނުލެވެއެވެ. ހިޔާ ފްލެޓަށް ލާން ބޭންވި އެތައް ފުލުހަކަށް ވެސް ކުރިމަތި ނުލެވުނެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ފްލެޓްތަކުގެ މައްސަލައިގައި މިރޭ އާއްމުންގެ ޖަމިއްޔާ އިން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އާއްމުންގެ ޖަމިއްޔާ

    އާއްމުންގެ ޖަމިއްޔާ ތީ ފިތުނަ ފަސާދަ އުފައްދަން އުޅޭ ބައެއް

    17
    58
  2. މިވެސްގޮތެއް

    ތީގައި އެންމެ ރަނގަޅުގޮތަކީ ވަރިވެއްޖެނަމަ، ކޮށްފިނަމަ ދެމީހުން އަތުން ފްލެޓް އަތުލައި، ދަރިން ބަލާ މީހާއަށް ފްލެޓް ކުއްޔަށް ދިނުން. އޭރުން އެއީ ވަކި މީހެއްގެ ތަނެއް ނޫން. އަލުން އިނދެފިނަމަ، ފްލެޓް މިލްކު ކުރުމުގެ މުއްދަތަށް އެދުވަސްތައް އިތުރު ކުރެވިދާނެ. އަދި ކުލިދެއްކުމުގެ ގާބިލުކަން ނެތްނަމަ، އެގާބިލުކަން ހުރި މީހާއަށް ކުއްޔަށް ދެވިދާނެ.

    31
    3
  3. ޖާބެ

    އެހެންވިމަ ނިކަމެތިންނައް ރާއްޖޭގެ ކޮޓުތަކުގައި އިންސާފު ނުލިބޭނެކަން މިނޫސް ކިޔާލީމަ އެބަ ހާމަވެގެންދޭ، މިގަޢުމުގަ ނިކަމެތިން ނިކަމެތިވެގެންދާނެކަން ޔަގީންމިހަރު. ޢަމިއްލަގަޢުމުގަ ބިންކޮޅުނުލިބި އަދި ބޯހިޔަވަހިވާނެތަން ގަންނަންޖެހި މިދަނީ. މިގޮތައް ދުނީޔެގެ ކޮންމެގަޢުމަކުންވެސް ފްލެޓްލިބޭނެ އަދި ޖިޒީ ދެއްކީމެ ދެންހުރިކަންކަންވެސް ފުރިހަމަވާނެ

    23
  4. ޕޮއިންޓް

    ޕޮއިންޓް ދޭ އިރު ފަރުދުންގެ ގޮތުގައި ޕޮއިންޓް ދޭންވީ، ކައިވެންޏަށް އަދި ދަރިންނަށް ޕޮއިންޓް ދޭނަމަ، އެ އެންމެންގެ ނަން މަތީގައި ރަޖިސްޓްރީކުރޭ. ފަރުދުންގެ ގޮތުގައި ބަލަންޏާ އެހެން ފަރުދުންނާ އެއް ގޮތަށް ޕޮއިންޓް ދީ

    20
    1
  5. އަލީ

    ކާވެނި ރޫޅުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުން މިހާރުވެސް މާލޭގައި މަދެއް ނޫނެވެ. މާލޭ މީހަކާ އިންނަ ރާއްޖެތެރޭ މީހާގެ ފައިސާއިން މާލޭ މީހާގެ ގެދޮރު ހަދާދިނީމާ އެންމެ ފުރަތަމަ ކުރާ ކަމަކީ ވަރިވުމެވެ. އެއީ މާލޭގެ ގިނަ އަންހެނުން ކުރާ ކަމެކެވެ. ފިރިހެނުންގެ ހައްގުތައް ކޮބައިހެއްޔެވެ؟ އާންމުންގެ ޖަމިއްޔާއިން މި މައްސަލަ ހައްލުކުރުމަށް ކުރީ ކޮން ކަމެއް ހެއްޔެވެ؟ އާންމުންގެ ޖަމިއްޔާއިން ހެޔޮ ނިޔަތުގައި އުޅޭނަމަ މިކަން ވެސް ހައްލުކުރުމަށް މަސައްކަތްކުރާނެއެވެ. ނޫންނަމަ އެއީ ފިތުނައިގެ ޖަމިއްޔާއެކެވެ.

    17
    7
  6. އަހުމަދު ނީޒް

    ފްލެޓް ދިނުމުގައި ސަރުކަރުގެ ވިސްނުން ރަނގަޅު. ފިރިމީހާ ވަރި ކުރީމަ އަންހެން މީހާ މަގުމަތިވާކަށް ނުވަތަ ފިރި މީހާ މަގުމަތި ވާކަށް ނުޖެހޭ. އެހާލަތުގަ އަ ދުލު ވެރި ބަ ދަލަކުން އެކަން ނިންމާ ދަރިން ގޮވައިގެން އުޅޭ މީހަކަށް ތަން ދެވޭނެ. އެކަން ހައްލު ކުރަން ރަނގަޅު ނިޒާމެއް ކޯޓުގަ ޤާއިމް ކުރީމަ ނިމުނީ

  7. އަބްދޫ

    ވަރަށް ބޮޑު މައްސަލަ ނިކުމެ ތަޅާފޮޅުމާ މަރާމާރީ ވެސް އުފެދުމުގެ ފުރުސަތު އޮތްކަމެއް ތިޔައީ.ކޮންމެ މީހަކީ ގާނޫނުއަސާސީބުނާގޮތުން ވަކި ފަރުދެއް.ގާނޫނުހިގަނީ ގާނޫނުހަދަނިީ ވެސް ފަރުދެއްގެ މައްޗަށް މުޅި މުޖްތަމައުގެ މައްޗަށް ގައުމެއްގެ މައްޗަށް. އަންހެނުންނާއި ފިރިހެނުންނަކީ ވެސް ގާނޫނީ ގޮތުންހަމަހަމަ ބައެްއް.ވީމާ ދެމަފިރިންނަށް ދެފްލެޓް ލިބުނަސް އެދެމަފިރިންނަށް ދެފްލެޓް ދޭންޖެހޭނެ. އެއް ފްލެޓް ދެމިހުނަށް ދޭންޖެހޭނީ ފްލެޓްގެ އިއުލާނުގަ އެހެން އޮވެފަ ފޯމްލަނީއެކަންގަބޫލުކޮށް އެއްފޯމެއްގަ ދެމަފިރިން ވެސް ސޮއިކޮށްގެން ކަމުގަ ވާނަމަ.އެނޫންގޮތަކަށް އެކަމެއް ނުކުރެވޭނެ.

  8. ނޭނގޭމީހާ

    މިސާލަކަށް 2 ކޮޓަރީގެ ޕްލެޓެއް މިލިބެނީ 3 އަންހެންދަރީން ތިބި ފިރިހެނަކަށް ލިބޭތާ ދުވަސްކޮޅެއްފަހުން ފިރިމީހާ ނިޔާވަނީ ދެން އެ ފްލެޓް ރަޖިސްޓަރީ ކުރާނީ ކާކަށް ނުވަތަ ކޮންބަޔަކަށް؟ ނިޔާވި މީހާގެ ތިބީ އަންހެން ކުދިންނަށްވީމަ އެކުދިންގެ ބަފާފަރާތު ބޮޑުބެއަށް މުދާވާރުތަވާކަމަށް މީހަކުބުނާތީއެހިން

  9. ލަތީފާގެ އަލީ

    މިފަހަރު އާމުންގެ ޖަމިއްޔާ އާއި އެއްބަސް ވެވޭކަށް ނެތް ! ހަގީ ގަތުގައިވެސް ދެމަފިރިޔަކު ދެ ކަޓާގަރީއަކަށް ފޯމްލީނަމަވެސް އެދެމީހުންވެސް ބޭނުންވަނީ ބޯހިޔާވަހިކަން އެކަކަށް ނުލިބިއްޖެއްޔާ އަނެކަކަށް ، މަގުސަދަކީ ދެމަފިރިން އެކުގައި ހަމަޖެހިގެން އުޅުން ، ރާއްޖޭގައި ވަރި ގިނަވަނީވެސް އުޅެންޖެހޭ ގޮތުން ކޮންމެސް މީހެއްގެ އާއިލީ މައްސަލަގަނޑެއްގެ ސަބަބުން . ދެމަފިރިން ނަށް ރަޖިސްޓްރީ ކޮށްދިނުމަކީ މިސަރުކާރުން ހަމައެކަނި ނިންމި އެއްމެ ރަނޣަލު ނިންމުން . މީގެ ސަބަބުން އެތަކަެއް ކައިވެންޏެއް ސަލާމަތް ކުރެވޭނެ،، ( މިހާރުވެސް އެތައް އާއިލާއެއް ފްލެޓް ރެޖިސްޓްރީ ކުރާނީ ކާކަށްކަން ނުނިއްމިފައި އެބަތިބި) މިއޮތީ އެކަމަށް ހައްލެއް ލިބިފައި..

    4
    2
  10. ޙުސެން ޝިފާޢު

    މި ނުކުޅެދޭ ސަރުކާރުން ފްލެޓްދޭން ގާތްވެފައި އޮއްވާ މިނިސްޓަރ އަކަށް ގެނެސްލި ބަންޑާރަ ބާލިހެއް ކަހަލަ މީހެއް މަށަށް 60 ޕޮއިންޓް ލިބިފަ އޮއއްވާ ފްލެޓް ކަޓުވާލައިފި. ނިންމައިގެން ހުރީ އަންހެނުންގެ ނަންމައްޗަށް މުޅި ފްލެޓް ބަދަލު ކުރަން. ދެން ފްލެޓް ކަންތަކާ އުޅޭނީ ރައީސް ޔާމީން އަށް ވެރިކަން ހޯދަދީފަ . ފަރެސް މާތޮޑާ ޔާ ނަޑައްލާ ކަނޑަ ހަލަގަލަ ކިޔާ ރަށްރަށުން މީހުން ގެނެސް މިނިސްޓަރުކަން ދިނީމަ މާލޭ ރައްޔިތުންނަށް މި ހަދަނީ ހަދާނެ އެއއްޗެއް

  11. އާސިދާ

    ސަރުކާރުނއުން ތިޔަ ނިންވި ގޮތއް ކިތަންމެހާވެސް ރަންގަޅެވެ .ދަރިންވެސް ވާނީ އެދެމަފިރިންގެ ދަރިންނަށެވެ...ތިޔަބުނާގުތުން ޕޮ އިންޓު ގިނަވާމީހާދޯ ދަރިންވެސް ހަރަދުކޮށް ބަލަހައްޓަން ޖެހޭނީ....ޖަމިއްޔާއިން ބިސްނާ ތިޔައްތުރެ ޒިންމާދާރު ވާހަކަދެއްކުން ރަނގަޅުވާނެ ކަންނޭނގެ....ތިހާ ސެލްފިސްވާކައް ނުވާނެދޯ

    3
    1
  12. ޚާލިދު

    ދެމަފިރިންކާރި އަނހާފަ ދެމީހުން ކުރެ އެކަކުގެވެސް މައްސަލައެއް ނެތްކަމައްވާނަމަ ކޮންމެވެސް އެކަކައް ރަޖިސްޓްރީ ކުރީމަ ނިމުނީ

    2
    1
  13. މެސީ

    ކޮސް އަނގަ ނުތަޅާ. ކައިވެނި ކޮއްގެން އުޅޭ ބަޔަކު ފޯމާ އެކު އެކަން ހިއްސާ ކުރޭ. ދެން ހަމަ ފުލެޓް ލިބި ފަހުން ވަރި ވިޔަސް ވަރި ފޯމާއެކު ފޯމް ލީމަ ތިކަން ހަމަ ޖެހުނީނު. ތި އުޅެނީ މީހުން ގުނބޯ ހައްދަން

  14. Anonymous

    ތި މިހާރުވެސް މިތިބީ މަގުމަތި ވެފަ އޭ ބުނަމާ ! ،މައިން ބަފައިންގެ، ގެ އެއް، ގެ ދޮރެއް ނެތް، ދެމީހުން ވެސް އުޅެނީ، އެހެން މީހުނާ އިނދެގެން. ދަރިން ގޮވަަަައިގެން، ދޮންބަފާގެ އަމާ ގެ ގޭގަ ހުރި ބާ ކޮޓަރިގަޑެއްގަ ވިއްސާރަ ކުރާނަމަ ތިބެނީ ނުނި ދާ..ފާރުގަޑާ ،ފުރާޅު ވެއްޓޭނީ މިއަ ދު ނޫނީ މާ ދަން ކަމެއް ނޭނގެ،...ހާލުގަ އުޅޭމީހާ އެއް ނުފެންނާނެ އެކަކައްވެސް، ފުލެޓަށް ޝަރުތު ހަމަ ވާކަމައް ވަނީ ....ވިޔަސް ނިކަމެތިން ވީމަ ކުރަނީ ބާކީ، އަމިއްލަ ރަށުން ގޯތި ނުލިބޭ އެތަނުގަ ނޫޅޭތީ ޔޯ... ދެންއެހެން ރަށަކައް ގޮސް ،އެ ރަށުގަ އުޅެމުން ،ގޯތި ހޯ ދަން ފޯމުލާން އިއުލާނު ކުރީމަ ،އެ ފޯމު ލާންވެގެން ފޯމެއް ހޯ ދަން ދިޔަ އީމަ ބުނީ...ރަށު ރައްޔިތުން ނަށް އެކަންޏޯ... ހިތައް އަރާ ، ކުރިންސުރެ މިކަހަލަ ކަންކަމާ ރަގަޅު ގޮތް ހޯ ދާފަ ހުރިނަމަ އޭ...އޭރުން މަގޭއަމާ ގެވެސް ބަފަޔާ އި ދެގެން ލިބުނު ގެ އޮތީސް.. މިހާރު އެގޭ ވެރިން ނަކީ ބަފަާގެ އާއިލާ،ެ ސަބަބަކަށް ވަނީ ،އެހެން ރަށެއްގަ އައްޕަވެސް މިހާރު ،ދޮންއަމާ ގޭގަ.

  15. ލލ

    ދެމަފިރިންނަށް ދެ ފުލެޓް ލިބިއްޖެއްޔާ ވަރި ވެގެން ދެފުލެޓް ދެމީހުންގެ ނަންމަތީގަ ރަޖިސްޓްރީ ވީމާ އަލުން ކައިވެނި ކުރާގޮތަށް އޮތުން ރަގަޅު ނުންތޯ ؟

  16. ބޯބުރި

    ޢާންމުންގެ ޖަމިއްޔާއަށް އެގޭބާ ކުރިން ދޫކުރި ޕިންކު ފްލެޓްތަކުގަވެސް ދެމަފިރިންނަށް ފްލެޓް ރަޖިސްޓްރީ ކޮށްދީފަ ހުރިކަން. ކީއްވެބާ ކުއްލިޔަކަށް މިހާރު މައްސަލައަކަށްވީ. ޢާންމުންނޭ ކިޔައިގެން ސިޔާސީ ޕްރޮޕެގެންޑާ ހިންގާބައެއްތީ

  17. ހިޔަމި

    އެގްރިމެންޓް ގަ ތިކަން ހިމެނީމަ ނި މުނީ

  18. ޓަކިބެ

    ވަރިވެއްޖެ ހާލަތެއްގައި ފްލެޓް ކުދިން ތިބި ނަމަ ކުދިންގެ ނަންމަށްޗަށް ރަޖިސްޓްރީ ކުރާނި. ކުދިން ނެތްނަމަ ދައުލަތަށް ފްލެޓް ނަގާނީ. ކިހިނެތް؟