ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވެފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް މާދަމާ ސުލްޙަވެރި އެއްވުމެއް ބާއްވަން ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ "ރައިސް އަޕް މޯލްޑިވްސް" އިން ނިންމައިފިއެވެ.

"ރައިސް އަޕް މޯލްޑިވްސް" އިން މިއެއްވުން އިންތިޒާމް ކުރަނީ މާދަމާ އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަސް ކަމަށް ވާތީއެވެ.

"ރައިސް އަޕް މޯލްޑިވްސް" އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް އެ މޫވްމަންޓުގެ ފަރާތުން ބާއްވާ ސުލްޙަވެރި އެއްވުން ފެއްޓުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 20:45 ގައި ރަސްފަންނު ސަރަޙައްދުގައި ކަމަށެވެ.

"މި އެއްވުމުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތުގެ މާހަައުލުގައި އާންމުވެފައިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލުން" ބަޔާނުގައި ބުނެފައި ވެއެވެ.

މި އެއްވުން ކުރިއަށް ދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތުގެ މަތިން ކަމަށް ވެސް އެއްވުން އިންތިޒާމްކުރާ "ރައިސް އަޕް މޯލްޑިވްސް" އިން ބުނެފައި ވެއެވެ.

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރުމަކީ ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. ނަމަވެސް މިފަދަ ގިނަ އަނިޔާތައް ތަހައްމަލް ކުރާ މީހުންނަށް އިންސާފު ނުލިބުމަކީ އަބަދުވެސް އެތައް ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    މަސައްކަތު ގެ މާހައުލުގަ ފުރައްސާރަ ކޮށްގެން ނުވާނެ އެވެ. ފުރަތަމަ އައުރަ ނިވާވާ ހެދުމެއް ލާން ވީ އެވެ. 100 ޕަސެންޓް މުސްލި ގައުމެއްގަ އައުރަ ނިވާ ނުކޮށް ގިނަ ބަޔަކު އާއްމުންގެ ތެރޭގަ އުޅޭތީ އެކަމާ ބަސް ބުނަން ޖެހެ އެވެ.

    3
    1
  2. ލލ

    ރޯދަމަހު ރޯދަ ހިފައިގެން ތިބެ ތިފަދަ ކަންކަން ނުކޮށް ހެޔުކަން ކޮށްބަލަ !

    1
    1
  3. ނަން

    އެއްކޮޅުން އެއްވުން ނުބާއްވާށޭ ބަލި ކޮންޓްރޯލުން ނައްޓާވަރަށް އިތުރުވަނީއޭ.. އަނެއްކޮޅުން ކޮންމެވެސް ނަމެއްގަ މުޒާހަރާ ، އެއްވުން ބާއްވަނީ.. މީ އަރަތެއް.