ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެޑޯޒް ޖަހާފައިވާ ފަތުރުވެރިން ވެސް ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ކޮވިޑް ނައްސި ނަތީޖާ ގެންނަން ޖެހޭގޮތައް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފިއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ 3 މޭ އިން ފެށިގެން، ވަކިގޮތެއް އަންގަންދެން ފަތުރުވެރިންނާއި، ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 (ނުވަދިހަ ހައެއް) ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާ ކަމަށެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދީންނެއް ނުހިމެނޭނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުމުގައި ވަނީ މިގޮތައް އުސޫލުގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅިނަމަވެސް، އޭނާ ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އޭނާ އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށެވެ. އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް އެންގުމުގައި ވެއެވެ.

އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމުން ކޮވިޑް ޓެސްޓްގެ ނަތީޖާ ގެންނަން ނުޖެހޭ ގޮތައް ހަދާފައެވެ. ނަމަވެސް މެއި 03 ވަނަ ދުވަހުން ފެށިގެން އެއުސޫލު ބާތިލް ވާނެއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަން ގިނަ ބަޔަކު އަންނަނީ އެޗްޕީއޭއަށް ގޮވާލަމުންނެވެ. ނަމަވެސް މިހާރު ހުރި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ވިސްނުމެއް އެޗްޕީއޭ އިން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުސައިދު

    ވަގުތު ފާޢިތުވީމަ އަބަދުވެސް ފިޔަވަޅު އެޅޭނީ..ނުވިތާކަށް އިދިކޮޅޮންވެސް ފަޅޮލޭ ގޮވަމުން ނުކުންނާނެ ކޮވިޑް ފަތުރަން

    2
    1