މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީގެ ކޮމިޓީތަކުގެ އިންތިޚާބުގައި ނަތީޖާ ކަށަވަރު ނުކުރެވި ދިޔަ ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓު ލުން މިއަދު ފަށައިފިއެވެ.

އިންތިހާބުގެ ދެވަނަ ބުރެއް އޮތީ 10 ރަށެއްގައެވެ. އެއީ ހއ. ތަކަންދޫއާއި، ހއ. އުލިގަމާއި، ނ. މަގޫދޫއާއި، ރ. މާކުރަތާއި، ބ. ކެންދޫއާއި، ބ. ކިހާދޫއާއި، ވ. ފުލިދޫއާއި، މ. ރަތްމަންދޫއާއި ފ. ދަރަނބޫދޫ، އަދި ލ. ކަލައިދޫގައެވެ. މީގެ އިތުރުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ދެ ރަށެއްގެ ވޯޓުފޮށީގައި މައްސަލަތަކެއް ދިމާވެގެން އެ ދެ ރަށުގައި އަލުން ވޯޓުނެގުމަށް އީސީން ވަނީ ނިންމާފަ އެވެ. އެއީ ލ. މާވަށާއި ތ. ގާދިއްފުއްޓެވެ.

މި ރަށްރަށުގައި ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓް ލުން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް ވޯޓް ލުން ކުރިއަށް ދާނެއެވެ.

ގިނަ ރަށްރަށުގައި ދެވަނަ ބުރަކަށް ދާން ޖެހުނީ ބައެއް ރަށްރަށުގައި ވޯޓު އެއްވަރުވެގެންނެވެ. މި ރަށްރަށުގައި ވޯޓް ނަގާނީ އެއްވަރުވި ބައިން އެކަންޏެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި ދާއިރާއިން ބޭރު މީހުން ވޯޓުލުމާ ގުޅިގެން އެ ރަށްރަށުގައި މުޅި އިންތިހާބު އަލުން ބާއްވަން ވަނީ ނިންމައިފައެވެ. އެ ރަށްރަށުގައި ވޯޓް ލުން ދަނީ ކުރިއަށެވެ.

މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގެ 400 ގޮނޑިއެއް ވެރިކަން ކުރާ އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ވަނީ 325 ގޮނޑި ކާމިޔާބުކޮށްފައެވެ. އަމިއްލަ ކެންޑިޑޭޓުން 173 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. ޖުމްހޫރީ ޕާޓީއިން 26 ގޮނޑި، އަދާލަތު ޕާޓީއިން 13 ގޮނޑި، އަދި އެމްޑީއޭއިން 16 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. އެމްއާރުއެމްއިން ގޮނޑިއަކާއި ލޭބާ ޕާޓީއިން ގޮނޑިއެއް ކާމިޔާބުކޮށްފައިވެއެވެ.

އެމްޑީޕީއިން ކާމިޔާބު ކޮށްފައި އެ ވަނީ އެ ޕާޓީއިން ކުރިމަތިލި ގޮނޑިތަކުގެ 49.75 އިންސައްތައެވެ. ޕީޕީއެމްއިން ކާމިޔާބު ކޮށްފައި އެ ވަނީ އެ ޕާޓީއިން ކުރިމަތިލި ގޮނޑިތަކުގެ 50.35 އިންސައްތައެވެ.