ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން މޭޑޭގައި ބޭއްވި މުޒާހަރާގައި ހިންގި ކަންކަމަށް އިންސާފު ލިބިފައިވާ ކަމަށް ގަބޫލު ނުކުރާކަމަށާއި، އެކަންކަމަށް އިންސާފު ހޯދުމަކީ އަދި ޕެންޑިން (ނުނިމިއޮތް) މަސައްކަތެއް ކަމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

މޭޑޭ މުޒާހަރާއަށް ހައަހަރު ފުރުމާއި ދިމާކޮށް ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޑޭ މުޒާހަރާއަކީ ދިވެހި ދައުލަތާއި ދެކޮޅަށް ބަޔަކު މީހުން އިންތިޒާމްކޮށް، އަގު ދީގެން މުޒާހާރާ ކުރުމަށާއި، ދީނީ ތަޤުރީރުދޭ މީހަކު ކުރީ ސަފަށް ނެރެ، ސަރުކާރު ބަދަލު ކުރަން މިލިއަނުން ފައިސާ ޚަރަދު ކޮށްގެން ކުރި "ފެއިލްޑް" ބަޣާވަތެއް ކަމަށެވެ.

އެ ދުވަހަކީ ދިވެހި ފުލުހުންގެ ހިތްވަރާއި ސާބިތުކަން ފެނިގެން ދިޔަ ދުވަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެދުވަހުގެ މުޒާހާރާތަކާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އާއި މަޝްވަރާ ކޮށްލުމުން ވިދާޅުވި ވާހަކަފުޅެއް ހަނދާނުގައި މިއަދުވެސް އެބަހުރި ކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ. ހުސެއިން ވަހީދު ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި އެދުވަހު ރައީސް ޔާމީން ވިދާޅުވީ ‎"މަޢުލޫމާތު ލިބޭގޮތުގައި 25،000 ވަރަކަށް މީހުން މުޒާހިރާގައި ބައިވެރި ވާނެ، މުޒާހިރާ ހުއްޓުވުމަކީ ޙައްލެއްނޫން. ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން. އަދި ހުއްޓުވަން އެޅެފިނަމަ އެހެން މަގެއް ޚިޔާރު ކޮށްގެންވެސް އެ ބަޔަކު ކުރަން ބޭނުން ކަމެއް ކުރާނެ. އެންމެ ރަނގަޅީ މުޒާހިރާ ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ޤާނޫނުގައި ބުނާ މިންވަރަށް ދިނުން. ޕޮލިސް ޓީމްތައް ރެޑީ ތޯ"އެވެ.

"25000 ނަމަ އީޒީ، 50،000 ނަމަ ކުޑަކޮށް ވިސްނާލަން ޖެހިދާނެ" ކަމަށް ޖަވާބުގައި ދެންނެވިކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.

ހުސެއިން ވަހީދު ވިދާޅުވީ ‎އެދުވަހުވެސް ފެނުނީ ދިވެހިންގެ ދިވެހި ވަންތަކަން ނަގާލަން ޖެހުނަސް، ޤައުމުގައި ހަލަބޮލިކަން އިތުރު ކުރަން ޖެހުނަސް، ތަންތަނުގައި ހުޅުޖަހައި، މުދަލާއި ތަކެއްޗަށް ގެއްލުންދީގެންވެސް، އަމިއްލަ އެދުމަށް ބަޔަކު މީހުންގެ ކެތް މަދުވެފައިވާ މިންވަރެވެ.

"އެ ދުވަހަކީ ގިނަ ފިލާވަޅުތަކެއް ދަސްވި ދުވަހެކެވެ. އެއީ ގިނަ ޢަދަދެއްގެ ފުލުހުން މުޒާހިރީންގެ އަނިޔާތަކާއި ކުރިމަތިލާންޖެހުނު ދުވަހެކެވެ. ގިނަ މަޢުލޫމާތުތަކެއް އެއްކުރެވުނު ދުވަހެކެވެ. ސަރުކާރާއި، ސަރުކާރާއި ގުޅުންހުރި ބައެއް އިސް ބޭބޭފުޅުން ގެއިން ނިކުންނަން ނުކެރިގެން އުޅުނު ގޮތްވެސް ދުށީމެވެ. މޭޑޭ މުޒާހިރީންނާއި އެކިގޮތްގޮތުން ސަރުކާރު ތެރެއިން ގުޅިފައިތިބި މީހުންވެސް އެނގުނެވެ. ހެދި ޑީލްތައްވެސް އެނގުނެވެ. ރޮއިފަ އަސަރާއިއެކު ދިން ތަޤުރީރަށާއި، ކުރި ދުޢާއަށް ކީ އަގާއި، ހޯދި ވަރުވެސް އެނގުނެވެ. އެދުވަހަށް ފުރިހަމަ އިންސާފު ލިބުނު ކަމަށް ހަމަގައިމުވެސް ޤަބޫލެއް ނުކުރެވެއެވެ. އެއީ "ޕެންޑިންގ" ގައިވާ މަސައްކަތެކެވެ." ހުސެއިން ވަހީދު ވިދާޅުވިއެވެ.

މޭޑޭ މުޒާހަރާ އާއި ގުޅިގެން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވެސް ޖަލު ހުކުމެއް އިއްވިއެވެ. ވެރިކަން ބަދަލުވުމުން އެހުމް ވަނީ ބާތިލް ކޮށްފައެވެ. މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އާދީބާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ވެސް ދައްކާފައެވެ. ނަމަވެސް ފަހުން ވިދާޅުވީ އެއީ "ސިޔާސީ ވާހަކައެއް" ކަމަށެވެެ.

މޭޑޭ މުޒާހަރާއަކީ 2012 ވަނަ އަހަރަށް ފަހު އެންމެ ގިނަ ފުލުހުންނަށް ވެސް ތަފާތު ގިނަ އަނިޔާތަކާއި ކުރިމަތިލާން ޖެހުނު މުޒާހަރާއެވެ. އެދުވަހު ބާރު ސްޕީޑްގައި މުޒާހަރާގެ ބައިވެރިން ޕިކަޕެއް ދުއްވާފައި ގޮސް ފުލުހުންތަކެއްގެ ގައިގަ ޖައްސާފައި ވެއެވެ. އަދި ފުލުހަކު ވައްޓާލައިގެން ވެސް ބޮޑެތި އަނިޔާތަކެއް ފުލުހުންނަށް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޙހހހ

  ޢާނ އެކަންވާނީ އެހެން ، އުލުހިޔާވެސް ކަތިލާނީ ވަކިމޫސުމެއް އާމަ ތާ! މުޅިންވެސް އަމިއްލަަ މަންފާއަށް ތިޔަ މަސައްކަތްކުރައްވަނީ ، އަދި ތި ބޭފުޅުންގެ މަސައްކަތަކީ އަބަދުވެސް ބަދަލު ހިފުން

  5
  9
 2. ހުސޭނުބޭ

  އިމްރާނުގެ ޑޮކިއުމެންޓް މުޒާހަރާ ދޯ
  ބުއްޅަބޭގެ އޯޑަރަށް އެސްއޯ ފުލުހުންގެ ގައިގައި ޕިކަޕަކުން ޖެއްސި މުޒާހަރާ ދޯ!