މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ށ. މިލަންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި، އަބްދުﷲ އާތިފްއަކީ އެ އިންތިހާބުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ތަފާތު ބޭފުޅެކެވެ.

އޭނާއަކީ ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައި ފަހުން ބޭއްވި ކޮންމެ އިންތިހާބެއް ކާމިޔާބު ކުރެއްވި މަދު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.

އަބްދުﷲ އާތިފްގެ ސިޔާސީ ޙަޔާތް ފެއްޓެވީ މިލަންދޫ ސްކޫލުގެ އިދާރީ މުވައްޒަފެއްގެ ވަޒީފާ އިންނެވެ. ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމަށް ގެނެވުނު ބަދަލާއި ގުޅިގެން އެންމެ ފުރަތަމަ 2011 ވަނަ އަހަރު ބޭއްވުނު ކައުންސިލު އިންތިހާބުގައި މިލަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ހޮވިވަޑައިގެންނެވިއެވެ.

އެކަމަކު، އޭނާ ކައުންސިލްގެ ޖަލްސާތަކަށް ހާޒިރު ނުވި ކަމަށް ބަލައި ކައުންސިލުން އޭނާ ވަކިކޮށް އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ވޯޓުލުން ބޭއްވި އަބްދުﷲ އާތިފް ދުލެއް ނުދެއްވިއެވެ. ބައި އިލެކްޝަންގައި އޭނާ ވާދަކުރެއްވީ ހޮވިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ އަޒުމާއެކުގައެވެ.

އަލުން އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވައިގެން މިލަންދޫ ދާއިރާގެ ގޮނޑި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެއްވިއެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ވެސް އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. އޭނާ 2017 ވަނަ އަހަރު ޕީޕީއެމް ޓިކެޓުގައި ނުކުންނަވައި ވެސް އެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބު ކުރެއްވިއެވެ.

އަދި އެންމެ ފަހުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި އޭނާ ވަނީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނުކުންނަވައިފައެވެ.

އަބުދުﷲ އާތިފު ގަބޫލުކުރައްވާ ގޮތުގައި ލޯކަލް ކައުންސިލު ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ބޭއްވި އިންތިހާބުން ފެށިގެން މިއަދާ ހަމައަށް ބޭއްވި ހުރިހާ އިންތިހާބަކުން ރައްޔިތުން އޭނާ އަށް މިހާބޮޑު ތާޢީދެއްކޮށް އިންތިހާބު ކުރުމުގެ ސިއްރަކީ ޚިދުމަތް ދިނުމުގައި ވަކި ކުލައަކަށް އަދި ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުންނެވެ.

މިވަރުގެ ތާއީދެއް މެދުކެނޑުމެއް ނެތި 2011 ވަނަ އަހަރުން ފެށިގެން ވާދަކުރި ކޮންމެ އިންތިޚާބަކުން ރައްޔިތުން އިތުބާރުކޮށް އިންތިޚާބުކޮށްދެއްވި ކަމަށްޓަކަށް މިލަންދޫ ދާއިރާގެ ފީވައް، ނަރުދޫ އަދި މިލަންދޫގެ ރައްޔިތުންނަށް ޚިތުގެޝުކުރު އަދާކުރެއްވިއެވެ.

އަދި ޚާއްސަކޮށް މިފަހަރު ސީދާ ރައްޔިތުންގެ ވޯޓަކުން މިލަންދޫ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުކޮށްފައި ވާތީ މިލަންދޫގެ އަޚުންނާއި އުޚުތުންނަށް ހިފެހެއްޓުމެއްނެތް އޯގާތެރި ޝުކުރު އަދާކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    އަތޮޅު ކައުންސިލަކަށް ހުންނެވިއިރު އާތިފުގެ ހިތްހެޔޮކަމާއި އޯގާތެރިކަން އަޅުގަނޑު ތަޖުރިބާ ކުރިން
    ޝުކުރިއްޔާ ޢާތިފު ބޮޑޭ

  2. ސާޖިދު

    ހޯރަފުށީ އިބްރާހިމް ސާކިރުވެސް ހުރިހާ އިންތިހާބެއް ކާމިޔާބުރި.