ކ. މާފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 309 އަށް މިއަދު އަރައިފިއެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެގެން އެ ރަށަށް އަރައި ފޭބުން މަނާކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ގެންދިއުމުން އެ ރަށުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައި އޮތް ކަން އެނގުނެވެ. އެ ރަށުން ފެނުނު ކޮވިޑް-19 ގެ ވޭދަނަތަކާ ގުޅިގެން ގިނަ އަދަދެއްގެ ގެތައް މިހާރު ހުރީ ކަރަންޓީންކޮށްފައެވެ.

މާފުށީ ހެލްތު ސެންޓަރުގެ މެނޭޖަރު ސަލްމާން ރަޝީދު "ވަގުތަށް" ވިދާޅުވީ އެ ރަށުގައި މިދިޔަ މަހު ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް 12،00 އަށް ވުރެ ގިނަ ސުންކު ނަގާފައިވާ އިރު، 100 ސުންކެއްގެ ނަތީޖާ ލިބިފައި ނުވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ އިތުރު ސުންކުތައް ރަށު ތެރެއިން ނެގުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަލްމާ ވިދާޅުވި ގޮތުގައި، ރަށުގެ މިވަގުތު ހާލަތަށް ބަލާ އިރު، އެޑްމިޓްކޮށްގެން އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދެއެވެ. އަދި އެއްވެސް މީހެއްގެ ހާލު ބޮޑުވެގެން ރިޕޯޓުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީގެ ހަތް މީހަކު ހުޅުމާލެ ކޮވިޑް ފެސިލިޓީ އަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ރަށު ތެރެއިން އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން،" ސަލްމާން ވިދާޅުވިއެވެ.

ސަލްމާން ކުރިން ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު، ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.މާފުށީގައި ކޮވިޑް ފެތުރެމުންދާއިރު މާފުށި ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. މާފުށީގައި މި ފަހުން ކޮވިޑް ފެތުރުނު ގޮތެއް ދެނެގަނެވިފައެއް ނުވެއެވެ.

އެކަމަކު، އެ ރަށަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ރަށެކެވެ. ޗުއްޓީ އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިންގެ ތެރޭގައި އިންޑިއާގެ ފަތުރުވެރިން ވެސް ހިމެނޭ ކަން އެނގިފައިވެއެވެ. އިންޑިއާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ހަލުވިކަމާއެކު ފެތުރިފައި އޮތް ގައުމަކީ އިންޑިއާއެވެ. އެ ގައުމުގައި ކޮވިޑްގެ ވަރުގަދަ ވޭރިއަންޓްތަކެއް ފެތުރިފައި އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އިން މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 73 މީހުން ވަނީ ނިޔާވެފައެވެ. މި ބަލި ޖެހުނު 4،000 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް ފަރުވާދެމުން އަންނަ އިރު 100 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައެވެ.