އައްޑޫސިޓީން ކަރަންޓީނުގައި ނެތް މީހަކު ފައްސިވުމާއި ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ހިންގަމުން އައި އައްޑޫގެ ފްލޫ ކްލިނިކް ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގި އިމާރާތަށް ބަދަލުކޮށްފިއެވެ.

އެ ވޭދަނައާއި ގުޅިގެން އައްޑޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އޭއީއެޗުން ބުނީ މިއަދުން ފެށިގެން ފްލޫ ކްލިނިކްގެ ހިދުމަތް ދެމުން އަންނަނީ ހިތަދޫ ކުރީގެ ހޮސްޕިޓަލުން ކަމަށެވެ. އަދި ފްލޫ ކްލިނިކުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށާއި ރޭގަނޑު 21:00 އިން 23:00 އާއި ހަމައަށް ކަމަށެވެ.

އަދި ކޮވިޑް ޖެހިފައިވާ މީހަކާއި ގާތުން ބައްދަލުވެއްޖެނަމަ ފްލޫ ކްލިނިކަށް އައުމުގެ ބަދަލުގައި 6888672 ނަމްބަރަށް ގުޅައި މައުލޫމާތު ހިއްސާކޮށް، ގޭގައި އެކަހެރި ވުމަށް އޭއީއެޗުން ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެންމެ ފަހުން ފައްސިވެފައިވަނީ ފޭދޫ އަށް ނިސްބަތްވާ މީހެކެވެ. އޭނާ ފައްސިވެފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން އައްޑޫގައި އޮތް މުބާރާތަަކަށް ކުޅެން ދިޔަ ކުޅުންތެރިއަކު ވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އަދި މި ބައްޔަށް އެ އަތޮޅު ހުޅުމީދޫއިން ވެސް ގިނަ ބަޔަކު ވަނީ ފައްސިވެފައެވެ.