ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ގެއްލިފައިވާ ކަމަށާއި، އަދި އެތައް މަސައްކަތްތެރިންނެއްގެ ވަޒީފާތައް ގެއްލި ނިކަމެތިވެ، މަގުމަތިވެފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށާއި، ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ކައިރިއަށް ނުދެވި ވަޒީފާގެ ތަފާތުކުރުންތަކާއި ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމުގައިވާ އެންމެ މަސައްކަތްތެރި މަސްވެރިން ބާނާ މަސް ނުކިރި އެމަހަށް ހަމަ އަގު ނުލިބި މަސްވެރި އާއިލާތައް ނިކަމެތި ވަމުންދާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި ކޮވިޑް-19ގެ މި ހާލަތުގައި ރެއާއި ދުވާލު އިސްސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ހައްގު އުޖޫރައެއް ނުލިބޭ ކަމަށާއި، އަދި މިފަދަ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އިސްސަފުގައި މަސައްކަތް ކުރުމުން ދޭންޖެހޭ އެލަވަންސެއް ނުލިބޭ ކަމަށް އިދިކޮޅު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ކޮންމެ މަހެއްގެ މުސާރަ ލިބޭނެ ކަމުގެ ޔަގީންކަން ނެތި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމެއް ތަހައްމަލު ކުރަންޖެހިފައިވާ ބަޔަކީ ހަމަ ޔަގީނުންވެސް މަސައްކަތް ތެރިން ކަމަށާއި، އޭގެ ތެރޭގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިއްބެވި އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިފައިވާކަން ހިތާމައާއި އެކު ފާހަގަ ކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުންވެސް، ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުހައްގުން ވަަޒީފާއިން ވަކި ކުރުމާއި، ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށްވެސް އިދިކޮޅު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ ވައުދުތަކާއެކުގައި ކަމަށާއި، އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވައުދެއް ނަމަވެސް މިސަރުކާރު ގެ ވެރިކަމަށް ދެއަހަރާ ބައި ވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅިއޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިހްލާސްތެރި ކަމެއް އަދި އަހައްމިއްޔަތު ކަމެއް ނެތްކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޙައްގު ތައްކާލީމަ ހައްގުތައްގެއްލޭނެ

  2. ބަކުރު ބޭ

    އެހެންވީމާ ހައްޤު މަތީ ގައި ޓިނު ޖަހަންވީ ތަ؟