މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 402 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 30،237 އަށް އަރާފައެވެ.

މިއަދު އަތޮޅުތެރެއިން ވަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވަނީ 179 މީހުން ފައްސިވެފައެވެ. މިއަދު މާލެ އިން ފައްސިވީ 174 މީހުންނެވެ. ރިސޯޓްތަކުން މިއަދު ހަ މީހުން ފައްސިވެފައި ވެއެވެ. އަދި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން 43 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު 402 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 3،854 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

މިހާރު ރާއްޖޭގައި ކޮވިިޑް ޖެހިގެން ފަރުވާދެމުން ދަނީ 5،221 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑްގެ ބިރުވެރިކަން އަނެއްކާވެސް މި ވަނީ ބޮޑުވެފައެވެ. ކުރިން އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް މާލެއާ އެއްވަރަށް މިހާރު ރަށްތަކުން ދަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ މި އަހަރު ފެށިފަހުން އިތުރުވާން ފަށާފައެވެ. އެގޮތުން މިިހާރުވެސް ބަލި ފެތުރެމުންދާތީ 22 ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެގޮތުން މިއަދުވެސް އެބަލީގައި 39 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި މީގެ ދެ ދުވަސް ކުރިންވެސް ދެ މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ރާއްޖެއިން މިހާތަނަށް މި ބަލީގައި 74 މީހަކު ނިޔާވެފައިި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައްތާރު

    ޙުރިހާ ސުކުރެއް ޢަދާ ކުރަން ޖެހޭނީ މައިމޫނާއައް..

  2. ަުހުސެން

    ތިޔަ ކިޔާ އެޗްޕީއޭ އާއި ޓެގް ޓީމް އޮތީ ނިދާފަބާ ނޫނީ ފިއްތުން ތަކާ ހެދި ނިދާ ކިމަށް ހެދި ގެންބާ؟

  3. އަޙްމަދު

    ކިހާވަރެއް ވީމާތޯ ފިޔަވަޅު އަޅާނީ! މީކީ ސިޔާސީ ކަމެއްނުން! މީއީ ޤައުގެ މުސްތަގްބަލާ ގޮޅިފައިވާކަމެއް! މައިމުނާއަށް މިކަން ނުވިކަން ޤަބޫލުކޮށް އެއްކާރި ވެލާނީ ކޮންއިރަކުންތޯ؟؟؟