އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ނަތީޖާ ހަމަހަމަވެގެން ނ. މަގޫދޫގައި ތިންވަނަ ބުރެއް ބާއްވަން ޖެހިއްޖެއެވެ.

މަގޫދޫގައި ދެވަނަ ބުރެއް ބާއްވަން ޖެހުނީ ޕީޕީއެމްގެ ކެންޑިޑޭޓް މާޖިދާ ހަސަންއާއި އެމްޑީޕީގެ ކެންޑިޑޭޓް ސައީދާ ހާރޫނަށް ލިބުނު ވޯޓް އެއްވަރު ވެގެން އެ ދެ ކެންޑިޑޭޓުންގެ މެދުގައެވެ. މިއަދު ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި ވެސް މި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓް ވަނީ އެއްވަރުވެފައެވެ.

ރަށުގައި ބެހެއްޓި ފޮށިން ކުރި ހޯދާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މާޖިދާއެވެ. މާޖިދާއަށް 87 ވޯޓް ލިބިފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓް ސައީދާއަށް ލިބިފައިވަނީ 69 ވޯޓެވެ.

މާލޭގައި ދިރިއުޅޭ މަގޫދޫ މީހުންނަށް އިސްކަންދަރު ސްކޫލްގައި ބެހެއްޓި ފޮށިން ކުރި ހޯދާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ސައީދާއެވެ. ސައީދާއަށް 26 ވޯޓް ލިބިފައިވާއިރު، ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ އަށް ވޯޓްއެވެ.

ޖުމުލަ ނަތީޖާއަކީ ދެ ކެންޑިޑޭޓުންނަށް ވެސް 95 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަގޫދޫގައި ތިންވަނަ ބުރެއް ބާއްވަން ޖެހުމުން އެ ބުރުގެ ވޯޓް ނެގުން ޖޫން ފަހެއްގައި ބޭއްވުމަށް މިރޭ މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

ޖޫން މަހުގެ ފަސްވަނަ ދުވަހު އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި އިލެކްޝަންސް އޮންނާނެއެވެ. އެއީ ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން އިންތިޚާބު ކުރަން ޖެހޭ އަދަދަށް ކުރިމަތިލާފައި ނުވާ ރަށްތަކަށެވެ.

މި ގޮތުން ހަ ރަށެއްގެ ބައި އިލެކްޝަންސް އޮންނާނެއެވެ.

ވ. ރަކީދޫ އާއި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ. އއ. ފެރިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. ހދ. ނޮޅިވަރަމްއާއި، ބ. ފުޅަދޫއާއި ކ. ދިއްފުށީގެ އަންހެނުންގެ ކޮމެޓީއަށް ވެސް މެންބަރަކު އިންތިހާބު ކުރަން ޖެހެއެވެ.