މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ނަތީޖާ ހަމަހަމަވެގެން ދެވަނަ ބުރުގެ ވޯޓު ލުމެއް މިއަދު ބޭއްވި ބ. ކިހާދޫއާއި މ. ރަތްމަންދޫގެ ނަތީޖާ ޔަޤީންވިއިރު، މި ދެ ރަށުގެ ކައުންސިލްގެ މެޖޯރިޓީ އަމިއްލަ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ކެންޑިޑޭޓުން ކާމިޔާބު ކުރީ އަންހެނުންނަށް ޚާއްސަ ދެ ގޮނޑިއެވެ. އެމްޑީޕީއިން ވަނީ އާންމު މެންބަރުކަމުގެ އެއް ގޮނޑިއާއި ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓް މުޙައްމަދު ޤާސިމްއަށް އިތުރު 10 ވޯޓުން ކުރިލިބިގެން ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމުން ތިން ގޮނޑި އަމިއްލަ ކެންޑިޑޭޓުންނަށް ލިބިގެން ކިހާދޫގެ މެޖޯރިޓީ އޮތީ އަމިއްލަ ކެންޑިޑޭޓުންނަށެވެ.

ރަތްމަންދޫގައި ނަތީޖާ ހަމަހަމަވެގެން ދެވަނަ ބުރެއް ކުރިއަށް ގެންދިޔައީ ކައުންސިލްގެ ރައީސްގެ ވޯޓްގައެވެ. މިއަދު ކުރިއަށް ދިޔަ އިންތިޚާބުގެ ދެވަނަ ބުރުގައި ކައުންސިލްގެ ރައީސްގެ ގޮނޑި ވަނީ އަމިއްލަ ކެންޑިޑޭޓް ކާމިޔާބުކޮށްފައެވެ.

ރަތްމަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ދެ ގޮނޑި ވެސް އަމިއްލަ ކެންޑިޑޭޓުން ކާމިޔާބު ކުރިއިރު، ކައުންސިލްގެ އާންމު މެންބަރު ކަމުގެ ދެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނެވެ. އެހެންކަމުން ތިން ގޮނޑިއާއެކު ރަތްމަންދޫ ކައުންސިލްގެ މެޖޯރިޓީ ވެސް ލިބިފައިވަނީ އަމިއްލަ ކެންޑިޑޭޓުންނަށެވެ.

މި އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުނީ ބައެއް ރަށްރަށުގައި ވޯޓު އެއްވަރުވުމާއި ގުޅިގެންނެވެ. މި ރަށްރަށުގައި ވޯޓް ނަގާނީ އެއްވަރުވި ބައިން އެކަންޏެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި ދާއިރާއިން ބޭރު މީހުން ވޯޓުލުމާ ގުޅިގެން އެ ރަށްރަށުގައި މުޅި އިންތިހާބު އަލުން ބާއްވަން ވަނީ ނިންމައިފައެވެ. އެ ރަށްރަށުގައި ވެސް މިއަދު ވޯޓް ލުން ކުރިއަށް ގެންގޮސްފައިވެއެވެ.