ލ.މާބައިދޫ އިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

”ވަގުތު“ އަށް އެނގިފައިވާ ގޮތުން އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެ އަތޮޅުގެ މާންދޫ ކޮވިޑް އިހަލާއި ގުޅުން އޮތް މީހެކެވެ.

މީގެ ހަތަރު ދުވަސް ކުރިން އެމީހާގެ ސުންކު ނެގި ނަމަވެސް، ނަތީޖާ ލިބިފައި ވަނީ މިރޭ ދަންވަރުގެ ވަގުތެއްގައެވެ.

މާބައިދޫ އިން ފައްސިވެފައިވާ މީހަކީ އެ އަތޮޅު ގަމުން އެ ރަށަށް ދަތުރު ކުރި މީހެކެވެ.

މާންދޫ އިހަލުން މިހައިތަނަށް 231 މީހަކު ފައްސިވެފައި ވާއިރު ފައްސިވި މީހުންގެ ތެރޭގައި މާބައިދޫގެ އިތުރުން ގަމާއި، ފޮނަދޫގެ އިތުރުން ދަނބިދޫ އަދި އިސްދޫ މީހުން ވެސް ހިމެނެއެވެ.

މާންދޫން ކޮވިޑް ފެނުމާއި ގުޅިގެން ގަމާއި ފޮނަދޫ އަދި މާންދުއަށް އަރައި ފޭބުން މަނާކޮށްފައި އޮންނަތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. މީގެ އިތުރުން ގަމުގައި ވަނީ އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެގޮތުން ގަމުގެ ކެފޭ ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.