ރާއްޖޭގައި ރީބްރޮޑްކާސްޓް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބްރޮޑްކާސްޓް ކުރެވޭނެ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ވިދާޅުވި ނަމަވެސް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބްރޮޑްކާސްޓް ކުރުމުގެ ރައިޓްސް ލިބިފައި އޮތީ ޕީއެސްއެމް އަށް ކަމަށް އެކުންފުނިން ވިދާޅުވާ ވިދާޅުވުން މިރޭ އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.

ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަޝިޔާގައި އޮންނަ އެ މުބާރާތް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް، މިހާތަނަށް ރާއްޖެއަށް ރައިޓްސް ނުގަންނަ ވަރުގެ ބޮޑު އަގެއްގައި، 9.25 މިލިޔަން ރުފިޔާއަށް ގަތުމުގެ ހުއްދަ ޕީއެސްއެމްގެ ގަވަނިން ބޯޑުން ޕީއެސްއެމްގެ މެނޭޖްމެންޓަށް ދީފައިވާނެ ކަމަށެވެ. އެއީ ވޯލްޑްކަޕް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް (ހުރިހާ ވަސީލަތްތަކެއް ހިމެނޭގޮތަށް) ހަމައެކަނި ޕީއެސްއެމަށް ލިބޭގޮތަށް ކަމަށް ނޫސް ބަޔާނުގައި ވެއެވެ.

އެކަމަކު އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންްސް ލިބިފައިވާ ފަރާތްތަކަށް އެ މުބާރާތް ދެއްކޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި މި ފަދަ ނިންމުމެއް ނިންމީ ކޮން އަސާސެއްގެ މައްޗަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

ބަޔާނުގައި ވިދާޅުވީ ޕީއެސްއެމާއި މި ސަރަހައްދުގެ ވޯލްޑްކަޕް ބްރޯޑްކާސްޓް ރައިޓްސް އޮތް ކުންފުންޏާ ދެމެދު އެގްރީމެންޓް ކޮށްފައިވާނަމަ، އެއީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބަލައި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. އަދި ގަވަނިން ބޯޑުން ހުއްދަ ދީފައިވާ ގޮތަށް، އެއްބަސްވުން ހަދާފައިވާނަމަ އެ އެއްބަސްވުުމާ ހިލާފަށް، ރާއްޖޭގެ ސަރަހައްދުގައި ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދިނުމަކީ ވެސް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމުގައި ބަޔާނުގައި ބުނެފައި ވެ އެވެ.

ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް އޮތީ ޕީއެސްއެމް އިން ކަމަށް ތަކުރާރުކޮށް އެކުންފުނިން އަންނަނީ ބުނަމުންނެވެ.

ނަމަވެސް އިއްޔެ ބްރޯޑްކޮމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި އެކު މައްސަލައަށް ހައްލެއް ލިބުނީ ކަމަށް ހީކުރެވުނެވެ. މިރޭ ޕީއެސްއެމް އިން ނެރުނު ބަޔާނާއި އެކު އަނެއްކާވެސް ޔަގީންވެފައިމިވާ ކަމަކީ ވޯލްޑްކަޕް ބްރޮޑްކާސްޓް ކުރުމުގެ ބަހުސް އަދިވެސް ނިމެން ނެތް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    ފަހުވަގުތު ސޮނިން ޕީ އެސް އެމް އަށްދިން ރައިޓްސް ބާތިލުކުރީމަ ހުންނާނީ ހޫނުމަސް ކެވިފަ.މީޑިޔާނެޓުން މިކަން މިގޮތށް ކުރުވަންފެނޭ ދިގު 30ގަ ވޯލްޑް ކަޕް ބެލިގޮތަށް ރަށުއޮފީހުގެ ޓީވީ ބަހައްޓައިގެން ރައްޔަތުން ނަށް ހަމައެކަނި ޓީ ވީ އެމް ދައްކަން ނުވިސްނާ މީ އެދުވަހެއްނޫން

  2. މީހެއް

    ތި އުޅެނީ ޕޕ ކެންޕޭން ކުރަންވެގެން މެޗްދައްކާކައްނޫން