މަސްތުވާތަކެއްޗާއިއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މިފަސް މީހުން ހައްޔަރު ކޮށްފައި ވަނީ ތިން އޮޕަރޭޝަނެއްގައެވެ.

ފުރަތަމަ އޮޕަރޭޝަންގައި މަސްތުވާތަކެތި އަތުލައިގަތީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރި ބޯޓަކުންނެވެ.

އެއީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެޕްރީލް 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅަކާ އަދި ހަތް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައިވެސް މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި އެގޮތުން ހިންގި އެއް އޮޕަރޭޝަނުގައި އެޕްރީލް މަހުގެ 29 ވަނަ ދުވަހު މައްޗަންގޯޅި ގެއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި އެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ދެ ސެލޯފިންކޮޅާއި، ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން 24 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެޕްރީލް މަހުގެ 28 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، 18 ސެލޯފިންކޮޅާއި، 84 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން 22 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު 24 އަހަރުގެ މީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 22 އަހަރުގެ ފިރިހެން މީހާއަށް ދީފައިވާކަމަށާއި، އަދި 22 އަހަރުގެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތުދީފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯޕް ލައިޓް ބްރަދަރ

    ރިސޯޓްކުދިން ނައިޓައްދާއިރު ހުރިހާކުދިން ހަމައިގައި ތިބޭކަށް ނުޖެހޭނެ!!!

    2
    3