ލ. މާވަށު ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް، އަދި ކައުންސިލްގެ މިހާރުގެ ރައީސް އަޙްމަދު މޫސާ ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވައިފައެވެ. ކައުންސިލްގެ ރައީސްގެ ގޮނޑި އޭނާ ދިފާއު ކުރެއްވީ ކުރިމަތިވި އެކި ގޮންޖެހުންތަކާއި ހުރަސްތަކާ ވެސް އެކުގައެވެ. ނަތީޖާއިން ސާފުކޮށް އޭނާ ކުރި ހޯއްދަވާކަން ފެންނަން އޮތަސް، ކައުންސިލްގެ އިންތިޚާބީ ރައީސްގެ ގޮތުގައި އޭނާގެ ނަން އިއުލާން ނުކޮށްފާނެ ކަމުގެ އިހްސާސް ކުރަން ޖެހޭ ހާލަތެއް ވެސް މެދުވެރިވެއްޖެއެވެ.

މާވަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އަލުން ވޯޓް ލާފައި ވަނީ މާވަށުގައި ހުންނަ ދެ ނަންބަރު ވޯޓް ފޮށްޓަށެވެ. އެ ވޯޓް ފޮށީގެ ވޯޓް ލުން އަލުން ކުރިއަށް ގެންދާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ މާވަށު ކައުންސިލްގެ ރައީސްގެ ނަތީޖާ ހަމަހަމަވުމުންނާއި ދެ ނަންބަރު ވޯޓު ފޮށްޓަށް މާވަށު ނޫން މީހަކު ވޯޓް ލައިގެނެވެ.

އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އަޙްމަދު މޫސާއަށް ލިބިވަޑައިގަތީ 186 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުލް ރަޙްމާންއަށް ލިބިވަޑައިގަތީ 226 ވޯޓެވެ. އޭރު ދެ ކެންޑިޑޭޓުންގެ މެދުގައި ފަރަގެއްގެ ގޮތުގައި ވަނީ 40 ވޯޓެވެ.

ދެވަނަ ބުރުގެ އިންތިޚާބު އިއުލާން ކުރިއިރު އަހްމަދު މޫސާ ހުންނެވީ މާލެ ވަޑައިގެންނެވެ. އެއީ ދެ ނަންބަރު ވޯޓް ފޮށީގައި އަޙްމަދު މޫސާއަށް ލިބިވަޑައިގެންނެވި ސައްޚަ ވޯޓްތަކެއް ބާތިލް ވޯޓްތަކެއްގެ ގޮތުގައި ކަނޑައެޅި ކަމަށް ފެންނާތީ އެ ޝަކުވާ ހުށަހަޅުއްވުމަށެވެ. ރަށުގައި ހުންނަވާ ޝަކުވާ ބަލައިގަތުން ކުރިއަށް ނުދާތީ ވަޑައިގެންނެވީއެވެ. އޭރު ވެސް އޭނާ ޤަބޫލު ކުރެއްވީ އެ ވޯޓް ފޮށީގެ ފަރަޤު ކުޑަ ވާނެ ކަމުގައެވެ.

އިއްޔެ ކުރިއަށް ދިޔަ އިންތިޚާބުގެ ދެވަނަ ބުރުގައި މާވަށު ކައުންސިލްގެ ރައީސްގެ ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ވަނީ ކުރީ ބުރުގެ ނަތީޖާއަށް ވުރެ ފަރަޤު ކުޑަވެފައެވެ. މި ގޮތުން އަހްމަދު މޫސާއަށް 218 ވޯޓް ލިބިވަޑައިގަތެވެ. އަދި އާދަމް އަބްދުލްރަހްމާނަށް ލިބިވަޑައިގަތީ 232 ވޯޓެވެ. ފަރަޤަކީ 14 ވޯޓެވެ.

މި ވޯޓް ކުރިއަށް ދިޔައިރު ވޯޓް ލުމަށް ޓަކައި އަހްމަދު މޫސާ ހުންނެވީ އަނބުރާ ރަށަށް ވަޑައިގެންނެވެ. އިންތިޚާބުގައި ކުރިން ދީފައި އޮތް ލުއި ނެތުމުން އޭނާ ހުންނަވަން ޖެހުނީ 10 ދުވަހުގެ ކަރަންޓީނުގައެވެ. އެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބޭއްވިއިރު ބޭރަށް ނުކުންނަން ފުރުސަތު ލިބިވަޑައިގަތީ ވޯޓް ލާން އެކަންޏެވެ. ދެވަނަ ބުރަށް ކެމްޕޭން ކުރަން ވެސް ފުރުސަތު ލިބިވަޑައެއް ނުވަތެވެ.

އަހްމަދު މޫސާ "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އަދިވެސް އޭނާ ކަރަންޓީނުގައި ހުންނެވިއިރު ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ލިބިވަޑައިގަތުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ކުރީ އިންތިޚާބުގައި ވެސް އޭނާއަށް ލިބިވަޑައިގެންނެވި ވޯޓްތައް ބާތިލް ނުކުރިނަމަ ނަތީޖާ މި ގޮތަށް އަންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އިންތިޚާބު ކާމިޔާބު މި ކުރެވުނީ ހަޤީޤަތުގައި ވަރަށް ދަތިކޮށް އުޅެމުން، ދެވަނަ ބުރު ކުރިއަށް މިދިޔައީ ލިބުނު މުއްދަތުގަ ގޭބަންދެއްގަ ހުންނަން ޖެހިގެން، އަދިވެސް އަޅުގަނޑު މި ހުރީ ކަރަންޓީނުގަ،" އަހްމަދު މޫސާ ވިދާޅުވިއެވެ.

ހަމައެކަނި ދެ ނަންބަރު ފޮށީގެ ނަތީޖާ، ޖުމުލަ ނަތީޖާ ކަމަށް ކަނޑައަޅައިދާނެ ކަމުގެ ކަންބޮޑުވުން

އިއްޔެގެ ވޯޓަށް ފަހު ޖުމުލަ ނަތީޖާ މިހާރު ދައްކާ ގޮތުން އަހްމަދު މޫސާއަށް 557 ވޯޓް ލިބިވަޑައިގަންނަވައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަންނަވަނީ 531 ވޯޓެވެ. އެއީ އެހެން ފޮށިތަކުގެ ނަތީޖާ ހިމެނުމުން ނުކުންނަ ނަތީޖާއެވެ.

އެހެން ވިޔަސް ކުރިން ހަމަހަމަވުމުން ނަތީޖާއެއްގެ ގޮތުގައި ބަލާނީ ދެވަނަ ބުރުގެ ނަތީޖާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތެރެއިން މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް އަހްމަދު މޫސާ ވިދާޅުވިއެވެ. މި ގޮތުން ދެ ނަންބަރު ފޮށްޓާ ހަވާލުވެ ހުންނެވި ފަރާތުން ގުޅުއްވައި އެ ގޮތަށް މައުލޫމާތު ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ގުޅާފަ މި އަންގަނީ، ނަތީޖާގެ ގޮތުގައި ދެން އިއުލާން ކުރާނީ ދެވަނަ ބުރުގެ ނަތީޖާއޭ، އެކަމަކު އަޅުގަނޑުމެންގެ ފަރާތުން މި ފާހަގަކުރާ ނުކުތާއަކީ އެއީ މާވަށު ރައްޔިތުންގެ މުޅި ނިންމުމަކަށް އޭރު ނުވާނެއޭ، ހަމައެކަނި ދެވަނަ ނަންބަރު ފޮށީގެ ވޯޓް ލުން އަލުން ކުރިއަށްދާ ނަމަ، ކުރިން ދެ ނަންބަރު ފޮށި ބާތިލްކޮށްފައޭ އަލުން އޭގެ ވޯޓް މި ލަނީ، އެހެން ވެއްޖެނަމަ އެހެން ފޮށިތަކުގެ ނަތީޖާއާއި މި ނަތީޖާ އެއްކޮށްފައޭ ޖުމުލަ ނަތީޖާ އަންނަނީ،" އަހްމަދު މޫސަގެ ކަންބޮޑުވުން ތަފްސީލް ކޮށްދެއްވިއެވެ.

އަހްމަދު މޫސަ ވިދާޅުވި ގޮތުގައި، މާވަށު ރައްޔިތުންގެ ފަރާތުން އެހާ ސާފުކޮށް ހާމައަށް ފެންނަ ގޮތަށް ނިންމާފައިވާ ނިންމުމެއް، އެއްވެސް "ތާކުން ތާކު ނުޖެހޭ" އުސޫލެއްގެ މައްޗަށް އީސީއިން ބަދަލު ކުރާނެ ކަމަށް އޭނާ ޤަބޫލެއް ނުކުރައްވައެވެ. ބަދަލުކޮށްފިނަމަ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ވޯޓް ލުން ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާވަށު ރައްޔިތުންގެ ބަސް އިއްވައިފި، ރައްޔިތުންގެ ބަސް ތަންފީޒު ކުރަން ޖެހޭނެ، އަޅުގަނޑަށް ކުރި ލިބޭ ކަން އެ އޮތީ ފެންނަން، އެ ތަންފީޒު ކުރާނެ ކަމަށް އަޅުގަނޑު ދެކެނީ، ދައުލަތުގެ މުއައްސަސާއަކުން ރައްޔިތުންގެ ނިންމުމުގެ މައްޗަށް އެހެން ގޮތެއް ކަނޑައަޅާނެ ކަމަށް ނުދެކެން،" އަހްމަދު މޫސާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ދެވަނަ ބުރުގެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނެ ވަގުތެއް އަދި އިލެކްޝަންސް ކޮމިޝަނުން އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަސަން

    އެމްޑީޕީ ބަލިވީމަ އީސީއިން މިއުޅެނީ ކިހިނެއް ވެގެންތަ.

    32
  2. ކަމަނަ

    އަޙުމަދޫ ބިރު ނުގަނޭ އެއްވެސް އިންސާފެއްގެ ކުނޑިފަށެއް ހުރިނަމަވެސް 2 ވަނަ ފޮށީގެ ނަތީޖާ އެކަނި ބަލާފަ ނިންމާކަށެއް ހަމަ ލާހިކެއްނޫން. ތި އީސީއެއް، އީސީ ޝަރީފެއް ކިޔާނެކަމެއްނެތް. މިހާރު މިއޮތީ ވެލިލައިގެން ވޯޓްލިޔަސް ހޮވޭނީ އަހުމަދުކަން އެނގި ކަށަވަރުވެފަ.

    32
  3. ހުސެންބެ

    އަންނި އިސްލާމް ދީނަށް ޖޯކުޖެހުމާއި ފުރައްސާރަކުރުމުގައި، ދެމިހުރިހާދުވަހަކު، ވެލިލައިގެން އިންތިޚާބު ބޭއްވިޔަސް ހަމަސީދާ ފެލާލާނީ.

    25
  4. ސުމައްޔާ

    ތިގޮތައްވެސް ތިމީހުން ހަދާފާނެ.ތީ ގާނޫނަކަށް ގަވާއިދަކަށް ބަލާނެ ބަޔެއްނުން.

    16
  5. ހަސަން

    މައްސަ އެގޮތަށް ނިންމައިފިއްޔާ ކޯޓަށް ވައްދާ. ޝަރީފކަށް އެންމެ ވޮޓު ފޮށްޓަކުން ނަތިޖާ އަނބުރައެއް ނުލެވޭނެ. ތީހާދަ ނުބައިވެގެން އުލޭ ޖާހިލެކޭ. މި ރަމަޝާންމަހުވެސް ތިކަލޭގެ ހަދަނީ ހަދާނެ އެއްޗެއް. ކަލޯ ގާނޫނު އަރާހަމަކުރާނެ ދުވަހެއް އަންނާނެ.

    19
  6. ވަށްކަން ކުރާ 19

    ރައްޔިތުމީހާގެ ޖީބުން ވައްކަން ނޭވަހޮޅިން ވައްކަން ވޯޓުން ވައްކަން ދައުލަތުގެ ހަޒާނާއިން ވައްކަން އެހެންނަސް ނަންވާނީ ހައވަކަރު އޮޑި

  7. ކަޅުބެ

    ބަލަންހުރޭ އެސޮރު ވަނީ ހިޔާނާތްތެރި ވެފަ ދާދިއަވަހަށް ތަހުގީގުކޮށް މަށްސަލަބަލާ ހުކުމްތަންފީޒު ކުރާނެ އަބަދަކު އީސީގައި ނުހުރެވޭނެ.