ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އެ ސިޓީ އިން ކޮވިޑްގެ ވޭދަނަތައް ފެނި، އަރާފުރުން މަނާކޮށް އައްޑޫ ސިޓީ ކައުންސިލުން އެންގި އެންގުމުގައިވަނީ އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިން ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ރައްކާތެރިކަމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަން އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ހަމައެހެންމެ އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކާ އެއްގޮތަށް ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކާއި އަދި ފިހާރަތަކުން ޚިދުމަތްދިނުން، އަދި ކަނޑައަޅާފައިވާ އަދަދަށް ފިހާރަތަކަށް މީހުން ވެއްދުމަށް ސަމާލުކަންދިނުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ ސިޓީގައި ކުރިއަށް ގެންދާ ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް ވެސް އިރުޝާދުދީފައިވެއެވެ. މީގެ ތެރޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ރޯދަވީއްލުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ސިޓީ ކައުންސިލުން ވަނީ ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުމަށާއި، މިސްކިތްތަކަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި، ނަމާދުކުރުމަށް އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އަޅައިގެން ދިއުމަށް ސަމާލުކަން ދިނުން، އަދި މިސްތަކުގައި ދަރުސް ޕްރޮގްރާމްތައް ކުރިއަށް ނުގެންދިއުމަށް ވެސް އިރުޝާދު ދީފައެވެ.

އެ އެންގުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ހޮޓާތަކާއި ގާޑިޔާތަކުން ޚިދުމަތްދިނުމަށް ވަނީ ހަނދާންކޮށްދީފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައި ވަނީ ހިތަދޫގައި ހުރި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.

މީގެ ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ބަޔަކު ފައްސިވުމާ ގުޅިގެން އެރަށަށްވެސް އަރާ ފޭބުން އޮތީ މަނާ ކޮށްފައެވެ.

އެހެންކަމުން މިހާރު މުޅި އައްޑޫ ސިޓީ އޮތީ މޮނީޓަރިންއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން މީހަކު ފައްސިވުމާއި އެކު އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް)ގައި ހިންގަމުން އަންނަ ފްލޫ ކުްލިނިކު އަނެއްކާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.