މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ "ޖިންސީ ފުރައްސާރަ" ގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރިއަށްދިޔަ އިހުތިޖާޖް ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާތީ އެކަން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކުރައްވައިފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރޭގެ އިހުތިޖާޖުގައި ނޫސްވެރިންނަށް ހުރަސް އެޅުމުގެ އިތުރުން ނޫސްވެރިންނާ ބޭއަދަބީ ބަހުރުވައިން މުޚާތަބުކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ މި ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ އިހުތިޖާޖު ކަވަރުކުރުމުގެ ތެރެއިން ނޫސްވެރިންގެ ކިބައިންވެސް، ނޫސްވެރިކަމުގެ އަޚުލާގީ މިންގަޑާ ނުގުޅޭ ބޭއަދަބީ އަމަލުތައް ފެނިގެންގޮސްފައިވާކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ އެކަން ވެސް ކުށްވެރިކޮށްފައެވެ.

މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިންނަކީ މުޖުތަމައު ތެރޭގައި އުޅޭ އުޅުމުގައި އާއި ޚާއްސަކޮށް މަސައްކަތުގެ ތެރޭގައި ވަކި މިންގަނޑެއް ހިފަހައްޓާ، މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް ފާހަގަކޮށްފައެވެ.

އަދި ނޫސްވެރިންގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ އިރު އެއްވެސް ފަރާތަކުން ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ވަނީ ރޭގެ އިހުތިޖާޖާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބަލައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައިވާ ނަމަ އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފައެވެ.

ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ އިރު އެކަންކަން ކައިރިންް ބަލަމުންދާ ކަމަށާއި ފުލުހުން ބޭރުގެ ބޭނުންކުރި ގޮތުން އާއްމުންގެ އިހްސާސްތައް ހުރިގޮތް އެނގިވަޑައިގަންނަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފާހަގަކުރައްވައިފައެވެ.

ހަމީދު ވިދާޅުވީ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބެލުމަށްް އަންގާފައިވާނެ ކަމަށާއި، ފުލުހުންްނާއި މުޒާހަރާ ކުރިއަށް ގެންދިޔަ ފަރާތްްތަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން އާންްމުންގެ ކަންބޮޑުވުން އޮންނާނެ މިންވަރުވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ބަލަ ތިޔަ ކައުންސިލްގަ ތިތިބީ ކުރިން މީދިއާ ތަކުގަ އުޅެފަ ތިބި މީހުނެއް ނޫންތަ؟ ގައިމުވެސް ތީވީ ތަކުގަ މީގެ ކުރިން ކަމެއްވީމާ ބަޔާނަކުން ކުއްވރި ކޮށްލީމަ ނިމުނީކީ ނޫނޭ ކިޔާ ވާހަ ދެއްކި މީހުން ވެސް މަޤާމް ލިބުނީމަ ތި ވީ ވަކި ކޯންޗަކަށް ، ހަމަ ބަޔާން ކުއްވެރި ކުރަން ވަޓް އިސް ދިސް ؟

  2. ޖާބެ

    މޫނުްމަތި ރީތިކޮށްލީދޯ ، އެއްވެސް ކަމެއް ނުވާނެ