ފާއިތުވި ދެ އަހަރާ އަޅާބަލާ އިރު މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު 1352 މައްސަލަ ހުށައަޅާފައިވާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 2648 މައްސަލައެއް ހުށައަޅާފައިވެއެވެ.

ފާއިތުވި ދެ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ގައި ވައްކަމުގެ 646 މައްސަލައެއް ހުށައަޅާފައިވާއިރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 އާހަމައަށް ހުށައެޅިފައިވަނީ 368 މައްސަލައެކެވެ.

ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ މަދުވެފައެވެ. މިމުއްދަތުގެ ތެރޭގައި ފާއިތުވި ދެ އަހަރު ރޯދަ މަހު ދުވާލު ކައިގެން 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ހުށައަޅާފައިވަނީ 10 މައްސަލައެކެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށައެޅިފައިވެއެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގެ ތެރޭގައި މި މައްސަލަވެސް މަދެވެ. އެގޮތުން މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ. ފާއިތުވި ދެ އަހަރު މުދަލަށް ގެއްލުންދިނުމުގެ 273 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަަހަރު ހުށައަޅާފައި ވަނީ 53 މައްސަލައެކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފައިވާ ކަަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 އަާއި ފާއިތުވި ދެ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް މަދުވެފައެވެ. މިގޮތުން މި އަހަރުގެ މި މުއްދަތުގައި 129 މައްސަލައެއް ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވެެއެވެ.

އެހެނިހެން މައްސަލަތަކުގެ ގޮތުގައި މި އަހަރު 415 މައްސަލައެއް ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުދިކުދި ވައްކަމުގެ މައްސަލަ އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ކޮންމެ ފަރުދަކުވެސް އެމީހެއްގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ފަރުދީ ޒިންމާ އަދާކުރެއްވުމަކީ މުޖުތަމައުން މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޓޯ

    އެއީ ޕޮލިހުމްގެ މިންނަތް މަސައްކަތުން.