މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މަސައްކަތުގެ މާހައުލުމުގައި ލިބެމުންދާ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލި ގޮތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފަސް ސުވާލެއް ކުރިމަތިކޮށް ލިޔުމުން ޖަވާބު ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުވި ސިޓީއެއް މެދުވެރިކޮށް އެމްޑީޕީގެ މެންބަރު މީކާއީލް މި ފަސް ސުވާލު ހުށަހަޅުއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމި މެންބަރުން ޗުއްޓީއަށް ވަޑައިގެން ތިއްބަވަނިކޮށެވެ. މީކާއީލް އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން ލިޔުމުން އެ ސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށެވެ.

މީކާއީލް ހުށަހެޅުއްވި ސުވާލުތައް

1- މުޒާހަރާ ރޫޅައިލުމުގައި ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ވާއިރު، މިހައިތަނަށް މިކަމާ ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ؟ އަދި އެޅިނަމަ އެޅީ ކޮން ފިޔަވަޅެއްތޯ؟

2- މުޒާހަރާ ރޫޅައިލަން ދިޔަ ފުލުހުން ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުންް އެ މީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟

3- މުޒާހަރާ ރޫޅައިލަން ހަރަކާތްތެރިވީ އެކަމާ ގުޅޭ، އެކަށީގެންވާ ޓްރެއިނިން ލިބިފައިތިބި ފުލުހުންތޯ؟

4- މުޒަހާރަތަކާއި އެކިއެކި އެއްވުންތައް ރޫޅައިިލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުންނުކުރަނީ ކީއްވެތޯ؟

5- ބޮޑެތި ތުހުމަތުކުރެވިގެން އެ ތުުހުމަތުކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާ އިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ؟

"ރައިޒް އަޕް އެމްވީ" ގެ ނަމުގައި ޒުވާނުންތަކެއް އިސްވެ އުފައްދާފައިވާ ހަރަކާތުން ރޭ ރަސްފަންނު ސަރަހައްދުގައި ޝުއޫރު ފާޅު ކުރުމަށް ފަހު މަޖީދީ މަގަށް ހިނގައިގަތުމާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަ ސްޕްރޭ ޖަހައިފައެވެ. އަދި އަނިޔާވެރި ގޮތަކަށް ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ އިތުރުން ޔޫސް އޮފް ފޯޒް ރިވިއު ކޮމިޓީއިން ދަނީ ބަލަމުންނެވެ. މައްސަލަ އަވަސް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ފުލުހުންގެ އެ އިދާރާތަކުގެ މައްޗަށް އަމުރު ވެސް ކުރައްވައިފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ފަރާތުން ފެންނަ މިފަދަ ބައެއް އަމަލުތައް ހުއްޓުވައި، ޕްރޮފެޝަނަލް ފުލުހުންގެ ޚިދުމަތެއް ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ކަމަށް ޓަކައި ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނެއް އެކުލަވާލައި ތަންފީޒު ކުރަން ވެސް ވަނީ ފަށައިފައެވެ. އެކަމަކު މި ސަރުކާރު އައި ކަމުގައި ވިޔަސް މުޒާހަރާއަށް ނުކުންނަ އާންމު ރައްޔިތުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން މުޒާހަރާ ކަވަރު ކުރުމުގައި އުޅޭ ނޫސްވެރިންނަށް ވެސް އަނިޔާ ކުރާ ފަހަރު ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނިޔާއާއިދެކޮޅު

    މިސޮ ރު އުޅެނީ އަބަދުވެސް ފިޔަވަޅު އަޅަން.. ޢިއްޒަތްތެ ރި މެންބަ ރު މީކާއިލު ޔުނިފޯ ރމް އަޅައިގެން މުޒާހަ ރާ ކޮންޓް ރޯލް ކު ރަން އެންމެ ރެޔަކު ނުކުތަސް ކޮންމެވެސް މީހެއްގެ ގައިގައި ޖަހައިތަނެއް ފަޅާލާނެ.. ޢެހާވެސް ރުޅިގަދަ މީހެއް.. އަބަދުވެސް ފުލުހުންނަށް ފިޔަވަޅު ނޭޅިގެން އުޅުއްވާ މެންބަ ރު....

    4
    1
  2. ރިހަތަސި

    ފުލުހުންއެތިބީރީދޫދިޔަބޯލާގެން

  3. ކޮވިޑް

    މީކާއީލް އިއްޒަތްތެރި މެމްބަރ އަޅުގަނޑުގެ ސުވާލެއް މަނިކުފާނަށް.
    01- މިވެރިކަމުގާ އެއްވުމަކަށް ޕޮލިހުން ނުބައްދަލު ބާރުގެ ބޭބުން ކުރި މީ ފުރަތަމަ ފަހަރުތޯ؟
    02- އަނިޔާ އަކީ ވަކި ބަޔަކަށް ކުރީމަ ، ވީމަ ވާ އެއްޗެއްތޯ؟ކަމެއްތޯ؟
    03-ކެފޭ އެއްގަ ތިބި ނޫސްވރިންނާ ، ޤާނޫނީ ވަކީލުންނާ، މަޖިލީސް މެމްބަރަކު ފުލުހުން ވަދެ އަނިޔާކޮށް ނެރުނު ތަން ވީޑިއޯ ތަކުން ފެނިވަޑައި ގެންނެވިތޯ؟ އަދި އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރެއްވިންތޯ؟
    ވަޓް އަ ނައިސް ޖޯކް މީކާޢީލް ، މިހާރު ތި އެއްޗެހި ރައްޔަތުންނަށް ނުވިއްކޭނެ ބްރޯ.

  4. މެސީ

    މިނިކާއީލް ޕޮލިސް ޔުނީފޯމްގަ ސާވިސް ނަމްބަރު ކިއްކުރަން ޕޮލިސް މީހާގެ ވަނަވަރު ޖެހިޔަސް ޕެޕާ ސްޕްރޭ ޖަހާނެ.