ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލްނިކަށް ދެއްކި ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސަރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

އެމީހުން ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ދެއްކުމުންނެވެ.

ކުޅުދުއްފުށިން 3 މީހަކު ބައްޔަށް ފައްސިވުމާއި ގުޅިގެން މިވަގުތު އެރަށް އަރާ ފޭބުން މަނާ ކޮށް އެމީހުންނާއި ގާތުން ބައްދަލުވި މީހުންގެ ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާއޫދު ވިދާޅުވިއެވެ.

ކުޅުދުއްފުށިން މީގެ ކުރިން ވެސް ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެ ވޭދަނަތަކާއި ގުޅިގެން ވެސް އެރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ފަހަކަށް އައިސް އަތޮޅުތެރެއިން އަންނަނީ ފައްސިވަމުންނެވެ. އެހެން ނަމަވެސް ގިނަ ރަށްރަށުން ކޮވިޑް-19 ޓެސްޓް ކުރެވޭނެ އިންތިޒާމު ނެތްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 20،237 އަށް އަރާފައެވެ. އޭގެ ތެރެއިން 24،934 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 5،221 މީހަކަށެވެ. އަދި 161 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗުލްބުލް

    ޢަނެއްކާ ސުޕުން ބާ ؟