ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، ހދ. ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފިއެެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސަރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި،އެ މީހުންނަކީ ބަލީގެ އަލާމާތްތައް ހުރެގެން ދެއްކި މީހުން ކަމަށެވެ.

އަދި މިހާރު އެރަށަށް އަރާ ފޭބުން މަނާކޮށް، އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޮނުވި ލިޔުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.