ކުޑަ ފިރިހެން ކުއްޖަކާ ބެހުނު ޓްރީޓޮޕްގެ ފިރިހެން ނަރުހުގެ މައްސަލަ ފައިލް ކުރުމުން އަލުން ހުޅުވަން ފުލުހުންނަށް އެންގި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ އެނަރުސް މީހާ ފުރުވާލުމަށްފަހު މައްސަލަ ޕޮލިހަށް ހުށަހެޅުމުން ފައިލްކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ގެނެސްފައިވާ ހަބަރަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ޝަމީމް ވިދާޅުވީ، އެ މައްސަލަ ފައިލް ކުރިއިރު، އެކަން ހިނގާ ދިޔަ ގޮތް ބަލައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

"މި މައްސަލަ 'ފައިލް' ކުރިއިރު، މިކަން ހިނގައިދިޔަ ގޮތް ބަލައި، ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ތަޙުޤީޤުކޮށް، ދަޢުވާ ކުރުމަށް ފޮނުވުމަށް ފުލުހުންނަށް އިން އޮތީ އަންގާފައެވެ. ނޫސްވެރިޔާ އެއްސެވިނަމަ، ކިޔައިދެވުނީހެވެ." ޝަމީމް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ފުލުހުންނަށް އެ ހޮސްޕިޓަލުން ރިޕޯޓް ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭގެ ކުރިން އެ ނަރުސް މީހާ ފުރުވާލާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވިއެއެވެ. އެގޮތުން އެތަނުގެ ފިރިހެން ޑޮކްޓަރަކު އަންހެން މުވައްޒަފަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށް ބުނާ މައްސަލައެއް ހިމެނެއެވެ.