އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ދޭން ފައިޒާ ވެކްސިން ގަންނަން ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ނަސީމް ވިދާޅުވީ ކޮވިޑު-19 އާ ގުޅޭގޮތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އުޅެނީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. އެހެން ކަމުން އެ އުމުރުގެ ކުދިން އުޅޭ ގެތަކުގެ ފަރާތްތަކުން އެކުދިންނަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވެއް އޮތީ 16 އަހަރުގެ ކުދިންނަށް. މިދޭތެރެއިން 16 އަހަރުން ދަށުގެ ކުދިންނަށް ބަލި ޖެހިއްޖެ. އެކުދިންނަށް ޖަހާނެ ވެކްސިނެއް ވެސް އަދި ދުނިޔޭގައި އުފެއްދިފައި ހުރީ ވެސް ނޫން." ނަސީމް ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ބަލަމުން އަންނަނީ 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ދިނުމަށް ފައިޒާ ވެކްސިން ގަންނަން ލިބޭތޯ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ އުމުރުގެ 12،000 ވަރަކަށް ކުދިން ރާއްޖޭގައި އުޅޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މި ދަނީ އިތުރަށް ފައިޒާ ވެކްސިންކޮޅެއް ހޯދޭތޯ، ގަންނަން ލިބޭތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ އެއީ 16-18 އަހަރާ ދޭތެރޭގެ މީހުންނަށް ޖެހުމަށް. މިއީ ވަރަށް ވަލްނަރަބްލް ގްރޫޕެއް،" މިނިސްޓަރ ވިދާޅުވިއެވެ.

އެ ގްރޫޕުގެ ކުދިންނަށް އެ ވެކްސިން ދޭން ޖެހޭ ކަމަށާއި އުއްމީދު ކުރަނީ އެއަށްވުރެ ކުޑަކުދިންނަށް ވެސް ދެވޭނެ ވެކްސިނެއް ތައްޔާރުވެގެން ބާޒާރަށް އައުން ކަމަށް މިނިސްޓްރ ވިދާޅުވިއެވެ.

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން މި ވަގުތު ޖަހާ ކޮވިޝީލްޑް އަދި ސައިނޯފާމް ދެނީ 18 އަހަރުން މައްޗަށެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެކަނި ރިޒާވްކޮށްފައިވާ ފައިޒާ ވެކްސިން 16 އަހަރުން މަތީގެ ކުދިންނަށް ވެސް ދެވެ އެވެ. އެހެންވެ، އެ އުމުރުގެ ކުދިންނަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.