ކޮވިޑް-19ގެ ގިނަ ވޭދަނަތައް ފެނި އަރާ ފޭބުން މަނާކޮށްފައިވާ ގދ. ތިނަދޫގައި ރެސްޓޯރެންޓްތައް ބަންދުކޮށް، އިތުެު ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ވަނީ ތިނަދޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ފިޔަވަޅުތައް އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ

  • ސައިހޮޓާ އަދި ރެސްޓޯރެންޓުތަކުން އާންމު ހިދުމަތްދިނުން މެދުކަނޑާލުމާއެކު، ރައްކާތެރިކަމާއި އެކު ޑެލިވަރީކުރުމުގެ ހިދުމަތް ދިނުން.
  • ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދިނުމާއި ފިހާރަތަކުގެ ތެރެއަށް ކަސްޓަމަރުން ނުވަދެ ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމްތައް ހަަމަޖެއްސުމާއެކު، ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ހެދުން
  • ގާޑިއާތަކުން އެޗްޕީއޭގެ ގައިޑްލައިން އާ އެއްގޮތަށް ރޭގަނޑު 10:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓުން
  • ކަސްރަތު ކްލާސްތަކާއި، ޖިމް، ހުރިހާ ކުޅިވަރު ކޯޓުތަކާއި، ކުޑަކުދިންގެ ޕާކްތަކާއި، މިއުޒިއަމްތައް ބަންދު ކުރުން.
  • ފަރު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން، ތިން މީހުންނަށްވުރެ މަދު އަދަދަކަށް މީހުން ގޮވައިގެން ނޫނީ މަހަށް ނުފުރުން.
  • އެއާޕޯޓް ޑިއުޓީތަކަށް މީހުން ދިއުމާއި އައުން މަޑުޖައްސާލުން
  • ފިނިބުރު ޖެހުން މަނާކުރުމާއި، ތިން މީހުންނަށް ވުރެ ގިނަމީހުން އެއްފަހަރާ އެއްތަނަަކަށް އެއްވެއުޅުން މަނާކުރުން
  • މިސްކިތްތަކުގައި ރޯދަވީއްލުން ކުރިއަށް ނުގެންދިއުން
  • ގްރޫޕް ރޯދަވީއްލުން ނުބޭއްވުން
  • ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް އޮންލައިންކޮށް ބޭއްވުން

އެރަށުން މިހާތަނަށް 28 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެރަށުން ފައްސިވަމުންދާ މީހުންގެ ތެރޭގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރި އިންޑިއާ މީހާއާއި ބައްދަލުވެފައިވާ މީހުންނާއި، އެރަށުގައި ކަރަންޓީންގައި ހުއްޓާ ފައްސިވި ދެ މީހަކާއި ގާތުން ބައްދަލުވި ބައެކެވެ. އަދި އެރަށުން މިހާރު މި އިހާތަކާއި ގުޅުން ނެތް ބަޔަކުވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.