ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ފުލުހުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މައްސަލަތަކެއް ހުށަހެޅިތާ އަހަރެއްހާ ދުވަސްވީއިރު ވެސް އެކަމުގެ ތަހުގީގުތައް ނުނިމޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މައްސަލަތައް ކުރިޔަށް ދިޔަ ހިސާބެއް ބެލުމަށް އެންއައިސީ އަށް ގޮސް އޮޅުން ފިލުވުމަށް ފަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި 10 ވަނަ ދުވަހު ހުށައެޅުނު މި މައްސަލަތަކުގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އަހަރު ދުވަސްވާއިރު މިފަދަ މައްސަލަތައް ނުނިމި ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ފުލުހުން ހިންގާ ގައިރު ގާނޫނީ އަމަލުތަކުގެ ވީޑިއޯއާ ހެކިތައް ހިމެނޭ ގޮތަށް އެންއައިސީ އަށް ހުށައެޅީ، ނަމަވެސް މި މައްސަލަ ތަކުގެ ތަހުގީގު މިހާތަނަށް ނުނިމެ ހުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް، މީގެ ސަބަބުން އެފަދަ އަމަލުތައް ހިންގާ ފުލުހުންނަށް އިތުރު ހިތްވަރެއް ލިބެނީ،" މަހުލޫފު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ބޭނުމަކީ ވަކިވަކި ފުލުހެއްގެ ނަން ހުށަހަޅާ އެ މައްސަލަ ބެލުމެއް ނޫން ކަމަށާއި ބޭނުންވަނީ މިނިވަން މުއައްސަސާތައް މިއަށް ވުރެއް ހަރުދަނާ ވެ އެއްވެސް ފަރާތެއްގެ ނުފޫޒާ ނުލައި މިފަދަ މައްސަލަތައް ވީވާވެސް އަވަހަށް ބަލައި ނިންމުން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކު ތެރޭގައި ހިމެނެނީ އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަށް ފުރުސަތު ފުލުހުން ނުދޭ މައްސަލައާ، ގަވައިދާ ހިލާފަށް ޕެޕާ ސްޕްރޭ ބޭނުންކުރާ މައްސަލަ އަދި އިސްލާމީ މަރުކަޒު ކައިރީގައި ސަރުކާރާ ދެކޮޅަށް ދުއާ ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެކަން ހުއްޓުވާ މައްސަލަ ހިމެނެ އެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ / ދަނބުފަށުވިގެ

    މައްސަލަ ހުށަހަޅާ ފަރާތުގެ ސީދާ އިހުމާލުން ލަސްވާ މައްސަލަތައްވެސް ހުރެއެވެ.