ރާއްޖެ އިން ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކަށް ބަލާއިރު ފައްސިވާ މީހުންގެ ނިސްބަތް ފާއިތުވި އެއްމަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ފުރަތަމަ ފަހަރަށް %14.4 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު 3523 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 508 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %14.4 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މީގެ ކުރިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނިސްބަތުން އެންމެ ގިނަ މީހުން ފައްސިވީ އޭޕްރީލް 30 ވަނަ ދުވަހު އެވެ. އެދުވަހު 3305 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 465 މީހުން ވަނީ ކޮވިޑަށް ފައްސިވިއެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %14.07 މީހުން އެދުވަހު ވަނީ ފައްސިވެފައެވެ.

އިއްޔެ ފައްސިވި މީހުންގެ ނިސްބަތް %10 އަށް މަދުވިއެވެ. އިއްޔެ 3854 މީހުން ޓެސްޓް ކޮށްގެން ފައްސިވީ 402 މީހުންނެވެ. އިއްޔެ އަކީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހަށް ފަހު ނިސްބަތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ރެކޯޑް އަދަދަކަށް ކޮވިޑަށް ފައްސިވިއިރު މާލެ އިން ކޮވިޑަށް ފައްސިވި އަދަދު ވެސް މިއަދު ވަނީ އިތުރު ވެފައެވެ. މިއަދު މާލެ އިން 276 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 185 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 12 މީހުން، އިންޑަސްޓްރިއަލް ރަށްތަކުން 32 މީހުން އަދި ސަފާރީއަކުން ތިން މީހުން މިއަދު ފައްސިވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 5594 މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު