ލީކްވި އޭ ލެވެލްގެ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރާ މެދު ރާއްޖޭގެ ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވިދާޅުވީ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލްއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ވަނީ ބަޔޮލޮޖީ އަދި ފިޒިކްސް ޕޭޕަރު ލީކްވެފަ އެވެ. އެ ޕޭޕަރުތައް ލީކްވީ ބޭރުގެ ގައުމަކުން ކަމަށް ވާތީ، އެ ގައުމުތަކާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުން ބައެއް ދަރިވަރުންނަށް ކުރިން ސުވާލު ކަރުދާސް ފެނިފައި ވެ އެވެ. އެކަމާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މިހާރު ލީކުވެފައިވާ ޕޭޕަރާ ދޭތެރޭ އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ގޮތެއް ނިމިގެންދާނެ. މިހާރު އެޑެކްސެލްއާއެކު ހަމަ ވާހަކަދެކެވެމުން ދަނީ." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މާދަމާ (މިއަދު) އިން ފެށިގެން ދެން ޕޭޕަރުތައް ލީކް ނުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެޑެކްސަލް އިން ދެއްވާފައިވާ ކަމަށެވެ. އެމައުލޫމާތު މިހާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހިއްސާ ކުރެވިފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިއަހަރުގެ އޭލެވެލް އިމްތިހާނާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އެގޮތުން މިއީ އާއްމުކޮށް ބާޢްވާ އެޑެކްސަލް އިމްތިހާނާއި އެއްފެންވަރުގެ އިމްތިހާނެއް ނޫން ކަމަށާއި އިމްތިހާންގެ ސެޓްފިކެޓް ވެސް ނުލިބޭނެ ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރުގެ އިތުރުން އޭލެވެލްގެ ޖިއޮގްރަފީ ޕޭޕަރާއި، ބިޒްނަސް ޕޭޕަރު އަދި ޕޮލިޓިކްސް ޕޭޕަރު ވެސް ލީކް ވެފައިވާ ކަމަށް އިނގިރޭސިވިލާތުގައި ދަރިވަރުން ބޭނުން ކުރާ އޮންލައިން ފޯރަމެއްގައި ބުނެފައި ވެއެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން އެޑެކްސަލް އިން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކނns

  އެހެންވީރު ހުރިހާ ޕޭޕަރެއް ހަދަންވީ

  11
 2. .

  ބަލަ މިއަދު މެންދުރު ހަދާ ކެމް ޔުނިޓް 2 ޕޭޕަރު ހެނދުނު 6 ޖެހިއިރު ލީކްވެގެން އުޅެނީ

  13
 3. އިބްރާހިމް

  ކުޅޭ ކުޅޭ ސަރު ކާރު