މިއަހަރުގެ ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ވެސް ރާއްޖެ ވަނީ ނޫސްވެރިކަމުގެ ރޮނގުން ހަރުފަތްތަަކެއް ގިރާކޮށްފައި ކަމަށް މޯލްްޑިވްސްް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހާމަކޮށްފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާއްސަބަތުގައި މޯލްޑިިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ދެއްވި ހިތޯބުގައި ވިދާޅުވެެފައި ވަނީ، މިއަހަރަކީ، ރާއްޖޭގެ ނޫސްވެރިކަމުގައި އައު ހަރުފަތްތަކެއް ގިރާކޮށް އިންގިލާބީ ބަދަލެއް ގެނުވި އަހަރެއް ކަމަށެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން އިތުރު ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72 ވަނައަށް އަރާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ދެކުނު އޭޝިއާ ސަރަހައްދުން މިއަހަރުވެސް ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށްވާތީ، ރާއްޖޭގެ އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް މަރުހަބާ ދަންނަވާ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން އަހަރުވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި، ރާއްޖެއިން އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއެރުން ހޯދަމުން ގެންދިއުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލުން ނުހަނު އުފަލާއެކު ފާޙަގަކުރާ ކަމެއްކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީ ހިނދު، އެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ލިބިދިނުމަށް އެމްއެމްސީން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަންް އަރުވާކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ދުނިޔެ ދައްކުވައިދޭ ހަގީގަތަކީ އެއްވެސް ކަމެއް ތާއަބަދު އެއްގޮތަކަށް ދެމި ނޯންނާނެކަން ކަމަށް ފާހަގަކުރައްވާ އެ ހިތޯބުގައި ޝަހުބާން ވިދާޅުވެފައި ވަނީ، މިއަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގެ އެކި މަރުހަލާތައް ކަޑައްތުކޮށް މިއަދު ނޫސްވެރިންނާއި މީޑިއާތައްވެސް މަސައްކަތް ކުރަންޖެހިފައިމިވަނީ އާ އާންމު ހާލަތުގައި ކަމަށްވީ ހިނދު، ރައްޔިތުންނާ ހަމަޔަށް ހާމަކަމާ ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުންދާކަމީ ތައުރީފު ހައްގު ކަމެއް ކަމަށެވެ.

ޔުނެސްކޯއިން މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ކަނޑައެޅުއްވި ޝިއާރަކީ، "އިންފޮމޭޝަން އޭސް އަ ޕަބްލިކް ގުޑް" ނުވަތަ "މައުލޫމާތު ރައްޔިތުންގެ ހައްގެއްގެ ގޮތުގައި" މިއެވެ. މި ޝިއާރުން ދޭހަކޮށްދެނީ، ފޮރުވުމެއްނެތި ހާމަކަމާއެކު މައުލޫމާތު ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއްކަމާއި މައުލޫމާތަކީ، އެއްވެސް ފަރާތެއް ބާކީ ކުރުމެއްނެތި، މުޅި މުޖުތަމައުގެ ވެސް މިލްކެއްގެ ގޮތުގައި ދެކިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ.

ނޫސްވެރިންނާއި، ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން މި މަގަށް މަސައްކަތްކުރުމަކީ، ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމާމެދު ޝައްކެއް ނެތް ކަމަށް އެ ހިތޯބުގައި ވަނީ ވިދާޅުވެފައެވެ.

"ނޫސްވެރިންގެ ޙަޔާތުގެ ދަތުރަކީ ނިކަން އަޑިގުޑަން ބޮޑު އަދި އެހާމެ އުނދަގޫ މަގެއްގައި ކުރެވޭ ދަތުރެކެވެ. ކުރިމަތިލާންޖެހޭ ކޮންމެ ކަމަކުން، އެތައް ބަޔަކަށް އެތައް ފިލާވަޅުތަކެއް ލިބިގެން ދެއެވެ. މިހެންކަމުން ހުރިހާ ނޫސްވެރިންވެސް ކަންކަމުން އިބުރަތް ހާސިލުކޮށް ކުރިއަށް ދިމާވެދާނެ ކޮންމެކަމަކަށް ލޯ ހުޅުވައިގެން ތިބުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ވީމާ، މިހާރުވެސް ރައްޔިތުންނާ ހަމައަށް ޚަބަރާއި އެންމެފަހުގެ މަޢުލޫމާތު ފޯރުކޮށްދެމުންދާ އެންމެހައި ނޫސްވެރިންނާއި މީޑިއާތަކުގެ މަސައްކަތަށް ފަށްފަށުން ޝުކުރުދަންނަވަމެވެ." އެމްއެމްސީގެ ހިތޯބުގައި ވަނީ ވިދާޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަކީމު

    އަޕް އޯ ޑައުން

  2. ހުސޭނުބޭ

    އެހެންވެގެންކަންނޭގެ އިހަށްރޭވެސް މުޒާހަރާ ކަވަރުކުރަން ނުކުތް ނޫސްވެރިން އިމްރާނުގެ އޯޑަރަށް ތަޅާ ރޯނާގަންނަވާލީ! ކުރިއެރުން ކިބޭނީ އެހައިވަރަށް! ކެކެކެކެކެކެކެކެކެކެ

  3. ގިރާގިރާ

    ނޫސްވެރިން ހުރަސްތައް ހުރިސްކުރީ ގިރާކޮށްފައި ކަމަށްވަންޏާ މީސްމީހުން ލިޔެފައި ހުރި ލިޔުންތައް ނަގައިގެން ގިރަގިރައިގެން އިބާރާތްތައް އިސްފަސްކޮށްގެން އާޓިކަލް ލިޔެފައި ޖަހައިފި. ބައެއް ނޫސްވެރިން ރިޕޯޓް ހަދައިގެން މަ ލިޔުނު އެއްޗެކޭވެސް ގޮވައިފި. ބައެއް ނޫސްވެރިން ނަން ބަދަލުކޮށްލާފައި ޖަހާ ހަދައިފި. ދީން ނުދަންނަ ނޫސްވެރިން ދީނީ ކޮލަމް ލިޔެފި. މިހެންގޮސް ގިރާކޮށްފައި ނުކުރާ އެއްކަމެއް އެބައޮތްތޯ.