ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިޚާބާ ދިމާކޮށް ވަޒީފާގެ ނުފޫޒު ފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ތުހުމަތު ކުރައްވައިފިއެވެ.

އޭނާ ވަނީ ގައުމީ މަޖިލީސް އިންތިޚާބާ ދިމާކޮށް ބައެއް މީހުންނަށް ވަޒީފާ ދޭ ކަން ފާހަގަކުރައްވާ އެއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ފާހަގަކުރައްވައިފައެވެ.

ނަމަވެސް އެގޮތަށް ވަޒީފާ ދިނީ ކިހާ އަދަދަކަށް ކަމެއް އަދި ވަޒީފާ ދިނީ ކޮން ބަޔަކަށް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މުސްތަފާ ގެންދަވަނީ އެމްޑީޕީ އާއި މި ސަރުކާރަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާ ގޮތަށް ވެސް އޭނާ ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ "ސާރިދޯޅެއްގެ ކެހެރިގަނޑުގެ ފަހަތުގައި" އޮޅުވާލައިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ސަރުކާރުން ގިނަ ބަޔަކަށް ބަދަލުދެމުންދަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ އެކަމަށް ވެސް މުސްތަފާ ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރީގެ ސަރުކާރުގައި އަޅަން ފެށި ކިންގް ސަލްމާން މިސްކިތް ތަޅާލަން ރާވާފައިވާ ކަމަށް ވެސް ދާދިފަހުން މުސްތަފާ ވަނީ ތުހުމަތުކުރައްވާފައެވެ.

ފަހަކަށް އައިސް މުސްތަފާ އަކީ ވަރަށް ބޮޑަށް ކުރީގެ ރައީސް ނަޝީދަށް ވެސް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

އެގޮތުން މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީއަށް މާލެއިން ވޯޓުތަކެއް ގެއްލިގެން ދިޔުމަކީ ނަޝީދުގެ ސިޔާސީ ޙަޔާތުގެ ނިމުމުގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ އަކީ މި ސަރުކާރު ގެންނަން މަސައްކަތްކުރެއްވި ބޭފުޅެކެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ވަނީ ބައެއް ކަންކަމާއި މެދު ހިތްހަމަ ނުޖެހިގެން ފާޅުގައި ސަރުކާރަށް ފާޑުކިޔަން ވަނީ ފައްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އި ބޫ

    ނޫފޫޒު ފޯރުވޭ ގޮތަށް ވަޒީފާ ދެނީ

    1
    1
  2. ރާގޮޑިރާޖަ

    މުސްތަފާއާ ކޮން ބެހޭ ކަމެއް މިއުޅެނީ ކީ ޖްމްހޫރީ ޕާޓީގެ އިންތިހާބެއް ބާއްވާ ކަށް ނޫނިއްޔަ.

    2
    1
  3. ޖަނާޒާ

    އެއްވެސް ކަމަކާއި ގުޅުވައިގެންވެސް ވަޒީފާއެއް ހަމަ ޖެއްސޭހާ ފެންވަރެއް މިސަރުކާރަކުނެތް : މުސްތަފާ! ދަންނަވަންތޯ މީ އަނގަފޮޅި ސަރުކާރެއް!

    3
    1