ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ނިޔާވި ޅ.ކުރެންދޫ އަށް އުފަން އުމުރުން 11 އަހަރުގެ ނުހައިކު ބިން މުހައްމަދު ރިޔާޒް އަކީ ދިރިއުޅުމަށާއި އާ ކަންކަން ދަސްކުރަން ޝައުގުވެރިކަން ހުރި ދަރިވަރެއް ކަމަށް އޭނާ ތައުލީމު ހާސިލްކުރަމުން ދިޔަ ޖަމާލުއްދީން ސްކޫލުން ބުނެފިއެވެ.

ނުހައިކު ނިޔާވެފައި ވަނީ މިއަދު ހެނދުނު 11:00ގައި އިންޑިއާ އަށެވެ. އޭނާގެ އާއިލާ މީހަކު ފޭސްބުކްގައި ހިއްސާކުރި ސްޓޭޓަސްއެއްގައި ވަނީ ނުހައިކު ނިޔާވުމަކީ ހިތަށް ބުރަކަމެއް ލިބުނު ކަމެއްކަން ފާހަގަކޮށްފައެވެ. އަދި ނުހައިކްގެ ހަނދާންތައް އަބަދު ވެސް ދެމި ހުންނާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނުހައިކު އާއި މެދު ޖަމާލުއްދީން ސްކޫލުން ބުނެފައި ވަނީ އޭނާ އަކީ އަބަދުވެސް ހިނިތުން ވުމާއި އެކު މީހުންނާއި ބައްދަލު ކުރި ދަރިވަރެއް ކަމަށެވެ.

އޭނާ އަކީ އާ ކަންކަން ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކުއްޖެއް ކަމަށާއި، އެއީ އެހެން ދަރިވަރުންނަށް ހުރި ނަމޫނާ އެއް ކަމަށް އެ ސްކޫލުން ބުނެއެވެ.

އަދި ނުހައިކު ވަކިވެ ދިޔަ ނަމަވެސް އޭނާގެ ހަނދާންތައް ފިލައިގެން ނުދާނެ ކަން އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

ނުހައިކަކީ އުފެދުމުގައި ބަލި ހާލަތު ހުރި ގޮތުން އަމިއްލަ އަށް އެކަނި ހިނގާ ބިނގާވެ ނޫޅެވި، އަޑު ނީވުމުގެ އިތުރުން ނާރުގެ މައްސަލައެއް ހުރުމުން ބެލެންސް ވެސް ނުކުރެވޭ ކުއްޖެކެވެ. އޭނާ އަށް މި އަހަރުގެ ކުރީކޮޅު އެންމެ ފުރަތަމަ ދިމާވީ ކަރުތެރެ ދުޅަވުމުގެ އުނދަގޫތަކެވެ.

މިދިޔަ ފެބްރުއަރީ މަހު ނުހައިކުގެ ކަރުތެރެ ދުޅަވެގެން އައިޖީއެމްއެޗަށް ދެއްކުމުން ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް އިންޑިޔާއަށް ގެންގޮސްގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ޓެސްޓުތަކުން އެނގުނީ ނުހައިކު އަށް (Hodgkin Lymphoma Non) ކިޔާ ކެންސަރުގެ ވައްތަރެއް ޖެހިފައިވާ ކަމެވެ.

މިދިޔަ މާޗް މަހުން ފެށިގެން ނުހައިކު އަށް ޝިފާ އެއް ލިބުމުގެ އުންމީދުގައި އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި އައީ ފަރުވާދެމުންނެވެ.