މާލެ ސިޓީ ބިނާ ކުރުމުގައި ދިވެހި މީޑިއާގެ ދައުރު މިހާރަށް ވުރެ ފުޅާ ކުރާނެ ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީގައި ދިވެހި މީޑިއާގެ ދައުރު ފުޅާ ކުރަނީ، ތަރައްޤީއާއި ތަހުޒީބުގެ ނަމޫނާ ސިޓީއެއްގެ ގޮތުގައި މާލެ ސިޓީ ބިނާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ތަރައްޤީއާއި ތަހުޒީބުގެ ނަމޫނާ ސިޓީއެއްގެ ގޮތުގައި މާލެ ސިޓީ ބިނާ ކުރުމުގައި ދިވެހި މީޑިއާގެ ދައުރު ފުޅާ ކުރާނެ ވާހަކަ ދަންނަވަން،" ދެ ސަރުކާރެއްގައި ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި މުޢިއްޒު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

2011 ގައި ލާމަރުކަޒީ ނިޒާމުގެ އާ ޤާނޫނު ތައާރަފު ވުމަށް ފަހު، މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ފުރަތަމަ ފަހަރަށް މުޅި މާލޭގެ ރައްޔިތުން ވޯޓް ލައިގެން މާލޭގެ މޭޔަރު އިންތިޚާބު ކުރިއިރު މޭޔަރުގެ މަޤާމަށް މުއިއްޒު އިންތިޚާބުވެފައިވަނީ ވޯޓްލީ މީހުންގެ 60 އިންސައްތައަށް ވުރެ ބޮޑު ތަފާތަކުންނެވެ. މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރުއާ ދެމެދު 4000 އަށް ވުރެ ގިނަ ވޯޓްގެ ފަރަގެއް އޮތެވެ.

ފުރަތަމަ ފަހަރަށް ޕީޕީއެމްއަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ ލިބިފައެވެ. މި މަހުގެ މެދު ތެރޭގައި އެކުލެވިގެންދާ މާލެ ސިޓީގެ އާ ކައުންސިލްގައި ޕީޕީއެމްގެ 12 މެންބަރުން ތިއްބަވާނެއެވެ. އެމްޑީޕީގެ ހަ މެންބަރުން ތިއްބަވާއިރު، ޖުމްހޫރީ ޕާޓީގެ މެންބަރަކު ވެސް އިންނަވާނެއެވެ. މީގެ ކުރިން މާލެ ސިޓީ ކައުންސިލްގައި އޮންނަނީ އެމްޑީޕީގެ ފުލް މެޖޯރިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހޫ

    މީގެކު ރިންވެސް ތިމުއިއްޒުމެންގެ ސަ ރުކާ ރުގަ ތިކަންއޮތީ ފެނިފަ ހެހެ.

  2. Anonymous

    ނިއުޔޯކުސިޓީއަށް މާލެ ވީ އިރުވީއިރުވެސް އަދިވެސްމާލެހޭބިނާކުރަންވީ ތީޔޭ ކަލޭމެންގެމައްސަޔަކީ ބޮލުރޮދި ކެނޑިފަތަ ތިތިބީ

  3. ަަސާބަަސް

    ނިއުޔޯކު ސިޓީ އަށްމާލެވެފައި ވީއިރުވެސް އަދި ވެސް މާލެހޭ ބިނާކުރަންވީ ބޮލުރޮދި ކެނޑިފަތަ ތިހުރީ ތީޔޭ ކަލޭމެންގެ މައްސަލަ އަކީ