ޖަރުމަނުވިލާތަށް އަމިއްލަޔަށް އަރުވާލެވިގެންހުންނެއްވި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދޭން ޖެހޭނެ ކަމުގައި، ރައީސް އޮފީހުގެ ކުޜީގެ މިނިސްޓަރ އަދި ޖޭޕީގެ މެމްބަރު ޢަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި އިއްވުނު ޙުކުމް ތަކަކީ، ސީދާ ގާސިމަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލުވާ ލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"އިންތިޚާބަށް ނުކުމެދާނެ ކޮންމެ މީހަކާއި މެދުވެސް ސަރުކާރުން ދަނީ އެފަދަ އަނިޔާވެރި އަމަލުތައް ހިންގަމުން. ޤާސިމް އިބްރާހިމާއި އެހެނިހެން ސިޔާސީ ލީޑަރުންނަށްވެސް ޤާނޫނު އަސާސީ އާއި ޤާނޫނުތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތަކާއި ހުކުމްތަކުން އެއްކިބާކޮށް ޤާނޫނު އަސާސީ އިސްލާޙުކޮށްގެން ނަމަވެސް ފުރުޞަތު ދޭން ޖެހޭ" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އަދިވެސް ޤަބޫލު ކުރަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށާއި އެކަމުގެ ފުރުޞަތު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

"އިދިކޮޅު ލީޑަރުން އެއްފަރާތް ކުރުމަށް ވެރިކަމަށް އައި ދުވަހުން ފެށިގެން މިސަރުކާރުން މަސައްކަތް ކުރަމުން އައިކަން އެއީ ރައްޔިތުން ޤަބޫލު ކުރާ ހަޤީޤަތެއް, އަދި ޤާނޫނު އަސާސީގެ ރޫހާއި ޚިލާފަށް އަދި ޑިމޮކްރަސީގެ ހަމަތަކާއި ޚިލާފަށް ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ބަދަލު ގެނެސް އިދިކޮޅު ލީޑަރުންގެ މައްޗަށް ޝަރީއަތްތައް ހިންގައި ޙުކުމްތައް ކޮށްފައި ވަނީ އެހެންވެ" އަމީން ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން އެއްކެންޑީޑޭޓަކު ނެރެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދާނެ ކަމަށާއި އެކަމާއި މެދު ޝައްކެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖޭޕީގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުން ނެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ ވަކިވަކި ޕާޓީތަކުން ޕްރަމައިރީ ބާއްވާ ކެންޑިޑޭޓު ކަނޑައެޅިނަމަވެސް ރިޔާސީ އިންތިޚާބުގައި ޕާޓީތައް ތަމްސީލްކުރާނީ އެއް ކެންޑިޑޭޓުކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަމަށް ބުނަމުންނެވެ. އަދި ޕާޓީތަކުގެ މެދުގައި އޮތް އެކުވެރިކަން ގެއްލި، ވަކިވަކިން އިންތިޚާބުގައި ވާދަކުރަން މަސައްކަތްކުރަމުންދާކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މައްސަލައިގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ކޯލިޝަން ރޫޅިގެން ނުދާނެ ކަމުގައި ޕާޓީތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކްލޯސްޑް

  ގާސިމަށް އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތު ލިބެން ޖެހޭ ކަމަށް ޖޭޕީން ބުނުމުން ގާސިމް ދައްކާ ވާހަކަ އާއި އަދި ޖޭޕީން ދައްކާ ވާހަކަ ދިމާނުވެއޭ އެއީ ސާފު ކެންޑިޑޭޓެއް ނޫނޭ ގާސިމް އިބްރާހިމް އަކީ އެއްގޮތަަކަށް ވެސް އިލޫޝަން ވިލް އެން ނެވަރ ޗޭންޖް މައި އިންސްޕްރޭޝަން ހޭޒް ވަން ޑްރައިވް އެއީ ފެބް އެކެެއްގެ ފަހުން މިހާރު ދުނިޔެ ދެކުމުން މިދާ ދިވެހިރާއްޖެ އަކީ އެއީ މަމެން ޕިންކީންގެ މިލްކިއްޔާތެކޭ މިތާކު ނޯންނާނެއޭ އެމްޑީޕީގެ ހިއްސާ އެއްވެސް އަދި ޖޭޕީގެ ހިއްސާ އެއް ވެސް މީގައި އޮވެގެން ނުވާނެއޭ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

 2. ޒާ

  ގާސިމަށާއި ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭކަމީ ﷲ އަށް ޝުކުރުކުރަންވާވަރުގެ ކަމެއް.

 3. މިއާ ޚަލީފާ

  މި ޤައުމުގެ ހަމަޖެހުން ގެއްލެނީ މީނާގެ ސަބަބުން،،

 4. އާބިދާ

  އެޤާނޫނު ބަދަލު ކުރުމަށް ސިދާ ޤާސިމްވެސް ވޯޓްދިން ދެން ކޮންވާހަކައެއް ތިދައްކަނީ، ޤާސިމަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ ޤާނޫނު ބަދަލުކޮއްގެން

 5. ހުސޭނުބޭ

  ފޮނިއަނގަނުތަޅާ ޤާސިމްގެ ޢުމުރު ހަގުކޮށް 25 އަހަރުކަމަށް ހަދާލަބަލަ! އޭރުން އެކަން އެ ނިމުނީ!

 6. حسن أحمد سليم

  ޤާނޫނު އަސާސީ ބަދަލުކޮށްފައިވެސް ދަރަނިވެރި މަހުޖަނަށް ފުރުޞަތު ދޭންޖެހޭ. މިދެން ފަހެ އަޖައިބެއްނު.