މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމަ އެކަނި ފެބްރުއަރީ މަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދެމުން ގެންދަނީ ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި އާއި ސޯޝަލް ސެންޓަރުގައެވެ.

މި ދެތަނުގައި ވެކްސިން ޖެހުމަށް ކޮންމެ ރެއަކުވެސް ބޮޑު ކިއުއެއް އޮވެއެވެ. އަދި ބައެއް މީހުން ވެކްސިން ދޭ ގަޑިއާއި ކައިރިކޮށް ކުރީބައިގައި ކިއުއަށް އަރައެވެ. އަދި ކިއު ނަމްބަރު ދޫކުރި ނަމަވެސް ބައެއް މީހުންނަށް ވެކްސިން ނުޖަހާ ބައެއް ފަހަރު ދޫކޮށްލާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެޗްއީއޯސީން ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން، ފެބްރުއަރީ މަހުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް މިރޭ ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އިސްކަން ދެވޭނެ ކަމަށެވެ.

އަދި ވެކްސިން ޖެހުމަށް ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބެލެވޭނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

އަދި ވެކްސިން އަށް ގެނައި ބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ. އަދި 12 ހަފްތާ ވާ ފަރާތްތަކަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން އެޗްއީއޯސީން ވަނީ އަރުވާފައެވެ.

ރާއްޖޭފައި މިހާރު 296،961 މީހަކަށް ވެކްސިން ދީފައި ވެއެވެ. މީގެ ތެރެއިން 102،589 މީހަކަށް ވެކސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ.