ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނިކޮށް، ދިބާޖާގެ ފަރާތުން ސުޕްރީމް ކޯޓުގައި އަލުން އެ މައްސަލަ އިސްތިއުނާފްކޮށްފިއެވެ.

ދީބާޖާގެ ވަކީލުން މައުލޫމާތު ދެއްވި ގޮތުގައި އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި އެ ކުންފުނީގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަނެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ބަދަލު ދިނުމުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި ނަމަވެސް، ހައިކޯޓުގެ ހުކުމާ މެދު އެ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑަނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމުގައިވެއެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިނަމަ، މި މައްސަލަ ވެގެން ދާނީ ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މައްސަލައެއް ބަލާނެ ފުރަތަމަ ފަހަރެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ. އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ސިވިލް ކޯޓުގެ ހުކުމް އެގޮތަށް އައީ ދީބާޖާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވަނިކޮށެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ. މި ކޮމިޓީއަކީ ރައީސް އޮފީހުގައި އުފައްދާފައިވާ ކޮމިޓީއެކެވެ.

ސެޓަލްމަންޓް ކޮމިޓީ އިން އެ ގޮތަށް ލަފާ ދިނުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގެ ކުރި ހުކުމުގައި ވަނީ، ދީބާޖާގެ މައްސަލައިގައި އެ ކޯޓުގެ ކުރީގެ ނިންމުން މުޅިން ވެސް ބިނާވެފައި އޮތީ މުއްދަތު ހަމަވި ފަހުން ހައި ކޯޓަށް މައްސަލަ ބަލައިގަތް ގަތުމުގެ ސައްހަކަމުގެ މައްޗަށް އެކަނި ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުން ނިންމީ، އެ ކޯޓުން މީގެ ކުރިން ނިންމި ނިންމުން ބާތިލު ކުރަން ޖެހޭ ސަބަބުތައް އޮތް ކަމަށެވެ.