ސަރުކާރުން ދޭ ސްކޯލަރޝިޕް ތަކަށް ފުރުސަތު އޮންނާނީ މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރު މަހުގައި އިމްތިހާނު ހަދާ ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ، އެބޭފުޅުން އެދެނީ ހުރިހާ ދަރިވަރުން ވެސް އޮކްޓޯބަރ ނޮވެމަބަރުގައި އޮންނަ އިމްތިހާނު ހަދަން ދިއުން ކަމަށާއި އެހެން ނަމަވެސް ހާލަތު ހުރިގޮތުން ބައެއް ދަރިވަރުން އޭޕްރިލް މޭއި ގައި އިމްތިހާނު ހަދަން ބޭނުންވާ ކަމަށެވެ.

އޭޕްރިލް މޭއި މަހު އިމްތިހާނު ހަދަން ބޭނުންވާ ދަރިވަރުންނަށް މިހާރު މިނިސްޓްރީން ވަނީ ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެހެން ނަމަވެސް އެ އިމްތިހާނު ހަދާ ކުދިންނަށް ސްކޮލަރޝިޕްގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެގޮތަށް ހަދާ ކުދިންނަށް މި ސްކޮލަރޝިޕްތަކަށް ކޮންސިޑަރ އެއް ނުކުރެވޭނެ. އަޅުގަނޑުމެން ބަލާނީ ހަމަ އެޑެކްސެލްގެ އިމްތިހާނު ހަދާ ކުދިންނަށް އެކަނި. އެއީ އޮކްޓޯބަރު ނޮވެމްބަރ އެކަނި ދެން ކޮންސިޑަރ ކުރާނީ ސްކޮލަރޝިޕްތަކަށް" މިނިސްޓަރ ވިދާޅުވިއެވެ.

އޭޕްރިލް މޭއި މަހުގައި ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވުމާއި ގުޅިގެން ރާއްޖޭގެ އޭލެވެލް އިމްތިހާނު ނުބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.