25 އަހަރު ކުރިން

ބޭރު ފެންނަ ގޮތަށް ހުރި ޕްލާސްޓިކް ލޯގަނޑަކުން ވަށައިގެން އޮތީ ބަންދުކޮށްފައެވެ. އެ ތަނުގެ އެތެރޭގައި އޮންނަތާ ދެ އަހަރުވީއެވެ. މާލެއަށް ކިޔަވަން ބަދަލުވީ މި ހާލުގައި ދިރިއުޅޭކަށް ނޫނެވެ. ޙަލީމާގެ އެ ހާލަތާ މެދު އެތައް ބަޔަކު އޭނާ ކުށްވެރި ކުރެއެވެ. ބަންދު ތަނެއްގައި އެހެން އޮންނަން ޖެހުމުން ނަފްސާނީ ގޮތުން ވެސް އޭނާ ހުރީ އެތައް މައްސަލައެއް ދިމާވެފައެވެ. އެ ތަނުގެ ތެރޭގައި އޮވެގެން އޭނާ ބޮޑު ރޭވުމެއް ރާވަން ފެށިއެވެ. އެއީ ވެރިރަށް މާލޭގެ ބާރުތައް ފުރޮޅާލަން އޭނާގެ އޮތް ބޮޑު ރޭވުމެކެވެ.

އެންމެ ބޮޑަށް އޭނާ ރުޅި އަންނަނީ ދެބެއިންގެ ދެ ދަރި ރައުފާ ދެކެއެވެ. ޙަލީމާ މާލެ ދާން ބޭނުން ނުވެ ހުއްޓައި އާއިލާގެ ތެރޭގައި އެ ކަމަށް އެންމެ ގަދަ ހެދީ ވެސް ރައުފާއެވެ. ރައުފާ ދެކެ ރުޅި އަންނަ އެހެން ސަބަބެއް ވެސް އޮތެވެ. އެއީ އެންމެ ކުޑައިރުއްސުރެން ޙަލީމާ ލޯބިވާ ޢަބްދުﷲއާ ކައިވެނި ކުރުމެވެ. ޢަބްދުﷲ ދެކެ ޙަލީމާ ލޯބިވާ ކަން ރައުފާއަށް ރަނގަޅަށް އެނގޭނެއެވެ.

ކުރިން ޢަބްދުﷲއަށް އޮތް ލޯބި ވެސް މިހާރު ނެތެވެ. ޢަބްދުﷲ އަށް ވެސް އަނިޔާ ދޭން އޭނާ ބޭނުންވިއެވެ. ޢަބްދުﷲ ދެކެ ޙަލީމާ ވާ ލޯބި އޭނައަށް ވެސް ރަނގަޅަށް އެނގޭނެއެވެ. ވަރަށް ކުޑައިރުއްސުރެން ފެށިގެން ޙަލީމާއާ އިންނާނެ ކަމުގެ ވައުދު ޢަބްދުﷲ ވެގެން އުޅުނެވެ. އެހެން އަންހެނަކާ ނުއިންނާނެއޭ ވެސް ބުންޏެވެ. އޭރުއްސުރެން ޢަބްދުﷲ ދިޔައީ ކުޑަކުޑަ ޙަލީމާގެ ހަށިގަނޑުން އޭނާގެ ބޭނުންތައް ފުއްދަމުންނެވެ. އެ ނުބައި އަމަލުތަކުގައި ޙަލީމާ ވެސް ބައިވެރިވަނީ އޭނާ އެ ކަން ބޭނުންވެގެންނެވެ. އެކަމަކު ވައުދާ ޚިލާފްވެ ރައުފާއާ ކައިވެނި ކުރުމުން ޙަލީމާ ވަރަށް ރުޅި އާދެއެވެ.

ޙަލީމާ އެ ތަނުގައި ބަންދު ކޮށްގެން ގެންގުޅެމުން ދިޔައީ އާދަމްއެވެ. އާދަމް އާންމުކޮށް އުޅެނީ ރާއްޖެއިން ބޭރުގައެވެ. އެކަމަކު އެ ދެ އަހަރު މާލެ އައިސް މަޑުކުރެއެވެ. ޙަލީމާ ޤަބޫލު ކުރާ ގޮތުގައި، އާދަމް މި ކަމެއް ކުރީ ރައުފާގެ އެދުމަކަށެވެ. ރައުފާގެ ޙަޔާތުގައި ނޭނގޭ އެތައް ސިއްރެއް އޮތް ކަން ކުރިން ވެސް ޙަލީމާއަށް ވިސްނުނެވެ. ރައުފާގެ ބާރު އެހާ ވަރުގަދަ ސަބަބެއް ނުވިސްނެއެވެ. މާލީ ގޮތުން މާ ބާރުގަދަ އަންހެނެއް ނޫން ކަން އެނގެއެވެ. ޢަބްދުﷲ ވެސް ހަގީގަތުގައި އޭނާއާ ނޫޅޭ ކަން އެނގެއެވެ. ކައިވެނި ކުރަން މަޖުބޫރުވި ސަބަބެއް ނުވިސްނެއެވެ. ކައިވެންޏަށް ފަހު ޢަބްދުﷲ ގެ ވިޔަފާރި ފުޅާވާ ކަން ވެސް އެނގުނެވެ.

މި ކަންކަމުގެ ފަހަތުގައި އޮތް ސިއްރު ހޯދަން ޙަލީމާ ބޭނުންވިއެވެ. އެކަމަކު އެ ތަނުގައި ބަންދުވެގެން އޮންނަ އިރު އެ ކަންކަން ހޯދަން ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ. ޙަލީމާ މަޑުމަޑުން އެ ތަނުގެ އެތެރޭގައި އޮތީ އޭނާ ބޭނުންވާ ބަދަލު ހިފުން ހިފޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެ ކަން ވާނެ ކަމުގެ އުއްމީދުގައި ކުރަމުންދާ ދިގު އިންތިޒާރެކެވެ.

މި ގޮތަށް ދެ އަހަރު ދުވަހު ބޭއްވުމަށް ފަހު އެއް ދުވަހަކު އެ ތަނަށް އައީ ޖަމްޝީދެވެ. ޖަމްޝީދަކީ އާދަމްގެ ވަރަށް ގާތް އެކުވެރިއެކެވެ. ޖަމްޝީދާއި އާދަމަކީ ވެސް އެ ދުވަސްވަރު މާލޭގައި ހުރި އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިންނެވެ. ޙަލީމާ ފެނުނު ދުވަހުން ފެށިގެން ޖަމްޝީދަށް އޭނާ ކަމުދާ ކަން ޙަލީމާއަށް ވެސް ފާހަގަކުރެވެން ފެށުނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ހެން ޖަމްޝީދު އެ ތަނަށް އަންނަން ފެށިއެވެ.

"އާދަމް.. ކަލޭ މި ފަހަރު ބަންދު ކޮށްގެން ތި އުޅެނީ ކޮން ކުއްޖެއް.؟" ޖަމްޝީދު އެހިއެވެ.

"އެއީ ދޯ.. އެއީ ރަތް ހޫޑީ އަންހެން ކުއްޖާ ބޭނުން ވެގެން ޖަލުގެ ތެރެއަށް ލާފަ ހުރި ކުއްޖެއް.. އެ ކުއްޖާ ބޭނުންވާ ކަމެއް ނުކޮށްދީފިއްޔާ މަގޭ މުޅި ކެރިއަރު އެ ދިޔައީ.. ބްލެކްމެއިލް ކޮށްލާފަ އަހަރެމެން ބަހައްޓަނީ.. ތުލުސްދޫއަށް އަހަރެން ގޮސް ޖެހި ހުރިހާ ސަކަރާތެއްގެ ވީޑިއޯ އޭނަ އަތުގަ އެބަ ހުރި.." އާދަމް ވާހަކަ ދެއްކިއިރު އަތް ތުރުތުރު އަޅައެވެ.

"ތި އަންހެން ކުއްޖަކު ހޯދައިފަ ތިރި ގަންނަވާލަންވީނު.. މަ ބޭނުންވޭ މި އަންހެން ކުއްޖާ.. މަށަށް ވަރަށް ކަމުގޮސްފި.. ތި ރަތް ހޫޑީ އަންހެން ކުއްޖާ މަރާލަންވީނު.. އަހަރެމެން ދެ މީހުން ގުޅިގެން ތައްޔާރު ކުރާ ރަތް ލަޝްކަރުގެ އެހީގަ އެ ކަން ވާނެ.. ތިހާ ފިނޑިވާކަށް ނުވޭ ދޯ އަދި.. އަންހެނެއް ދެކެ ބިރުން.." އާދަމްގެ ފަރާތުން ފަހަކަށް އައިސް ފެންނަ ސިފަތައް ޖަމްޝީދަކަށް ކަމަކު ނުދެއެވެ.

"އޭނާގެ މަރު.. އެއީ މަގޭ ކެރިއަރުގެ ފުނޑުން.. މަގޭ ވިޔަފާރީގެ ބަނގުރޫޓު.. ފަހު ނޭވާ ލާނީ އަހަރެމެންގެ ހުރި ސިއްރުތައް ދުނިޔެއެއް ނެރެފަ.. ރަތް ލަޝްކަރުގެ ރޭވުން ވެސް ދުނިޔެއަށް ނެރެދާނެ.. އަހަރެމެން ފަޟީހަތް ކޮށްލާނެ.. މި އާދައިގެ އަންހެން ކުއްޖެއް ނޫން.. އަހަރެމެންގެ ތަމްރީންތައް ލިބިފަ ހުރީ.. އަހަރެމެންނަށް ވުރެ މޮޅު.." އާދަމްގެ ބޮލުގައި އަތް އަޅަމުން ބުންޏެވެ.

"މަ އެ އަންހެން ކުއްޖާއާ ވާހަކަ ދެއްކިޔަސް އެންމެ ރަނގަޅުތަ.؟" ޙަލީމާ ފެނިފައި ޖަމްޝީދު ހުރީ ދީވާނާވެފައެވެ.

ޙަލީމާ ބަންދުކޮށްފައި ބަހައްޓާފައި ހުރި ކޮޓަރިއަށް ޖަމްޝީދު ވަދެއްޖެއެވެ. ކޮޓަރީގެ ދޮރު ކައިރީ ހުރި ސްވިޗަކަށް ފިއްތާލުމުން ޙަލީމާ އޮތް އެނދުގެ ވަށައިގެން އޮތް ޕްލާސްޓިކް ފަށަލަ ހުޅުވިއްޖެއެވެ. އެ ތަނުގެ ތެރެއިން ނުކުމެފައި ޙަލީމާ ގޮސް ޖަމްޝީދުގެ ގައިގައި ބައްދާލިއެވެ.

"އަހަރެން މި ތަނުން މިންޖު ކޮށްދީ.. އަހަރެން ގޮވައިގެން ހިނގާ.." ޙަލީމާ ރޮއިގަތެވެ.

"އެ ރަތް ހޫޑީ އަންހެން މީހާ އެނގޭތަ.؟ އޭނާގެ ބާރު މާ ގަދަވެގެން މި އުޅެނީ.. ތި ކުއްޖެއްގެ މިނިވަން ކަމަކީ މި މީހެއްގެ މަރު.." ޖަމްޝީދު އެހިއެވެ.

"އާނ.. އެއީ ރައުފާ.. މަށަށް ޔަޤީން އެއީ ރައުފާ ކަން.. ރައުފާ ބޭނުންވާ ގޮތަކަށް މި ކަންކަން ވަނީ.. ތި މީހުން ތި ބުނަނީ އެއީ މޫނު ފޮރުވައިގެން އުޅޭ އަންހެނެކޭ.. އެހެންވީމަ ސާފު އެއީ ރައުފާ ކަން.." ޖަމްޝީދާ ދުރުވެލަމުން ޙަލީމާ ބުންޏެވެ.

"ކޮން ނަމެއް ކިޔަނީ.؟" ޙަލީމާގެ އަތުގައި ހިފަމުން ޖަމްޝީދު އެހިއެވެ.

"ޙަލީމާ..." ޖަމްޝީދު ބަލަހައްޓައިގެން ހުރި މަސްތީ ގޮތުން ޙަލީމާ ލަދުގަތެވެ.

"ހާސް ނުވޭ... ޙަލީމާ ބޭނުންވާ ގޮތް ނޫން ގޮތެއް ދެން ނުވާނެ.." ޖަމްޝީދު ވައުދުވިއެވެ.

***

ތުލުސްދޫއަށް ޖަމްޝީދު ދިއުމުގެ މަސް ދުވަސް ކުރިން ޙަލީމާ ރަށު ތެރެއަށް ދޫކޮށްލިއެވެ. އޭގެ ދުވަސްތަކެއް ނުވަނީސް ތުލުސްދޫ އަންހެން ކުއްޖަކާއި އޭނާ ގުޅުން ހިންގާ މަންޒަރު ހިމެނޭ ވީޑީއޯއެއް އާންމުވެގެން ދިޔައެވެ. މުޖުތަމައުގައި ކުރިމަތިލާން ޖެހުނު ބަސްތަކަށް ކެތް ނުވެގެން އާދަމް ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. ބޭރަށް ދަމުން އޭނާގެ ވިޔަފާރީގެ ހުރިހާ ބާރެއް ހަވާލުކުރީ އަންހެނުން އައިމިނަތަށެވެ. އޭރު އައިމިނަތު ހުރީ އާދަމްގެ ކުއްޖަކަށް ބަލިވެއެވެ. އާދަމްއަށް ވަފާތެރިވާނެ ކަމަށް އައިމިނަތު ވައުދުވިއެވެ. އަދި އަހަރަކު އެއް ފަހަރު އާދަމްއާ ބައްދަލު ކުރަން އޭނަ ހުންނަ ގައުމަކަށް ދާން ވެސް އެއްބަސްވިއެވެ.

ތުލުސްދޫ ރަށުގެ ތެރެއަށް ވަދެގެން ދިޔައިރު ޖަމްޝީދު ހުރީ ރަތް ކުލައިގެ ހޫޑީއެއް ލައިގެނެވެ. އަނގަ މަތީގައި ކަޅު ކުލައިގެ ފޮތިގަނޑެއް އަޅައިގެނެވެ. މޫނު މަތީގައި ރަތް ކުލަ ހާކާފައި ހުއްޓެވެ. ތިރިން ލައިގެން ކަޅު ކުލައިގެ ޖިންސް ފޮތީގެ ކުރު ސޯޓެކެވެ. މަޑުމަޑުން ހިނގަމުން ގޮސް ރައުފާ އުޅޭ ގޭތެރެއަށް އޭނާ ވަނެވެ. ރައުފާ އޮންނަ ކޮޓަރިއަށް ވަން އިރު ކުޑަކުޑަ ފިރިހެން ކުއްޖަކު އެ ކޮޓަރީގެ ތެރޭގައި އޮތެވެ. ފަހަތުން ރައުފާ އައިސް ޖަމްޝީދުގެ ބޮލުގައި ތަވައަކުން ޖަހައިފިއެވެ.

"ތިއީ ކާކު.؟ މި ތަނުގެ ތެރޭގައި ކީއް ތިޔަ ކުރަނީ.؟" ގޮތް ނޭނގޭ އެ މީހަކު ފެނި ރައުފާ ހުރީ ބިރުން ތުރުތުރު އަޅައެވެ.

"ކަލޭ ދޯ މާ ފުއްޕައިގަނެގެން ތި އުޅެނީ.. ކަލޭ ފުއްޕަން އޮތް ދުވަސްތައް މި ހަމަވީ.." ރައުފާގެ އަނގައިގެ ތެރެއަށް ބޭސް ގުޅައެއް އެތެރެ ކުރުމަށް ފަހު ޖަމްޝީދު ބާރަށް ދުވެފައި އެ ތަނުން ނުކުމެގެން ގޮސްފިއެވެ.

އޭގެ އަނެއް ދުވަހު ރައުފާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ. ރައުފާގެ މަރާއެކު ޢަބްދުﷲ ކައިވެނި ކުރީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޙަލީމާއާއެވެ. އެކަމަކު ޢަބްދުﷲއާ ޙަލީމާ ކައިވެނި ކުރީ ބަދަލު ހިފުމަށެވެ. ރައުފާގެ ދަރިފުޅު މިމްރާޙް ދެކެ އޭނާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މިމްރާޙް އެ ގޭގައި އުޅުނު ދުވަސްވަރު އޭނާ ލައްވައި އަޅު މަސައްކަތް ކުރުމާއި އަނިޔާ ކުރުން އިންތިހާއަށް އޮތެވެ. ޢަބްދުﷲއަށް ވެސް ދިޔައީ ބުއްދިއަށް އަސަރު ކުރާނެ ބޭސް އަޅައިގެން ކެއުން ދެމުންނެވެ. މާ ދުވަހެއް ނުވެ ޢަބްދުﷲގެ ސިކުނޑީގައި މައްސަލަތަކެއް ދިމާވެ ގުރައިދޫ މަރުކަޒަށް ބަދަލުކުރިއެވެ. އޭރު މިމްރާޙް ވެސް ރަށުން ފިލައިގެން ގޮސްފިއެވެ. ޙަލީމާ ދެން ކައިވެނި ކުރީ ޖަމްޝީދާއެވެ. ޖަމްޝީދާ ގުޅިގެން ޙަލީމާ ދިޔައީ ރަތް ލަޝްކަރު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޙަލީމާގެ ރޭވުން ތަންފީޒު ކުރުމަށެވެ. އެއީ މާލެ ހިފުމެވެ. މާލޭގެ ވިޔަފާރިވެރިން އޭނައަށް ކުރި އަނިޔާތަކުގެ ބަދަލުގައި އެ ވިޔަފާވެރިންގެ ވިޔަފާރި ބަނގުރޫޓު ވާނެ ގޮތަށް މާލެ ހިފުމެވެ. މާލޭގެ ވެރިކަމަކީ ރާއްޖޭގެ ވެރިކަމެކެވެ. އެ ވެރިކަން ވެސް އޭނައަށް ލިބުނެވެ. އޭނަގެ މަސައްކަތަށް ހުރަސް އަޅުވާ ކޮންމެ މީހަކު އޭނާ ދިޔައީ ނައްތައިލަމުންނެވެ.

***

25 އަހަރު ފަސް

ނޫރާގެ މަންމަ، އައިމިނަތު ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. ކޮޓަރީގެ ތެރޭގައި އޭނާގެ ދަރިފުޅު ނޫރާ އިނެވެ. ޢަބްދުﷲއާއި ރައުފާގެ ދަރިފުޅު މިމްރާޙް ހުއްޓެވެ. މިމްރާޙްގެ އެކުވެރިޔާ ވިއާމު ހުއްޓެވެ. ޙަލީމާގެ އަނިޔާއިން ސަލާމަތް ކުރަން މިމްރާޙަށް އެހީވި ތަކުރާއި ޙައްވާއާއި އަސްލަމް ތިއްބެވެ. ޙައްވާއާއި އަސްލަމްގެ ދެ ދަރިން، ޔާސީނާއި ޙަސަން ތިއްބެވެ. ތަކުރުގެ އަނބިމީހާ އީމާއާއި އޭނާގެ ބޭބެގެ ދަރިފުޅު ޝަމްޙާ ތިއްބެވެ. އަސްލަމްއާއެކު މަގުމަތީ އިންސާފު ހޯދަން އުޅުނު ސައިފު ހުއްޓެވެ. ރަތް ލަޝްކަރުގެ ކަންކަމަށް ފާރަވެރިވަމުން ދިޔަ ތަހުގީގީ ނޫސްވެރިޔާ ސަލީމް ހުއްޓެވެ. އައިމިނަތު ހާމަކޮށްދިން ވާހަކަތަކަކީ މީގެ ކުރިން މިއިން އެކަކަށް ވެސް އެނގިފައި އޮތް ވާހަކަތަކެއް ނޫނެވެ.

"ޖަމްޝީދު ރަތް ލަޝްކަރު ތައްޔާރު ކުރަމުން ދިޔައީ ޙަލިމާގެ އެންގުމަށް.. އޭނަ މި ހުރިހާ ކަމެއް ކުރަނީ ކޮންމެހެން ޑިމޮކްރަސީ ކަމު ނުދާތީ.. ފުލުހުންނާއި ސިފައިންގެ އަސްކަރީ ވެރިކަމެއް ޤާއިމް ކުރާކަށް ނޫން ދޯ.. ޙަލީމާއަށް ވެރިކަން ދޭން.. ޙަލީމާގެ ލޯބީގަ ދިވާނާ ވެފަތާ އެ މީހަކު އެ ހުރީ.." އިވުނު ވާހަކަތަކަށް ފަހު އަސްލަމަށް ވިސްނޭ ގޮތްތަކެއް ބުންޏެވެ.

"އެ ބުނާ ރަތް ހޫޑީ ލީ މީހަކީ މަންމަތަ ހަމަ.؟" ރައުފާގެ އެފަދަ ސިއްރެއް އޮތް ކަމަށް ޤަބޫލު ކުރަން މިމްރާޙަށް އުނދަގޫވިއެވެ.

"އެއީ އިތުރު އެހެން މީހެއް ނޫން.. ޙަލީމާ އެއީ.. ޙަލީމާއަކީ ދުރުވިސްނޭ.. ތޫނުފިލި.. އެކަމަކު އިންސާނިއްޔަތު ކަމެއް ނެތް... ނަފްސާނީ މައްސަލަތަކެއް ވެސް ހުރި މީހެއް.. ޙަލީމާއަށް އެ ތަމްރީނުތައް ދިނީ ޖަމްޝީދު.. ޖަމްޝީދާއި ޙަލީމާ ފުރަތަމަ ފެނުނީ އެ ތަނަކުން ނޫން.. މާ ކުރިން ބައްދަލުވެ ގުޅުމެއް ފަށައިފި.. އަހަރެންނާ އޮތް ނަފްރަތަކީ އޭނައަށް އަހަރެން ވެސް ޖިންސީ ގޯނާ ކުރުން.. އޭގެ ބަދަލު ހިފީ މާ ތަފާތު ގޮތަކަށް.." ކޮޓަރިއަށް އާދަމް ވަންނަމުން ބުންޏެވެ.

"ނޫރާ.. ބައްޕައަށް މައާފް ކުރޭ.. ޙަލީމާގެ ރޭވުން އެނގެން ދުވަސްތަކެއް ނެގި.. ފައިސަލް އެ ފެނުނު ވައްތަރަކަށް ޖަނަވާރެއްގެ ސިފަ ޖެއްސުވީ ވެސް ޙަލީމާ.. އެއީ މަގޭ ދަރިއަކަށް އަނިޔާ ކުރަން އޭނަ ބޭނުންވާތީވެ.. ދަރިއެއްގެ މުސްތަގްބަލް ކަނޑައަޅާނީ އެ ދަރިއަކު އަމިއްލައަށް.. އަހަރެމެންގެ ހުރި ނުލަފާ ކަމާއި ފައިސާގެ ދަހިވެތިކަމުން މި ދުވަސް މި އައީ.." އާދަމް ރޮމުން ނޫރާ ކައިރިއަށް ގޮސް ބުންޏެވެ.

"މާލެ ގޮއްވާލުންތަ ޙަލީމާގެ ރޭވުމަކީ.؟" ޝަމްޙާ އެހިއެވެ.

"މާލެ ހިފުން.. ރާއްޖެ ދެކޭނެ އެންމެ ބޮޑު ބަޣާވާތް.. މާލޭގައި އެ މީހުންގެ ދިދަ ޖަހާނެ.. ބޮޑެތި ވިޔަފާރިވެރިން ފާބަން މަޖުބޫރު ކުރާނެ.. ޖަމްޝީދު ނޫން ހުރިހާ ސިޔާސީ ވެރިން ފާބަން މަޖުބޫރު ކުރާނެ.. ލޭ އޮހުރުން ހިނގާނެ.. ރަތް ލަޝްކަރުގެ ނުކުމެ ބައެއް ވިޔަފާރިވެރިން މަރާނެ.. ސެކިއުރިޓީގައި ތިބޭ މީހުންނަކީ އެ މީހުންނާ މިހާރު ބައަތު ހިފައިފަ ތިބި މީހުން.." އާދަމް ކިޔައިދިނެވެ.

"އާދަމްބެ.. އާންމު ރައްޔިތު މީހާގެ ބަނޑު ފަޅައިގެން ވިޔަފާރި ނުކުރިނަމަ މި ދުވަހެއް ދެކެން ނުޖެހުނީސް.. ކުޑަ ނުބައިގެ ފަޅީގެ މީހުނާ ގުޅިގެން.. މާދަމާ ބޮޑު ނުބައިގެ ފަޅި އަހަރެމެން ބަލި ކުރާނަން.. އެއީ މަސްލަހަތަށްޓަކައި.. ދިވެހިން ދަސްކުރަން ވެއްޖެ ކަލޭމެން މަހުޖަނުންނާއި ވެރިން.. މިއޮތްހާ ޒަމާން ހަމަ ނޭވާގައި ތި އުޅެވުނީ މަސްލަހަތަށް އާންމުން ލޯބި ކުރާތީ.." ރުޅިގަދަވެގެން އާދަމްއާ ދިމާއަށް އެއްޗެހި ގޮވައިގަތީ ޝަމްޙާއެވެ.

ޝަމްޙާ ނުކުމެގެން ދިޔަ ތަން ފެނިފައި މިމްރާޙް ވެސް ނުކުމެގެން ހިނގައްޖެއެވެ. އެ ގެއިން ނުކުމެފައި ގޮސް ޝަމްޙާ ވަނީ ކައިރީ ހުރީ ކެފޭއަށެވެ. ޝަމްޙާގެ ފަހަތުން މިމްރާޙް ވެސް ގޮތް ވަނެވެ. ޝަމްޙާ އިށީނދެ އިން ގޮނޑި ހުރި މޭޒު ކައިރިއަށް ގޮނޑިއެއް ޖައްސާލާފައި މިމްރާޙް ވެސް އިށީނނެވެ. އަދި ޝަމްޙާގެ އަތުގައި މިމްރާޙް ހިފީ ހިތްވަރު ދިނުމަށެވެ.

"މިމް.. ކީއްވެ ތި އައީ.؟ އަހަރެން ފަހަތުން.؟" މިމްރާޙްގެ އަތުން ޝަމްޙާގެ އަތް ދޫކޮށްލަމުން އޭނާ ބުންޏެވެ.

"އަހަރެންގެ ކޮންމެ ނިންމުމަކަށް ވެސް ތާއީދުކޮށްގެން ހުރި އެކުވެރިޔާ ތިއީ.. ޝަމްއަށް އެއްވެސް ކަމެއް ފޮރުވައިގެން އުޅޭކަށް ނުޖެހުން.. ކަމެއް ފޮރުވިއަސް އެނގޭ.. އެ ކަމެއް ހޯދާ.. ވެދާނެ ދިރިއުޅުމުގައި އެއް ފަންތިއަކަށްވީމަ ކަމަށް ވެސް.. މި ވިޔަފާރިވެރިން އަމިއްލައަށް ހޭވި ހަޑިއެއްގެ ސަބަބުން ނުލަފާ އަންހެނެއްގެ އަތް ދަށު ތެރެއަށް މި މާލެ ނުދަނީސް ސަލާމަތް ކުރަން ނުކުންނަން ޖެހޭ.. އަހަރެން ބޭނުމެއް ނޫން.. އަހަރެމެންނާއެކު އެ ލޭ އޮހުރުވުމުގެ ތެރެއަށް ޝަމްޙާ ނުކުންނާކަށް.." ޝަމްޙާއަށް އެއްވެސް ގެއްލުމެއް ވާކަށް މިމްރާޙް ބޭނުމެއް ނުވާއިރު ޝަމްޙާއަށް އޭނާގެ އޮތް އިހްސާސްތައް އޭނާގެ ދެ ލޮލުން ސާފުކޮށް ފެނެއެވެ.

"ނޫން.. އަހަރެން ވެސް ނުކުންނާނަން.. ގަދަ ނޫ ކުލައިގެ ލަޝްކަރުގައި ހުންނަން އަހަރެން ތަމްރީން ބޭނުންވާ ވާހަކަ މިމް ކައިރީގައި ބުނީ މަޖަލަކަށް ނޫން.. ސަމާސާއަކަށް ނޫން.. ޖޯކަކަށް ނޫން.. އަހަރެން އެ ގޮތް ބޭނުން ވާތީވެ.. އަހަރެންގެ ހުރި ހިތްވަރު އެންމެ ކައިރިން ދުށް އެކަކު ތިއީ.. މި ހަނގުރާމައިގަ ޝަހީދު ވާނެ ބަޔަކު ނޭނގެ.. އަހަރެންނަކަށް ދުރުގައި މަންޒަރު ބަލަހައްޓައިގެން ނުހުރެވޭނެ.." މިމްރާޙްގެ އަތުގައި މި ފަހަރު ޝަމްޙާގެ އަތުން ހިފިއެވެ.

"މިރޭ.. މާލެއިން ވިލިނގިއްޔަށް.. ފަތާފަ ދާން.. އެންމެ ހުޅަނގުގެ ދެކުނު ބިތުން ނައްޓާލާނީ.. ތައްޔާރުތަ..؟" މިމްރާޙް އެހިއެވެ.

މިމްރާޙާއި ޝަމްޙާގެ އުފެދިފައިވާ ގާތް ކަން ނޫރާއަށް ވެސް ފާހަގަވިއެވެ. އެކަމަކު ޝަމްޙާގެ ހުރި ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ ހުރީ މުޅިންހެން ވަރުބަލިވެފައެވެ. އޭނާގެ ބައްޕައާއި މަންމައާއި މުޅި އާއިލާގެ ދަހިވެތިކަން އެނގިއެވެ. ނޫރާ ފަދަ މަތީ ފަންތީގެ އާއިލާތަކަށް މިމްރާޙް ފަދަ އާންމު ފަންތީގެ އާއިލާތަކުގެ މީހުން އަންނަ ނަފްރަތް އެނގިއެވެ. މި ދެ ފަންތީގެ މީހުން ގުޅިދާނެ ކަމަށް ނޫރާއަށް ވެސް ޤަބޫލު ކުރަން ދަތިވީއެވެ. އެހެންވިޔަސް ނޫރާ ބޭނުން ވަނީ މިމްރާޙްގެ އުފަލެވެ. އެ އުފަލަކީ ޝަމްޙާ ނަމަ އެ ގޮތް ވެސް އެންމެ ރަނގަޅެވެ. މި ލޯބީގެ މައްސަލައަށް ވުރެ ކަމެއް އޮތް ކަން އެނގޭތީ ހިތްވަރު ކޮށްފައި ނޫރާ ވެސް ދިޔައީ މަންމަ އައިމިނަތުއާ އެކީ ސިފައިންގެ ތެރެއިން ގައުމަށް ވަފާތެރި ބަޔަކު ހޯދައިގެން ވޯޓް ލާ މަރުކަޒުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެހީވަމުންނެވެ.

ހަފްތާއެއް ނިމިގެން ދިޔައީއެވެ. މުޅި ރާއްޖޭގައި ވޯޓް ލަނީއެވެ. މާލޭގެ އެ ތަން މި ތަނުގައި ވޯޓްލާ ގޮތަށް އޮތެވެ. ސްކޫލްތަކާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިމާރާތްތަކާއި ދަނޑުތަކެވެ. އިރުއެރުމާއެކު ވޯޓްލާ ސަރަހައްދުތަކުގައި މީހުންތައް ކިއޫގައި ޖެހި ފުރާލައިފިއެވެ. ފައިސަލްގެ މަރާއެކު އާންމުންގެ ތެރޭ ވެސް އޮތީ ޖަމްޝީދުގ އާއިލާއަށް ހަމްދަރުދީ އުފެދިފައެވެ. އޭނައަށް ގިނަ ބަޔަކު ވޯޓް ދޭނެ ކަމަށް ވެސް ބެލެވެއެވެ. އެކަމަކު ޙަލީމާ ގޮތް ދޫކުރާކަށް ނެތެވެ. ޖަމްޝީދަށް ވެރިކަން ޔަޤީންވާކަން ބުންޏަސް، ޙަލީމާގެ އިންތިޒާރު އިތުރަށް ދިގު ކުރާކަށް ބޭނުމެއް ވެސް ނުވެއެވެ. އޭނާ ބޭނުންވީ ވީ އަވަހަކަށް މާލެ ހިފުމަށެވެ.

***

ވޯޓްލާ ނިމިގެން ނަތީޖާ އިއުލާންކޮށްފިއެވެ. 80 އިންސައްތައަށް ވުރެ ބޮޑު ތާއީދެއް ލިބިގެން ޖަމްޝީދު އިންތިޚާބު ކާމިޔާބުކޮށްފިއެވެ. މީޑިއާ މެދުވެރިކޮށް ޖަމްޝީދު ބަޔާނެއް ވެސް ދީފިއެވެ.

"މާދަމާ މި މާލެއަށް އަލިވިލޭނީ ތަފާތު ދުވަހަކަށް.. މާދަމާ މި މާލެ ބަދަލު ވާނެ.. މާދަމާ މި މާލެ ވާނީ.. މި ރާއްޖެ ވާނީ.. ތި ރައްޔިތުންގެ މުދަލަކަށް.. މަދު ބައެއްގެ މުދަލަކަށް.. އޮތް އޮތުން ބަދަލު ވާނެ.. މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި އަހަރެން ކުރަމުން އައި އިރު.. ނުހައްގު ވިޔަފާރިތައް ވަށާ އޮތް ވަރު ކައިރިން ދުށިން.. މި ކަންކަން މާދަމާ ވަގުތުން ވަގުތަށް ހުއްޓޭނެ.." ޖަމްޝީދު ބުންޏެވެ.

އެ ދުވަހުގެ ހުރިހާ ކަމެއް ނިމިގެން ދިޔައީ އެއްވެސް މާރާމާރީއެއް، ލޭއޮހުރުވުމެއް، ހަމަނުޖެހުމެއް ހިނގައެވެ. އަމާންކަންމަތީ އިންތިޚާބެއް ނިމުނީއެވެ. ޖަމްޝީދުގެ ސަޕޯޓަރުން ވެސް ބުނަމުން ދިޔައީ ބޮޑު ތާއީދެއް އޮތް ކަން ފެނިގެން ވާދަވެރިން ކުރި ހިނގަމުން ދިޔަ ހަމަނުޖެހުންތައް ހުއްޓާލީއެވެ. އެކަމަކު ވާދަވެރިންނަށް ދައުވާކޮށް އަދަބު ދޭން އެ ސަޕޯޓަރުން ބޭނުންވެއެވެ.

"މޮޅެއްނު.. އެއްވެސް ލޭއޮހުރުވުމެއް ނެތި.. މާލެ ހިފީއެއްނު އެ.." އަސްލަމް ބުންޏެވެ.

ނޫ ލަޝްކަރު ޖަމާވެ ތިބީ އާދަމްގެ ގޭގައެވެ. އާދަމްއާއި އައިމިނަތާއި ނޫރާ ވެސް އެ ތަނުގައި ތިއްބެވެ.

"ނޫން.. ރައްޔިތުންނަށް ދައްކައިދިނީ.. ޖަމްޝީދު.. އެއީ އަމާން ކަން ގެންނަން ހުރި ލީޑަރު ކަން.. އެކަމަކު މާދަމާ މާލޭގައި އެ މީހުންގެ ދިދަ ޖަހާނެ.. ޖަމްޝީދު އެ ދިނީ އެ މެސެޖް.. އަހަރެމެން މުޅި ދުވަހު އަވި ދަޅައިގަ ބެހެއްޓީ އޮޅުވާލަން.. ދުވަހަކީ މާދަމާ.." ޙަލީމާ ބޭނުންވާ ގޮތަށް ކަންކަން ދެން އޮތް ދުވަހު ފެށިގެން ދާނެ ކަމަށް މިމްރާޙް ޤަބޫލުކުރިއެވެ.

***

ރަތް ލަޝްކަރު ހީކުރި ވަރަށް ވުރެ ބޮޑެވެ. މުޅި މާލެ ވަށާލިއެވެ. އަދިވެސް ބަޔަކު މުލިއާގެ ކައިރީ ފޯރިމަރަނީއެވެ. އެއް ބަޔަކު އެކި ގޭގެއަށް ގޮސް އެ ގެތަކުގެ ތެރޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާއި އެ މީހުންގެ އާއިލާތައް ނެރެން ފަށައިފިއެވެ. މި ކަން ހިނގައި ކަމުގެ މައުލޫމާތު ލިބި ޗެނަލްތަކުގެ ކެމެރާމަނުންނާއި ފޮޓޯގްރާފަރުން ނުކުމެ މަންޒަރު ނަގަން ފަށައިފިއެވެ. މާލެއާ ކައިރި ރަށްރަށަށް ދުރުން މަންޒަރުތައް ދައްކަމުން ދިޔައެވެ. އާންމުންގެ ތެރޭގައި އޮތީ ބިރުވެރިކަމެއް ފެތުރިފައެވެ. ނެރެމުން ދަނީ ވަކި ކޮން ފަންތިއެއްގެ އާއިލާތަކެއް ކަމުގެ ހޭލުންތެރިކަމެއް އެ ބަޔެއްގެ ނެތެވެ. މި މީހުން ނެރެގެން ރަސްމީ ފާލަމުގައި ހުރި ދޯންޏަކަށް ދިޔައީ އަރުވަމުންނެވެ. ރަތް ކުލައިގެ ހޫޑީ ލައިގެން ތިބި މި ބައިގަނޑު ފެނި އާންމުންގެ މީހުން ވެސް ދަނީ ބިރުން ދުރަށެވެ. ބައެއް ފިހާރަތަކާއި ރެސްޓޯރަންޓްތައް ގޮއްވާލައިފިއެވެ. މިއީ މުޅިން ވެސް ބޮޑެތި މަހުޖަނުންގެ ތަންތަނެވެ. އެ މީހުންގެ މުދާތަކުގައި ހުޅު ޖަހަން ފަށައިފިއެވެ. ރަތް ލަޝްކަރުގެ ދިދަ ޖުމްހޫރީ މައިދާނުގައި ޖަހައިފިއެވެ. ދިވެހި ދިދަ ވެސް ތިރިކޮށްފިއެވެ.

އެއިން އެކަކު އެ ތަނުގައި ހަރަކާތްތެރިވި ކެމެރާމަނުންނާއި ފޮޓޯގްރާފަރުންނާއި ނޫސްވެރިންނަށް ގޮވިއެވެ. މި މީހުން ވެސް ތިބީ ކައިރީ ވާން ޖެހިލުންވެފައެވެ. އެ މީހާއާ ދިމާއަށް ކެމެރާ ދިއްކޮށް ކޮންމެ ވެސް ވަރަކަށް ކައިރިއަށް ޖެހިލިއެވެ.

"އިންތިޚާބީ ރައީސް ޖަމްޝީދަށް އަންގާ.. އަހަރެމެން ރަތް ލަޝްކަރުން މާލެ ހިފައިފި ކަމަށް.. ސުލްހަ ބޭނުން ވަންޏާ.. ޖެހޭނީ އަހަރެމެން ބޭނުންވާ ގޮތަކަށް މި ކަން ކުރަން.. އަހަރެމެން އެންމެން މި ތަނުގައި މަޑުކޮށްގެން މި ތިބީ.. އަހަރެމެންނާ އެކު ގައުމުގެ ސަލާމަތީ ބާރުތަކުން ވެސް މި ތިބީ.. ޖަމްޝީދަކީ ސަލާމަތީ ޚިދުމަތުގައި އުޅުނު މީހެއް.. މި ޤައުމަށް ޖެހިފަ އޮތް ވަބާއެއް މި ވިޔަފާރިވެރިންނަކީ.. މި ޑިމޮކްރަސީ އަކީ ވެސް.. އޭގެ އެންމެން މި ތަނުން ބޭރުކޮށްގެން އަހަރެމެންގެ ވެރިކަން ހިނގަން ޖެހޭނީ.. ޖަމްޝީދު ޖަވާބެއް ނުދިނިއްޔާ ދެވަނަ އިންޒާރު ނުރައްކާތެރިކޮށް އަންނާނެ.." ހަޅުތާލުގައި ދެމިތިބޭނެ ކަމަށް އޭނާ އިއުލާން ކުރިއެވެ.

އާދަމްގެ ގޭތެރެއިން ނޫ ލަޝްކަރު ނުކުމެއްޖެއެވެ. މަޑުމަޑުން މަގުމަތީގައި ފޯރިމަރަމުން ދިޔަ ރަތް ލަޝްކަރުގެ މީހުން ޖަހައިގަނެގެން އާދަމްގެ ގޭތެރެއަށް ވަދެ ބަންދުކުރެއެވެ. އެކަމަކު ރަތް ލަޝްކަރުގެ މީހުން ގިނަ ކަމުން މަދުވާ ގޮތެއް ނުވެއެވެ.

މިމްރާޙްއާއި ޝަމްޙާ ޤާނޫނު ހަދާ މަޖިލީހުގެ ކައިރިއަށް ޖެހިލިއެވެ. އިރުކޮޅެއް ތެރޭ ފެނުނީ މަޖިލީހުގެ އެކި ދިމަދިމާއިން އެއްޗެއް ގޮވަނިކޮށެވެ. އެ ތަނުގެ ތިބި މީހުން ނެރުމުގެ މަސައްކަތް މިމްރާޙްއާއި ޝަމްޙާ ކުރިއެވެ. އެންމެން ނެރުނުތާ މާ އިރެއް ނުވެ މުޅި އިމާރާތް ގޮވައިފިއެވެ. އެ ވަގުތުކޮޅު ޗެނަލްތަކުން ދިޔައީ ދައްކަމުންނެވެ. އެ ތަނުގެ ކައިރިން ދިޔަ ރަތް ލަޝްކަރުގެ އަންހެނަކު މިމްރާޙްގެ ޖަހައިގަތެވެ. އެއީ އާސިމާ ކަން މިމްރާޙް ވަގުތުން ދެނެގަނެވުނެވެ. ސެންޓަރުގައި އެކުގައި ކިޔަވަމުން ދިޔަ އާސިމާ ވެސް އެ ކަމުގެ ތެރެއަށް ވަދެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރިއެވެ. އެ ތަން ކައިރިއަށް އައި ޔާސީނާ، އާސިމާ ހަވާލުކުރިއެވެ. އާސިމާ ގޮވައިގެން ޔާސީން ދިޔައީ ހަމަ އާދަމްގެ ގެއަށެވެ. އަދި އެ ގޭގައި އާސިމާ ބަންދު ކުރިއެވެ.

މިމްރާޙާއި ޝަމްޙާ ދުއްވައިގަތީ ބޮޑު ދިދަ ޖަހާފައި ހުރި ދިމާއަށެވެ. ނޫ ލަޝްކަރުގެ އެހެން މީހުން ދިޔައީ މަޑުމަޑުން ފަހަރަކު މީހަކު ޖަހައިގަނެ އެތެރެއަށް ވައްދަމުންނެވެ.

މިމްރާޙާއި ޝަމްޙާ ދިޔައީ ބޮޑު ދިދަ ޖަހަފާއި ހުރި ތަނަށެވެ. އެ މީހުން އަންނަ ތަން ފެނިފައި ބޮޑު ދިދަ ކައިރީ ތިބި ރަތް ލަޝްކަރުގެ މީހުން ފޮނުވަން ފެށިއެވެ. އެއިން ކޮންމެ މީހަކު ހަމަ ބިމަށް ތިރިކުރަމުން މިމްރާޙާއި ޝަމްޙާ ދިޔައެވެ. އަދި ބޮޑު ދިދަ ކައިރީ ހުރި މީހާއާ ހަމައަށް ދިޔައެވެ. މާލެ ވަށައިގެން ތިބި ރަތް ލަޝްކަރުގެ ބައެއް މީހުން އެ ދިމާއަށް އަންނަން ފެށިއެވެ. އެ މީހުންނާ ދިމާއަށް ޝަމްޙާ ތީރު އުކަން ފެށިއެވެ. ތީރުން ޖަހައި ގިނަ ބަޔަކު އޭނާ ދިޔައީ ހަމަ ބިމަށް ތިރިކުރަމުންނެވެ.

ބޮޑު ދިދަ ކައިރީ ހުރި މީހާއާއި ދިމާއަށް މިމްރާޙް ބަލަހައްޓައިގެން ހުރީ އެއީ ކާކު ކަން އޭނައަށް އެނގޭހެން ހީވާ ފަދަ ގޮތަށެވެ. އެ ތަނަށް ނޫ ލަޝްކަރުގެ އެހެން މީހުން ވެސް އަތުވެއްޖެއެވެ. މިމްރާޙަށް ރަތް ލަޝްކަރުގެ އެހެން މީހުންގެ ފަރާތުން ހިމާޔަތް ދިނުމަށް އެ މީހުން ދިޔައީ ދެން ތިބި މީހުނާއި ތޮޅުމެނުންނެވެ. ނޫ ލަޝްކަރުގެ މަދު މީހަކު ވެގެން އެ ބިޔަ ރަތް ލަޝްކަރުގެ ފަހަރަކު މީހަކު ހުއްޓުވަމުން ދިޔައެވެ. އެ ދަނޑިވަޅުގައި މިމްރާޙާ ދިމާއަށް ރަތް ލަޝްކަރު މީހަކު ތީރެއް ފޮނުވިއެވެ. ތީރު އަންނަ ކަން އެނގިގެން އެ ދިމާއަށް އޭނާ ބަލާލިއެވެ. މިމްރާޙްގެ ހަށިކޮޅުގައި ހެރުމުގެ ކުރިން ޝަމްޙާގެ މޭމައްޗަށް އެ ތީރު ހެރުނެވެ. އެ ހިނދުކޮޅަށް އެ ތަނަށް ޖަމާވެ ތިބި މީޑީއާގެ މީހުނާއި އާންމުންގެ މީހުނާއި ދެ ލަޝްކަރުގެ މީހުން ވެސް ހިމޭން ވެއްޖެއެވެ.

"ޝަމް.." ވެއްޓިފައި އޮތް ޝަމްޙާ ކައިރިއަށް ޖެހިލަމުން މިމްރާޙް ހަޅޭއްލަވައިގަތެވެ.

އޭނާގެ ނޭވާ އޮތީ ހުއްޓިފައެވެ. ރަތް ލަޝްކަރުގެ މީހުން ފޮނުވި ތީރުތައް އޮތީ މޭމައްޗާއި ބަނޑާ ދިމާއިން ވަރަށް ފުނަށް ހެރިފައެވެ. ޝަމްޙާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ މިމްރާޙް ރޯން ފެށިއެވެ. މިމްރާޙަށް އިހްސާސް ކުރެވުނީ އާއިލާގައި އެންމެ މީހަކު ހުރެ އެ މީހަކު ވަކިވެ ދިއުމުން ކުރާނެ ފަދަ އިހްސާސްތަކެވެ. އިރުތަކެއް ނުވެ މިމްރާޙާ ދިމާއަށް ރަތް ލަޝްކަރުގެ ބަޔަކު ގާތް ވާން ފެށުމުން ވަރަށް މައްޗަށް ފުންމާލާފައި، އޭނާގެ ދެ ފައިން ބޮޑު ދިދަ ކައިރި ހުރި މީހާ ތިރިކޮށްލިއެވެ. އަދި އެ މީހަކު އަނގަމަތީ އަޅައިގެން ހުރި ފޮތިގަނޑު ނެގިއެވެ. ޖަމްޝީދަށް އެޅުނީ ޅަ އެއްޗެކެވެ. ބޮޑު ދިދަ ކައިރީ ހުންނަން ރޭވީ ވެސް އެ ތަނުގައި ހިނގައިދާނެ ހަމަޖެހުމެއް ހުއްޓުވުމަށެވެ. އެކަމަކު މިމްރާޙް އައިސް އޭނާގެ އަނގަމަތީ އަޅައިގެން ހުރި ފޮތިގަނޑު ނެގުމުން އެންމެން ކުރިމަތީ ބޭޒާރުވީއެވެ.

"މި މީހުން އަހަރެން ގަދަ ކަމުން މި ތަނުގަ ބެހެއްޓީ.. މި ރަތް ލަޝްކަރު ގްރޫޕް.. އަހަރެންގެ ދުވަސް ދުއްވާލަން.. މި ނޫ ކުލައިގެ ހެދުން ލައިގެން ތިބި މީހުން ވެސް އުޅެނީ އެ މީހުނާ ގުޅިގެން.." ދިފާއު ވާން ވެގެން ޖަމްޝީދަށް އަނެއްކާ ވެސް އެޅުނީ ޅަ ފިޔަވަޅެކެވެ.

ޖަމްޝީދުގެ ވަފާވެރި ލަޝްކަރު ތެރޭ ލޭއޮހޮރުން ފެށިއްޖެއެވެ. އޭނާގެ އެ ފިނޑި އަމަލާ އެކީ ވެސް ވަފާވެރިވާން ތިބި މީހުނާއި އޭނާއަކީ އަމިއްލަ އެދުން ބޮޑު މީހެއް ކަން ޤަބޫލު ކުރެވުނު މީހުނާ ދެމެދުގައެވެ. އެކަކު އަނެކަކުގެ ލޭ އޮހޮރިގެންދާ ތަން ބަލަން އެންމެން ވެސް ތިއްބެވެ. ރަތް ލަޝްކަރުގެ މީހުން ދިޔައީ ލޭއޮހުރުވުން ކުރިއަށެވެ. ގިނަ ބަޔަކު މާލޭ މަގުމައްޗަށް ލޭއޮހޮރި މަރުވެގެން ދިއައީއެވެ. އެ ތަޅާފޮޅުންގަނޑު ހުއްޓުނީ އިރުއޮއްސެން ކައިރިވި ތަނާ ގިނަ ބަޔަކު ވަރުބަލިވެގެންނެވެ.

އެ ވަގުތަށް ބޮޑު ދިދަ ކައިރިއަށް އަންހެނަކު ފުންމާލިއެވެ. ރަތް ލަޝްކަރުގެ އެ އަންހެނަކީ ޙަލީމާ ކަން މިމްރާޙަށް ޔަޤީނެވެ. ދެ އަތުގައި ވަޅިއެއް އޮތެވެ. ދުވެފައި ގޮސް މިމްރާޙަށް ހަމަލާ ދޭން ދިޔައެވެ. މިމްރާޙް ވަރަށް ހުޝިޔާރެވެ. ހަމަލާއިން ސަލާމަތްވިއެވެ. ޙަލީމާ ނެގީ ކަނޑިއެކެވެ. ކަނޑިން ހަމަލާ ދޭން ދިމާކޮށްލުމުން މިމްރާޙްގެ ތީރު ދުނިން ކަނޑި ހިފެހެއްޓިއެވެ. އަދި ޙަލީމާ ދުރަށް ފޮނުވާލިއެވެ. ޙަލީމާއާއި މިމްރާޙާ ދެމެދު ވާދަވެރި ތެޅުމެއް ދިޔައެވެ. ބޮކްސިންގެ މެޗެއް ލައިވް ކުރާ ގޮތަށް އެއްވެ ތިބި މީޑިއާގެ މީހުން ދިޔައީ އެ މަންޒަރުތައް ލައިވްކުރަމުންނެވެ.

މަޑުމަޑުން ބޮޑު ދިދަ ކައިރީ ހުރި ޖަމްޝީދު ކައިރިއަށް ޖެހިލުމަށް ފަހު، އޭނާގެ އަތުގައި އޮތް ކަނޑި މިމްރާޙް ނެގިއެވެ. އަދި ޙަލީމާގެ މޫނު މަތީގައި ކަނޑިން އެތި ފަހަރެއް ޖަހާލިއެވެ. އެ ޖެހި ގޮތަށް ޙަލީމާ ބިން މައްޗަށް ވެއްޓުނެވެ.

"މަށަކީ ޤާތިލެއް ނޫން.. އަހަރެންގެ މަންމަ.. ޝަމްޙާ.. އަދިވެސް އެތައް ބަޔަކު.. ކަލެއަށް ދިން އަނިޔާއެއް ނެތް.. އަނިޔާ ދިން ބަޔަކަށް ބަދަލު ހިފުމުގެ ދަހިވެތިކަމުގައި ކުށެއް ނެތް އެތައް ބަޔަކަށް އަނިޔާ ދީގެން ތި ހުރީ.. ކަލެއަށް މާފެއް ނެތް.. ކަލޭ މަރާނީ ޝަރީއަތް މެދުވެރިކޮށް.. ހަނގުރާމަ މި ނިމުނީ.." ކުޑަކުއްޖެއް ގޮތަށް ރޮމުން މިމްރާޙް ބުންޏެވެ.

އެ ދުވަހުގެ ރޭ ޝަމްޙާގެ ޖަނާޒާގައި މާލޭގެ ގިނަ ބަޔަކު ބައިވެރިވިއެވެ. އިޝާ ނަމާދުގެ ފަހުން ޝަމްޙާގެ މައްޗަށް ކަށު ނަމާދު ކުރެވުނެވެ. ޝަމްހާގެ ޖަނާޒާގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅުނީ މިމްރާޙެެވެ. ތަކުރާއި އިމާ ވެސް ދިޔައީ މިމްރާޙަށް ހިތްވަރު ދެމުންނެވެ. މިމްރާޙްއާ އެކީ އެންމެ ކައިރިން މަސައްކަތް ކުރީ ނޫރާއެވެ. ލޯބިވެރިޔާގެ ހިތްވަރު އެލިގެންދާ މަންޒަރު ބަލަން ހުންނަން ނޫރާ ބޭނުން ނުވީއެވެ. ޝަމްޙާގެ ނެތުމުގެ ފަޅުކަން އެންމެން ވެސް އިހްސާސް ކުރެވެއެވެ. އަނގަ ގަދަ މިތުރު ނެތިގެން ދިއުމުން ނޫ ލަޝްކަރުގެ އާއިލާ އޮތީ މުޅިހެން ހިމޭންވެފައެވެ.

****

ދެ އަހަރު ފަސް.

ދިވެހި ދައުލަތާ ދެކޮޅަށް ރަތް ލަޝްކަރަކުން ކުރި ބަޣާވާތް ތަހުގީގުކޮށް ނިންމައި އޭގައި ބައިވެރިވި އެންމެނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ޙަލީމާއާއި ޖަމްޝީދަށް އިއްވީ މަރުގެ ހުކުމެވެ. އަދި މަރުގެ ހުކުމް ތަންފީޒު ވެސް ކުރިއެވެ. އެހެން ވިޔަސް އެ ދުވަހަށް ފަހު މާލޭގެ އިޖްތިމާއީ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މަގުމަތީ އިންސާފު ހޯދަން ނުކުމެ އުޅޭ މީހުން ގިނަވެއްޖެއެވެ. މިމްރާޙާއި އޭނާގެ ލަޝްކަރުގެ މަސައްކަތަށް ދެން ވެފައި އޮތީ ކުށް ކުރާ މީހުން ހޯދުމާއި މަގުމަތީ އިންސާފު ގާއިމް ކުރަން ނުކުމެ އުޅޭ މީހުން އަތުލުމުގެ މަސައްކަތް ދިވެހި ސަލާމަތީ ޚިދުމަތްތަކާ ގުޅިގެން ކުރުމެވެ. އެހެންވިޔަސް ނޫ ލަޝްކަރުގެ މަސައްކަތް މި ގޮތުގައި ދެމިގެންދާ ކަމީ ދައުލަތުގެ ސިއްރެކެވެ.

މިމްރާޙްއާއި ނޫރާ ކައިވެނިކުރިއެވެ. ކައިވެނި ކުރުމަށް ފަހު މިމްރާޙާއި ނޫރާ އުޅެނީ ވިލިނގިލީގައެވެ. އެ ގޭގައި އަސްލަމްއާއި ޙައްވާއާއި ޔާސީނާއި ޙަސަން ވެސް އުޅެއެވެ. އެއީ ދިވެހި ދައުލަތުން މި އާއިލާ އުޅެން ހަމަޖައްސައިދިން ގެއެކެވެ.

ވިލިނގިލި މަގުމަތީގައި މަގުމަތީ އިންސާފު ހޯދަން ނުކުމެ އުޅުނު ޒުވާނަކު މިމްރާޙް އަތުލައިގަތެވެ. އޭނާ ހުރީ މުޅި މޫނުގައި އެޅުވޭ ކަހަލަ މާސްކް އެއް އަޅައިގެނެވެ. ދެ ލޮލާއި އަނގައެއް އެ މާސްކްގައި ކަނޑާފައި ހުއްޓެވެ. އޭނާ ހިފަހައްޓައިގެން ގެންގޮސް ވިލިނގިލީގައި ހުންނަ ފުލުހުންގެ އިދާރާއަށް އެ މީހަކު ހަވާލު ކުރުމަށް ފަހު މިމްރާޙް ދިޔައީ ހަސްފަލާތަށެވެ.

ހަސްފަތާލުގައި ނޫރާ އެނދުމަތިކޮށްފައި އޮތީ މިމްރާޙްގެ ދަރިއަކަށް ބަލިވެ އިނދެގެނެވެ. އެ ކުއްޖަކު އުފަންވި ކަމުގެ ޚަބަރު ލިބިގެން މިމްރާޙް ހަސްފަތާލަށް ދިޔައީ ދުވެފައެވެ. އޭރު ނޫރާ ބާއްވާފައި އޮތް ކޮޓަރީގައި، ކުޑަކުދިން ބާއްވާފައި އޮންނަ އެނދެއްގައި އަންހެން ކުއްޖަކު އޮތެވެ. އެ ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން މިމްރާޙް ހުއްޓެވެ.

"ނޫރާއާ ހަމަ ވައްތަރީ.." އުފާވެރި ދިރިއުޅުމަކަށް މިމްރާޙް ކުރަމުން ދިޔަ ދިގު އިންތިޒާރަށް ނިމުން އައުމުގެ އިހްސާސް ކުރެވުނެވެ.

"ކިޔާނެ ނަމެއް ވިސްނައިފިންތަ.؟" މިމްރާޙް އެހިއެވެ.

"ޝަމްޙާ.." ނޫރާ ޖަވާބު ދިނެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ސަޅި ސަޅި👏👏👏👏 ماشاءالله😍😍😍 ވަރަށް ޝައުޤުވެރިކަމާއިއެކު ކިޔާލެވުނު ވާހަކައެއް💯 އަދިވެސް މިކަހަލަ އެހެން ވާހަކައަކަށް އިންތިޒާރުކުރެވޭ🤩

    5
    1
  2. ރަދީފް

    ވަރަށް ވަރަށް ރީތި ވާހަކައެއް. ވަހަކައިގެ ނިމުންވެސް ވަރަށް ފުރިހަމަ!

  3. ޕޫޕް

    ޕްލީސް 2ޕާރްޓް

    4
    1