މާންދޫ އިހާއާއި ގުޅުންހުރި އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ އިހާއާއި ގުޅުންހުރި އިތުރު 25 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި 126 މީހަކު ވަނީ ނައްސިވެފައެވެ.

މިއާއި އެކީ މި އިހަލުން ފައްސިވި މީހުންގެ އަދަދު ވަނީ 291 އަށް އަރާފައެވެ. އަދި މިވަގުތު 1296 ސުންކެއް ނަގާފައިވާއިރު، އޭގެ ތެރެއިން ނަތީޖާ ނުލިބި 192 ސުންކު އެބަ ހުއްޓެވެ. އެ ސުންކުތަކުން ނައްސިވެފައިވަނީ 813 ސުންކެކެވެ.

މާންދޫ އިހާ އާއި ގުޅުން ހުރި މީހުން ފޮނަދޫ، ދަނބިދޫގައި ވެސް އެބަ ތިއްބެވެ.

މާންދޫ އިހަލާއި ގުޅިގެން ގަމުން 130 އަށްވުރެ ގިނަ ގެއެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އަދި ގަމުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުންގެ ހިދުމަތް ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގޮތަކަށް އަތޮޅު ތެރެއިން 100 އަށްވުރެ ގިނަ މީހުން ފައްސިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.