ހއ. ދިއްދޫއިން ކޮވިޑް-19 ޖެހުނު މީހަކު ހާލު ދެރަވެގެން އިތުރު ފަރުވާ ދިނުމަށް ކޮވިޑް ފެސިލިޓިއަކަށް ގެންގޮސްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހާލު ދެރަވެގެން އިތުރު ފަރުވާއަށް ފޮނުވާލާފައިވަނީ ޒުވާން އަންހެނެކެވެ. އޭނާ ގެންގޮސްފައިވަނީ ށ. އަތޮޅު ކޮވިޑް ފެސިލިޓީއަށެވެ.

އޭނާ އަކީ އިއްޔެ ފައްސިވެފައިވާ އަންހެނެކެވެ. އަދި ބައްޔަށް ފައްސިވިއިރު، އެއީ އިތުރު ބައްޔަށް ބޭސް ކުރާ ނުވަތަ ހައިރިސްކު މީހެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ހއ. އިހަވަންދޫގައި ސަރުކާރުން ކޮވިޑް ފެސިލިޓީ އެއް ގާއިމު ކުރި ނަމަވެސް، ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން އެތަން އެއްވެސް ވަރަކަށް ބޭނުން ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ދިއްދޫއިން އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެރަށުން އޭރު ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކި މީހެކެވެ.

މި ވޭދަނަ އާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާއިރު، އޭނާ އާއި ގާތުން ބައްދަލުވި 14 މީހަކު ރަށުން ވަނީ ފައްސިވެފައެވެ.

ދިއްދޫ އަށް ދާދި ފަހުން ކޮވިޑް ޓެސްޓު ކުރެވޭ މެޝިނެއް ފޮނުވާފައިވާއިރު އެ މެޝިނުން ދުވާލަކަށް 20 ސުންކު ނެގޭނެ ކަމުގެ މައުލޫމާތު ލިބެއެވެ، އެ މެޝިން އަދި ދިއްދޫ އަށް ފޯރާފައި ނުވުމުން ދިއްދޫ އިން ނަގަމުން އަންމަ ސުންކުތައް މިހާރު ފޮނުވަމުން ގެންދަނީ ކުޅުދުއްފުއްޓާއި މާލެއަށެވެ. ނަމަވެސް، ކުރިއަށް ހުރި ދުވަސްތަކުގައި ދިއްދޫ އިން މި ޓެސްޓުތައް ހެދުމަށް މަގުފަހިވެގެން ދާނެއެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 503 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 76 މީހަކާއި އަތޮޅު ތެރެއިން ފައްސިވެފައިވާ 185 މީހެކެވެ. އެއާއި އެކީ ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 30،745 އަށް އަރާފައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 25،068 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 5،594 މީހަކަށެވެ. އޭގެ ތެރެއިން 172 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމްރަދު

    ދިއްދޫގަ ކޮވިޑް ފެސިލިޓީއެއް ނެތްކަން ވ ދެރަ. ރަނގަލު ޑޮކްޓަރަކު، އަދި އެކުއިޕްމެންޓެއްވެސްނެތް ތަނެއްގަ ހއ ކޮވިޑް ފެސިލިޓީއެޅީމަ ބޭނުމެއް ނުހިފުން އެދެވޭ ގޮތެއްގަ

    32